Roadha Mihaaru
ހުކުމް ތަންފީޒު ފަސްކުރުމަށް އާ ބާވަތުގެ އަމުރެއް

ހުކުމް ފަސް ކުރިޔަސް، ފައިސާ ދައްކަންޖެހޭ ގޮތަށް ފުރަތަމަ ފަހަރަށް އަމުރެއް

14 ނޮވެމްބަރ 2021

ހުކުމް ތަންފީޒު ކުރުން ފަސް ކުރިޔަސް، ހުކުމާ އެއްގޮތަށް ކޯޓަށް ފައިސާ ދައްކަންޖެހޭ ގޮތަށް ފުރަތަމަ ފަހަރަށް ހައި ކޯޓުން އަމުރެއް ނެރެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހުކުމް ތަންފީޒު ކުރުން ފަސް ކުރިޔަސް، ހުކުމާ އެއްގޮތަށް ކޯޓަށް ފައިސާ ދައްކަންޖެހޭ ގޮތަށް ފުރަތަމަ ފަހަރަށް ހައި ކޯޓުން އަމުރެއް ނެރެފި އެވެ.

މަދަނީ މައްސަލަތަކުގައި ކުރިން އަމަލު ކުރަމުން އައި ގޮތަކީ ފައިިސާ ދައްކަން ކުރާ ހުކުމްތައް އިސްތިއުނާފު ކޮށްފި ނަމަ، އިސްތިއުނާފުގެ މައްސަލަ ނިމެންދެން އެ ހުކުމަކަށް އަމަލު ކުރުން ފަސްކުރުމެވެ. އެހެންވެ، އެ މުއްދަތުގައި ފައިސާ ވެސް ދައްކާކަށް ނުޖެހެ އެވެ. އެކަމަކު ދާދި ފަހުން ސުޕްރީމް ކޯޓުން ނެރުނު ޕްރެކްޓިސް ޑައިރެކްޝަންގައި ހަމަޖައްސާފައި ވަނީ ފައިސާ ދައްކަން ކުރާ ހުކުމްތައް ތަންފީޒު ކުރުން ފަސް ކުރިޔަސް، ހުކުމާ އެއްގޮތަށް ކޯޓަށް ފައިސާ ދައްކަން އެންގިދާނެ ކަމަށެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ހަމަޖެއްސި ފަހުން ފުރަތަމަ ފަހަރަށް އެފަދަ އަމުރެއް ހައި ކޯޓުން ނެރުނީ ކުންފުންޏަކަށް މީހަކު ދައްކަންޖެހޭ ފައިސާތަކެއްގެ މައްސަލައިގަ އެވެ.

ދަށު ކޯޓުގެ ހުކުމް އެ މީހާ އިސްތިއުނާފު ކުރުމަށް ފަހު، ހުކުމް ތަންފީޒު ފަސްކުރުމުގެ އަމުރަކަށް އެދުމުން ހައި ކޯޓުން މިދިޔަ ބުދަ ދުވަހު ނިންމީ ދަށު ކޯޓުގެ ހުކުމާ އެއްގޮތަށް އެ މީހާގެ ފަރާތުން ދަށު ކޯޓަށް ފައިސާ ދައްކަން ޖެހޭނެ ކަމަށެވެ. އެކަމަކު އިސްތިއުނާފުގެ މައްސަލަ ހައި ކޯޓުން ނިމެންދެން ނުވަތަ ވަކި ގޮތެއް އަންގަންދެން އެ ފައިސާ ދޫނުކޮށް ހިފަހައްޓަން ދަށު ކޯޓަށް އަންގާ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރުއްވި އެ އަމުރުގައިވެ އެވެ.

ސުޕްރީމް ކޯޓުން ހަމަޖައްސާފައިވާ ގޮތުން ހުކުމް ތަންފީޒު ކުރުން ފަސް ކުރާއިރު، ހުކުމާ އެއްގޮތަށް އަމަލު ކުރާނެ ކަމުގެ ޔަގީން ކަމެއްގެ ގޮތުން ސެކިއުރިޓީ ޑިޕޮސިޓެއް ބަހައްޓަން ވެސް އެންގިދާނެ އެވެ.