Roadha Mihaaru
ޓީ20 ވޯލްޑް ކަޕް އޮސްޓްރޭލިއާ ކާމިޔާބު ކޮށްފި

އޮސްޓްރޭލިއާ އިން ފުރަތަމަ ފަހަރަށް ޓީ20 ވޯލްޑް ކަޕް ކާމިޔާބު ކޮށްފި

15 ނޮވެމްބަރ 2021

ދުބާއީ (ނޮވެމްބަރު 15) – އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) ޓީ20 ވޯލްޑް ކަޕް 2021 ގެ ފައިނަލުގައި ނިއު ޒިލެންޑާ ވާދަކޮށް، އަށް ވިކެޓުން މެޗު ކާމިޔާބު ކޮށް، އޮސްޓްރޭލިއާ ފުރަތަމަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ދުބާއީ (ނޮވެމްބަރު 15) – އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) ޓީ20 ވޯލްޑް ކަޕް 2021 ގެ ފައިނަލުގައި ނިއު ޒިލެންޑާ ވާދަކޮށް، އަށް ވިކެޓުން މެޗު ކާމިޔާބު ކޮށް، އޮސްޓްރޭލިއާ ފުރަތަމަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި އެވެ.

ދުބާއީ އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ކުޅެން އެރީ ނިއު ޒިލެންޑެވެ. އެ ޓީމުން 20 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައި ވެގެން 176 ލަނޑު ހެދި އެވެ. އެން މެ ރަނގަޅަށް ކުޅުނީ 48 ބޯޅައިން 85 ލަނޑު ހެދި އެ ޓީމުގެ ކެޕްޓަން ކޭން ވިލިއަމްސަން އެވެ.

ވިލިއަމްސަން ނުބައި ކޮށްލީ މި އިނިންސްގައި އޮސްޓްރޭލިއާ އިން ނެގި ހަތަރު ވިކެޓުގެ ތެރެއިން ތިން ވިކެޓު ނެގި ޖޯޝް ހެޒްލްވުޑެވެ. ހަތަރު އޯވަރުގައި ހެޒްލްވުޑް އުކިއިރު އޭނާ އިދިކޮޅަށް ދިނީ އެންމެ 16 ލަނޑެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު މާޝް (ވ) އާއި، މުބާރާތުގެ މޮޅު ކުޅުންތެރިޔާ ވާނާ (ކ).--

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު މާޝް (ވ) އާއި، މުބާރާތުގެ މޮޅު ކުޅުންތެރިޔާ ވާނާ (ކ).--

ޖަވާބުގައި ކުޅެން އަރައި އޮސްޓްރޭލިއާ މޮޅުވީ 18.5 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 177 ލަނޑު ހަދައިގެންނެވެ. އޮސްޓްރޭލިއާގެ މިޝޭލް މާޝް ނުބައި ނުވެ 50 ބޯޅައިން 77 ލަނޑު ހެދި އެވެ. އޭނާ 50 ލަނޑު ހަމަކުރީ 31 ބޯޅައިންނެވެ. މި ފައިނަލް މެޗުގެ ކުރިން ޓީ20 ވޯލްޑް ކަޕް ފައިނަލެއްގައި އެންމެ އަވަހަށް 50 ލަނޑު ހަމަކުރުމުގެ ރެކޯޑް އޮތީ 2014 ގައި 33 ބޯޅައިން ލަނޑު ހަމަކުރި ސްރީ ލަންކާގެ ކުމާރު ސަންގަކަރަ އާއި 2016 ވަނަ އަހަރު މި ރެކޯޑާ ހަމަކުރި އިންގްލެންޑުގެ ޖޯ ރޫޓް އަތުގަ އެވެ. ރޭގެ ފައިނަލުގެ ފުރަތަމަ އިނިންސްގައި ނިއުޒިލެންޑުގެ ވިލިއަމްސަން 50 ލަނޑު ހަމަކުރީ 32 ބޯޅައިންނެވެ.

އޮސްޓްރޭލިއާގެ އޯޕަނިން ބެޓްސްމަން ޑޭވިޑް ވާނާ 38 ބޯޅައިން 52 ލަނޑު ހެދި އެވެ. ވާނާއާއެކު އޯޕަނިންގައި ކުޅެން ނުކުތް އޮސްޓްރޭލިއާގެ ކެޕްޓަން އާރޮން ފިންޗުގެ ވިކެޓު ނެގީ ޓްރެންޓް ބޯލްޓް އެވެ.

މުޅި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ވާނާ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މާޝް އެވެ.

އޮސްޓްރޭލިއާ އާއި ނިއު ޒިލެންޑަކީ ވެސް ގަދަ 12 ޓީމު ކުޅުނު ބުރުގެ ދެ ގުރޫޕުގެ ވެސް ދެވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދި ދެ ޓީމެވެ.

އަންނަ އަހަރުގެ ޓީ20 ވޯލްޑް ކަޕް ބާއްވަން ހަމަޖެހިފައި ވަނީ އޮސްޓްރޭލިއާގަ އެވެ.