Roadha Mihaaru
ބޯޓުދެލި ބޭނުންކުރުން ހުއްޓާލުމަށް އެއްބަސްވެއްޖެ

ކޮޕް26: ބޯޓުދެލި ބޭނުންކުރުން ހުއްޓާލުމަށް އެއްބަސްވެއްޖެ

04 ނޮވެމްބަރ 2021

ހަކަތަ އުފެއްދުމަށްޓަކައި ބޯޓުދެލި އެންދުން ހުއްޓާލުމަށް، އިނގިރޭސި ވިލާތުގައި މިހާރު ކުރިއަށް ދާ، އދ.ގެ ތިމާވެއްޓާ ބެހޭ މަހާސިންތާ، ކޮޕް26ގެ ބައިވެރިން އެއްބަސްވެއްޖެ އެވެ.

ހަކަތަ އުފެއްދުމަށްޓަކައި ބޯޓުދެލި އެންދުން ހުއްޓާލުމަށް، އިނގިރޭސި ވިލާތުގައި މިހާރު ކުރިއަށް ދާ، އދ.ގެ ތިމާވެއްޓާ ބެހޭ މަހާސިންތާ، ކޮޕް26ގެ ބައިވެރިން އެއްބަސްވެއްޖެ އެވެ.

އިނގިރޭސި ސަރުކާރުން ބުނި ގޮތުގައި ބޯޓުދެލި އެންދުން ހުއްޓައިލުމަށް އެއްބަސްވީ، އެންމެ ގިނައިން ބޯޓުދެލި އަންދާ ބައެއް ޤައުމުތަކާއި ބައެއް ޖަމިއްޔާ ޖަމާއަތްތައް ހިމެނޭ ގޮތުން، 190 ފަރާތަކުންނެވެ. އޭގެ ތެރޭގައި، ހަކަތަ އުފެއްދުމަށް އެންމެ ގިނައިން ބޯޓުދެލި އަންދާ ގައުމުތައް ކަމަށްވާ، ޕޮލެންޑާއި ވިއެޓްނާމް އަދި ޗިލީ ވެސް ހިމެނެ އެވެ.

ދުނިޔެ ހޫނުވުމަށް މެދުވެރިވާ ވިހަ ގޭސްތައް ނުވަތަ ގެދަބުޅި ޖައްވުގެ ތެރެއަށް އެންމެ ގިނައިން ބޭރުކުރާ އެކައްޗަކީ ބޯޓުދެއްޔެވެ. ބިމު އަޑިން ނަގާ ތެޔޮ އެންދުމުން ޖައްވަށް އަރައިގެންދާ ގެދަބުޅި އަށް ވުރެ، ބޯޓުދެލި އެންދުމުން ޖައްވުގެ ތެރެއަށް އަރައިގެންދާ ގެދަބުޅި މާގިނަ އެވެ.

އެންމެ ގިނައިން އެކަން ކުރާ ބައެއް ގައުމުތައް ކަމަށްވާ، އޮސްޓްރޭލިޔާ، އިންޑިއާ، ޗައިނާ އަދި އެމެރިކާ، ބޯޓުދެލި އެންދުން ހުއްޓައިލުމުގެ އަހުދުނާމާގައި ސޮއެއް ނުކުރެ އެވެ. އެ އަހުދުނާމާގައި ސޮއިކުރި ހުރިހާ ގައުމުތަކުން އެއްބަސްވެފައިވަނީ، އެ ގައުމެއްގައި ވެސް އަދި އެހެން ގައުމެއްގައި ވެސް، ބޯޓުދެލިން ހަކަތަ އުފައްދާ އާ އިންޖީނުގެތައް އުފެއްދުމަށް އިންވެސްޓް ނުކުރުމަށެވެ.

ޗައިނާގައި ބިމު އަޑިން ކޮނެގެން ނަގާފައިވާ ބޯޓުދެލިތަކެއް ސާފުކުރުމުގެ މަސައްކަތް، ކާރުޚާނާއެއްގައި ކުރިއަށް ދަނީ. --އޭއެފްޕީ

ޗައިނާގައި ބިމު އަޑިން ކޮނެގެން ނަގާފައިވާ ބޯޓުދެލިތަކެއް ސާފުކުރުމުގެ މަސައްކަތް، ކާރުޚާނާއެއްގައި ކުރިއަށް ދަނީ. --އޭއެފްޕީ

އޭގެ އިތުރުން، އިގްތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ ގައުމުތަކުން، 2030ގެ ނިޔަލަށް، ބޯޓުދެލިން ހަކަތަ އުފެއްދުން އެކުގައި ހުއްޓައިލުމަށް އެއްބަސްވި އެވެ. އަދި ފަގީރު ގައުމުތަކުން 2040 ވަނަ އަހަރުގެ ނިޔަލަށް، ބޯޓުދެލިން ހަކަތަ އުފެއްދުން އެކުގައި ހުއްޓައިލުމަށް ވެސް މިއަހުދުނާމަގައި ވަނީ އެއްބަސްވެފަ އެވެ.

"ބޯޓުދެލި އެންދުން ހުއްޓައިލެވޭތަން މިހާރު އެބަފެނޭ. ދުނިޔެ މިހާރު ދަތުރުކުރަމުން މިދަނީ ރަނގަޅު މިސްރާބަށް. ބޯޓުދެލި ބޭނުންކުރުން ހުއްޓައިލުމަށް ތައްޔާރުވެގެން ދުނިޔެ މިހާރު ތެދުވެއްޖެ. ސާފު ހަކަތައިން ބާރު ލިބިދޭ، މިހާރަށް ވުރެ އުޖާލާ ކުރިމަގެއް ބިނާކުރުމުގެ އިގްތިސާދީ އަދި މާހައުލީ މަންފާތައް ހާސިލުކުރުމަށް ދުނިޔެ ތައްޔާރުވެއްޖެ،" އިނގިރޭސި ވިލާތުގެ ވިޔަފާރި އާއި ހަކަތައާ ބެހޭ ވަޒީރު ކުވާސީ ކްވަރްޓެންގް ވިދާޅުވި އެވެ.

ބޯޓުދެލި ބޭނުންކުރުން ހުއްޓައިލުމުގެ އަހުދުނާމާގައި މިހާތަނަށް ސޮއިކޮށްފައިވަނީ 40 ގައުމަކުންނެވެ. އޭގެ ތެރެއިން 18 ގައުމެއް ވަނީ، ބޯޓުދެލިން ހަކަތަ އުފެއްދުމާއި، ބޯޓުދެލިން ހަކަތަ އުފައްދާ އިންޖީނުގެތައް ބިނާކުރުމުގައި އިންވެސްޓުކުރުން ހުއްޓައިލުމަށް އެއްބަސްވެފަ އެވެ. އެ ގައުމުތަކުގެ ތެރޭގައި، ޕޮލެންޑް، ވިއެޓްނާމް އަދި ޗިލީ ހިމެނެ އެވެ.

ދުނިޔޭގެ ތިމާވެއްޓާ ބެހޭ ގޮތުން 2019 ވަނަ ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި، ދުނިޔޭގައި އުފައްދާ ހަކަތައިގެ ގާތްގަނޑަކަށް 37 ޕަސެންޓް އުފައްދަނީ، ބޯޓުދެލި އަންދައިގެންނެވެ.