Roadha Mihaaru
10 ވިކެޓުން އިންޑިއާ ބަލިކޮށް އިންގްލެންޑް ފައިނަލަށް

10 ވިކެޓުން އިންޑިއާ ބަލިކޮށް އިންގްލެންޑް ވޯލްޑް ކަޕުގެ ފައިނަލަށް

10 ނޮވެމްބަރ 2022

އެލެކްސް ހޭލްސް އާއި ޖޮސް ބަޓްލާ ނުބައިނުވެ ހެދި ބައި ސައްތަތަކާ އެކު 10 ވިކެޓުން އިންޑިއާ ބަލިކޮށް އިންގްލެންޑުން ޓީޓްވެންޓީ ކްރިކެޓް ވޯލްޑް ކަޕުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އެލެކްސް ހޭލްސް އާއި ޖޮސް ބަޓްލާ ނުބައިނުވެ ހެދި ބައި ސައްތަތަކާ އެކު 10 ވިކެޓުން އިންޑިއާ ބަލިކޮށް އިންގްލެންޑުން ޓީޓްވެންޓީ ކްރިކެޓް ވޯލްޑް ކަޕުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އަންނަ އާދީއްތަ ދުވަހު އޮސްޓްރޭލިއާގެ މެލްބަންގައި ކުޅޭ ފައިނަލުގައި އިންގްލެންޑް ބައްދަލުކުރާނީ ޕާކިސްތާނާ އެވެ. އެ ޓީމުން ފައިނަލުން ޖާގަ ހޯދީ އިއްޔެ ނިއު ޒީލެންޑް އަތުން ހަތް ވިކެޓުން މޮޅުވެގެންނެވެ.

ގިނަ ބަޔަކު އިންތިޒާރުކޮށްގެން ތިބި ގޮތަށް އިންޑިއާ އާއި ޕާކިސްތާނުގެ ފައިނަލެއް މި ފަހަރު ނުފެނުނު ނަމަވެސް، ޕާކިސްތާން އާއި އިންގްލެންޑުގެ ކުރިމަތިލުން ވެސް ވަކި ފޯރި ކުޑައެއް ނުވާނެ އެވެ.

މީގެ ކުރިން 1992 ވަނަ އަހަރު އޮސްޓްރޭލިއާގައި އޮތް 50 އޯވަރުގެ ކްރިކެޓް ވޯލްޑް ކަޕުގެ ފައިނަލުން ޕާކިސްތާން ވަނީ އިންގްލެންޑް ބަލިކޮށްފަ އެވެ. ޕާކިސްތާނުގެ އޭރުގެ ތަރިއަކީ އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާނެވެ.

ޕާކިސްތާނާއި އިންގްލެންޑަކީ ވެސް ގްރޫޕް ސްޓޭޖުގައި ދަށް ނަތީޖާތަކާ ކުރިމަތިވެ ގްރޫޕުގެ ދެ ވަނަ ޓީމުގެ ގޮތުގައި ސެމީ އަށް ދިޔަ ދެ ޓީމެވެ. އެކަމަކު ގްރޫޕް ސްޓޭޖުގައި ވަރުގަދަކޮށް އޮތް ނިއު ޒީލެންޑާއި އިންޑިއާ އަށް ވުރެ ހުރިހާ ގޮތަކުން ވެސް މޮޅު ކުޅުމެއް ދެ ޓީމުން ސެމީގައި ދެއްކި އެވެ.

މިއަދުގެ މެޗުގެ ޓޮސް ދިމާވުމުން އިންގްލެންޑުން ގަސްދުކުރީ ހޮވަން އަރާށެވެ. އިންޑިއާ ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 168 ލަނޑު ދިނެވެ. އެންމެ މޮޅަށް ކުޅުނީ 33 ބޯޅައިން 63 ލަނޑު ހެދި ހަރްދިކް ޕަންޑްޔާ އެވެ. އޭނާ ނުބައިވީ ފަހު އޯވަރުގަ އެވެ. އިންޑިއާގެ ވިރާތު ކޯލީ ވެސް ވަނީ 40 ބޯޅައިން 50 ލަނޑު ހަދައިފަ އެވެ. އިންޑިއާ އިން އިނިންގްސް ފެށިއިރު ދަށްކޮށް ދިޔަ ނަމަވެސް ފަހުން ސްކޯ ރަނގަޅުކުރި އެވެ. އެކަމަކު ކޯލީ ބައި ސައްތަ ހެދުމަށް ފަހު ދެން އައި ބޯޅައިން ނުބައިވި އެވެ. އޭގެ ފަހުން ހަރްދިކް ވަނީ އިންޑިއާ އަށް ގިނަ ލަނޑުތަކެއް ހަދައިފަ އެވެ.

އިންގްލެންޑުން ކުޅެން އަރާ 16 އޯވަރުގެ ތެރޭ އެންމެ ކުޅުންތެރިއެއް ވެސް ނުބައިނުވެ 170 ލަނޑު ހަދައިގެން މޮޅުވި އެވެ. އިންގްލެންޑުން އިނިންގްސް ފެށި ގޮތަށް ހަދަން ފެށި ލަނޑުތަކަށް ހުއްޓުމެއް ނުގެނެ އެވެ. އަދި އިންޑިއާގެ އުކުން ދަށްވުމުން، އިންގްލެންޑުގެ ކުޅުންތެރިއަކު ނުބައިވާ ގޮތެއް ނުވުމުން އެ ޓީމުގެ ލަނޑު ރޭޓު ދިޔައީ ހައްތަހާ މަތި ވަމުންނެވެ. އިންގްލެންޑުގެ ކެޕްޓަން ބަޓްލާ ވަނީ 49 ބޯޅައިން 80 ލަނޑު ހަދައިފަ އެވެ. އަދި ހޭލްސް ވަނީ 47 ބޯޅައިން 86 ލަނޑު ހަދައިފަ އެވެ.