Roadha Mihaaru
އިންގްލެންޑް ބަލިކޮށް ނިއުޒިލެންޑް ފުރަތަމަ ފައިނަލަށް

އިންގްލެންޑް ބަލިކޮށް ނިއުޒިލެންޑް ފުރަތަމަ ފަހަރަށް ފައިނަލަށް

11 ނޮވެމްބަރ 2021

އަބޫދާބީ (ނޮވެމްބަރު 11) - ޔޫއޭއީގައި ކުރިޔަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އިންގްލެންޑާ ވާދަކޮށް ފަސް ވިކެޓުން މޮޅުވެ، ނިއުޒިލެންޑުން ފުރަތަމަ ފަހަރަށް ފައިނަލުގެ ޖާގަަ ހޯދަައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އަބޫދާބީ (ނޮވެމްބަރު 11) - ޔޫއޭއީގައި ކުރިޔަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އިންގްލެންޑާ ވާދަކޮށް ފަސް ވިކެޓުން މޮޅުވެ، ނިއުޒިލެންޑުން ފުރަތަމަ ފަހަރަށް ފައިނަލުގެ ޖާގަަ ހޯދަައިފި އެވެ.

ނިއުޒިލެންޑަށް ޓޮސް ދިމާވުމުން ފުރަތަމަ ކުޅެން އެރީ އިންގްލެންޑެވެ. އެ ޓީމުން ކުޅެން އަރައި 20 އޯވަރު ތެރޭ ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 166 ލަނޑެވެ. މި އިނިންގްސް ގައި އިންގްލެންޑަށް އެންމެ ގިނަ ލަނޑު ހަދައިދިނީ ނުބަައި ނުވެ 37 ބޯޅައިން 51 ލަނޑު ހެދި މޮއީން އަލީ އެވެ.

ޖަވާބުގައި ކުޅެން އަރައި ނިއުޒިލެންޑުން ވަނީ 19 އޯވަރުން ފަސް ކުޅުންތެރިން ނުބައި ވެގެން 167 ލަނޑު ހަމަ ކޮށްފަ އެވެ. އެޓީމުގެ އޯޕަނިން ބެޓްސްމަން ޑެރީލް މިޝޭލް ނުބައި ނުވެ 47 ބޯޅައިން 72 ލަނޑު ހެދިއިރު، 50 ލަނޑު ހަމަކުރީ 41 ބޯޅައިންނެވެ.

މި އިނިންގްސްގެ 16 ވަނަ އޯވަރު ނިމި، ބާކީ ހަތަރު އޯވަރު އޮއްވައި ނިއުޒިލެންޑަށް ވަނީ އެޓީމުގެ ރަން ރޭޓް ވަރަށް ބޮޑަށް ރަނގަޅު ކުރަން ޖެހިފަ އެވެ. ފައިނަލުގެ ޖާގައެއް ހޯދަން 24 ބޯޅައިން 57 ލަނޑު ހެދުން މަޖުބޫރު ވީއިރު، އެޓީމުން ފައިނަލުގެ ޖާގަ ޔަގީން ކުރީ، އޯވަރެއްގެ ކުޅުން ބާކީ އޮއްވައި، މެޗު ކާމިޔާބު ކޮށްގެންނެވެ.

ނިއުޒިލެންޑް ވަނީ މީގެ ކުރިން ދެ ފަހަރަކު މި މުބާރާތުގެ ސެމީ ފައިނަލުގައި ކުޅެ، ބަލިވެފަ އެވެ. އެންމެ ފަހުން 2016 ވަނަ އަހަރު ސެމީ ފައިނަލުގައި ވާދަކޮށް ބަލިވީ އިންގްލެންޑް އަތުންނެވެ. އިންގްލެންޑް ވަނީ މުބާރާތުގެ ފައިނަލުގައި ދެ ފަހަރު ވާދަކޮށް، އެއް ފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

އަަންނަ އާދިއްތަ ދުވަހުގެ ރޭ ކުޅޭ ފައިނަލް ވެގެންދާނީ ބައިނަލްއަގުވާމީ ކްރިކެޓް މުބާރާތެއްގެ ފައިނަލުގައި ނިއުޒީލެންޑް ޖެހިޖެހިގެން ވާދަކުރާ ތިންވަނަ ފަހަރަށެވެ. އެޓީމު ވަނީ 2019 ވަނަ އަހަރު އޮތް 50 އޯވަރުގެ ވަން-ޑޭ ކްރިކެޓް ވޯލްޑް ކަޕާއި ހަމަ އެ އަހަރު މުޅިން އަލަށް ފެށި ވޯލްޑް ޓެސްޓް ޗެމްޕިއަންޝިޕުގެ ފައިނަލުގައި ވެސް ކުޅެފަ އެވެ.

ވަން-ޑޭ ކްރިކެޓް ވޯލްޑް ކަޕުގެ ފައިނަލުގައި އެޓީމު ކުޅުނީ އިންގްލެންޑާ ދެކޮޅަށެވެ. ނިއުޒިލެންޑް މެޗް ކާމިޔާބުކުރީ، ދެ ޓީމު ވެސް ނަތީޖާ އެއްވަރުވުމުން ކުޅުނު ސުޕަ އޯވަރު ކާމިޔާބު ކޮށްގެންނެވެ. ޓެސްޓް ޗެމްޕިއަންޝިޕް 2019-2021 ނިއުޒިލެންޑް ކާމިޔާބު ކުރީ މި އަހަރު ކުޅުނު ފައިނަލުގައި އިންޑިއާ ބަލިކޮށްގެންނެވެ.

ފައިނަލުގައި ނިއުޒިލެންޑާ ދެކޮޅަށް ނުކުންނާނީ، މިރޭ ސެމީ ފައިނަލުގެ ދެވަނަ މެޗުން މޮޅުވާ ޓީމެކެވެ. ސެމީގެ ދެވަނަ މެޗުގައި މިރޭ ނުކުންނާނީ ޕާކިސްތާނާއި އޮސްޓްރޭލިއާ އެވެ.