Roadha Mihaaru
ޑްރަގް މައްސަލައާއެކު އަނަންޔާ އަށް ފިލްމެއް ގެއްލިއްޖެ

ޑްރަގް މައްސަލަގަނޑާ އެކު އަނަންޔާ އަށް ފިލްމެއް ގެއްލިއްޖެ

25 އޮކްޓޯބަރ 2021

މަސްތުވާތަކެތީގެ މައްސަލައެއްގައި ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާންގެ ހައްޔަރާ އެކު މިހާރު ހޫނުވެފައިވާ މައްސަލަގަނޑުގެ ތެރެއިިން ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) ގެ ރާޑަރަށް ޒުވާން ބަތަލާ އަނަންޔާ ޕާންޑޭ އަރާފައިވާތީ އެކަމާ ހެދި އޭނާ އަށް މިހާރު ވެސް ފިލްމެއް ގެއްލިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަސްތުވާތަކެތީގެ މައްސަލައެއްގައި ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާންގެ ހައްޔަރާ އެކު މިހާރު ހޫނުވެފައިވާ މައްސަލަގަނޑުގެ ތެރެއިިން ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) ގެ ރާޑަރަށް ޒުވާން ބަތަލާ އަނަންޔާ ޕާންޑޭ އަރާފައިވާތީ އެކަމާ ހެދި އޭނާ އަށް މިހާރު ވެސް ފިލްމެއް ގެއްލިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ ޗަންކީ ޕާންޑޭގެ ދަރިފުޅަށް ރޯލެއް ހުށަހަޅާފައިވާ މަޝްހޫރު ތަމަޅަ އެކްޓަރު ވިޖޭގެ 66 ވަނަ ފިލްމަށް އަނަންޔާ ނުނަގަން މިހާރު ނިންމާފައިވާ ކަމަށެވެ. އެކަމަކު އެކަން އަދި ރަސްމީކޮށް ކަށަވަރެއް ނޫނެވެ. ނަމަވެސް އެންސީބީން މިހާރު ކުރިއަށް ގެންދާ އަރިއަނާ ގުޅިގެން ހުރި މަސްތުވާތަކެތީގެ ކޭހާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަނަންޔާއާ އެކި ފަހަރުމަތިން ސުވާލު ކޮށްފައިވެ އެވެ. އަދި އޭނާގެ ފޯނާއި ލެޕްޓޮޕް ވެސް ވަނީ އެންސީބީގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

އެންސީބީއާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނި ގޮތުގައި މި މައްސަލައިގެ ތެރެއިން އަނަންޔާގެ ނަން ތިލަވީ އަރިއަންއާ އެކު މަސްތުވާތަކެއްޗާ ބެހޭ މުއާމަލާތްތަކެއް ވަޓްސްއެޕްގައި ހިންގާފައިވާ ކަމަށް ބެލެވުމާ ގުޅިގެންނެވެ. އެގޮތުން ވީޑް ހޯދުމުގެ ވާހަކަ އާއި ފައިސާގެ ޓްރާންސެކްޝަންތަކާ ބެހޭ ވާހަކަތަކެއް އެ ދެ މީހުންގެ މެދުގައި ދެކެވިފައިވާ ކަމަށްވެ އެވެ.

އަނަންޔާ މިދިޔަ މަހު ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް.

ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި އަނަންޔާ އެންސީބީ އަށް ދިން ބަޔާނުގައި ވީޑަކީ މަސްތުވާއެއްޗެއްކަން ނޭނގޭ ކަމަށާއި އެފަދަ ވާހަކަތަކެއް ދައްކާފައި ހުރީ މަޖަލަކަށް ކަމަށް ބުނެފައިވެ އެވެ. އަދި 2018-2019 ގެ ތެރޭގައި އަރިޔަން އަށް މަސްތުވާތަކެތި ހޯދައި ދިނުމުގެ އިންތިޒާމުތަކެއް ވެސް އަނަންޔާ ބައިވެރިވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

މި ސަަބަބުތަކާ ހެދި އެންސީބީން އަންނަނީ އަރިއަންއާ ގުޅުން ހުރި މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުންނެވެ. އޭނާއާ އެކު އިތުރު ހަތް ޒުވާނަކު މި މަހުގެ 2 ވަނަ ދުވަހުގެ ރޭ ހައްޔަރުކުރީ މަސްތުވާތަކެއްޗާ އެކު ކްރޫޒްލައިނާއެއްގައި ޕާޓީކުރާ ކަމަށް އެންސީބީ އަށް ލިބުނު ރިޕޯޓަކާ ގުޅިގެންނެވެ. އަރިއަން ހައްޔަރުކުރި ފަހުން ތިން ފަހަރެއްގެ ނަތިން އޭނާގެ ކަފާލާތުގެ މައްސަލަ ވެސް ކޯޓުން ބޭރުކޮށްފައިވެ އެވެ.

ވިޖޭ (މެ)0 ގައި 66 ވަނަ ފިލްމުގެ ޑައިރެކްޓަރާއި ޕްރޮޑިއުސަރާ އެކު

މި މައްސަލަގަނޑުގެ ތެރެއިން އަނަންޔާގެ ނަމަށް ހުތުރު އަރާފައިވާ އިރު 22 އަހަރުގެ ބަތަލާ އަކީ 2019 ގެ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން އެކްޓިން އަށް ނުކުތް ބަތަލާއެކެވެ. އޭނާގެ އަތުގައި މިހާރު ވެސް ދެ ފިލްމެއް އެބައޮތެވެ. އެއީ ޝޫޓިން ނިންމާފައި އޮތް ކަރަން ޖޯހަރް ޕްރޮޑިއުސް ކޮށްފައިވާ ތުރިލާއަކާއި ޝޫޓިން އަދި ނުނިމޭ ކަރަން ޕްރޮޑިއުސްކުރާ "ލައިގާ" އެވެ. ރިޕޯޓްތައް ބުނާ ގޮތުން އެންސީބީން އަނަންޔާ ސުވާލު ކުރަން ފަށާފައި މި ވަނީ މިއަދު "ލައިގާ" ގެ ލަވައެއް ޝޫޓް ކުރަން ވެސް ތައްޔާރީތައް ވެފައި ވަނިކޮށެވެ.

ވިޖޭގެ ފިލްމު އަނަންޔާ އަށް ގެއްލިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ އިރު އެ ފިލްމަކީ ވަމްޝީ ޕައިޑިޕައްލީ ޑައިރެކްޓްކުރާ އެއްޗެކެވެ. "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގެ ފަހުން ރިލީޒްވި އަނަންޔާގެ ފިލްމުތަކަކީ 2019 ގެ "ޕަތީ ޕަތުނީ އޯރް ވޯ" އާއި މިދިޔަ އަހަރުގެ "ކާލީ ޕީލީ" އެވެ.

މަސްތުވާތަކެއްޗާ ގުޅުން އޮތް ކަމަށް ބެލެވިގެން މިދިޔަ އަހަރުގެ ތެރޭގައި ވެސް ބޮލީވުޑްގެ ބަތަލާއިންތަކަކާ އެންސީބީން ސުވާލު ކޮށްފައިވެ އެވެ. އޭގެ ތެރޭގައި ދީޕިކާ ޕަދްކޯނާއި ޝްރަދާ ކަޕޫރާއި ސާރާ އަލީ ޚާން އަދި ރަކުލް ޕްރީތު ސިންގް ހިމެނެ އެވެ.