Roadha Mihaaru
އާމްދަނީ ނުލިބި ބަޖެޓަށް އެއް ބިލިއަނުން ދަރަނިވެދާނެ

ލަފާކުރި އާމްދަނީ ނުލިބި، ޑެފިސިޓަށް ބިލިއަނެއް އިތުރުވެދާނެ: އޮޑިޓަ ޖެނެރަލް

14 ނޮވެމްބަރ 2021

އަންނަ އަހަރުގެ ބަޖެޓުގައި ލިބޭނެ ކަމަށް ލަފާ ކޮށްފައިވާ އާމްދަނީ ނުލިބިއްޖެ ނަމަ ބަޖެޓް ޑެފިސިޓަށް އެއް ބިލިއަން ރުފިޔާ އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށް އޮޑިޓަ ޖެނެރަލް ހުސައިން ނިޔާޒީ މިއަދު ވިދާޅުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އަންނަ އަހަރުގެ ބަޖެޓުގައި ލިބޭނެ ކަމަށް ލަފާ ކޮށްފައިވާ އާމްދަނީ ނުލިބިއްޖެ ނަމަ ބަޖެޓް ޑެފިސިޓަށް އެއް ބިލިއަން ރުފިޔާ އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށް އޮޑިޓަ ޖެނެރަލް ހުސައިން ނިޔާޒީ މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައި ވަނީ 9.7 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ. މި އަދަދު އިތުރުވެދާނެ ކަމަށް އޮޑިޓް އޮފީހުން ލަފާ ކުރަނީ އާމްދަނީ ހޯދުމަށް އަލަށް ކުރަން ނިންމާފައިވާ ކަންކަމާއި ހިލޭ އެހީން ލިބޭނެ ކަމަށް ލަފާ ކޮށްފައިވާ އާމްދަނީ ނުލިބޭނެ ކަމަށް ބަލަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި ނިޔާޒީ ވަނީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ކަނޑައަޅާފައިވާ ބައެއް ކަންކަމުން އާމްދަނީ ލިބޭނެ ކަމާ ދޭތެރޭ ސުވާލު އުފައްދަވައިފަ އެވެ. އެހެންވެ ބަޖެޓު އިތުރަށް ޑެފިސިޓް ނުވާނެ ހެން ޕްރޮޖެކްޓުތައް ހިންގުމަށް އޭނާ ވަނީ ސަރުކާރަށް ލަފާ ދެއްވައިފަ އެވެ.

"މިހާރު އޮވައޯލް ޑެފިސިޓަކީ ޖީޑީޕީގެ ނިސްބަތުން 11 ޕަސެންޓް. އެހެންވީމާ މިގޮތުގައި މެއިންޓެއިން ކުރުމަށްޓަކައި އިތުރަށް ބަޖެޓް ޑެފިސިޓް ނުވާނެ ހެން ޕީއެސްއައިޕީ ޕްރޮޖެކްޓުތައް ވެސް މެނޭޖު ކުރުމަކީ މުހިންމު ކަމެއް."

އޮޑިޓް އޮފީހުގެ ޑިރެކްޓަރު އަހުމަދު ޝާން ބަޖެޓާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރައްވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

އޮޑިޓް އޮފީހުގެ ޑިރެކްޓަރު އަހުމަދު ޝާން ބަޖެޓާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރައްވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

އޮޑިޓް އޮފީހުގެ ޑިރެކްޓަރު އަހުމަދު ޝާން ވިދާޅުވީ އަންނަ އަހަރު އާމްދަނީ ހޯދަން އަލަށް ކުރާ ކަންކަމުގެ ތެރޭގައި ހިމެނޭ ޕްލާސްޓިކް ކޮތަޅުން ޓެކްސް ނެގުމާއި ބިން ވިއްކުމަކީ ގާނޫނާއި ގަވާއިދުތަކަށް ބަދަލު ގެނެސްގެން ކުރެވޭނެ ކަންކަމަށް ވާއިރު ކުރިން އެކަންކަން ނުކުރެވިއްޖެ ނަމަ އެ ދެ ކަމުން ލިބޭނެ ކަމަށް ލަފާ ކުރި އާމްދަނީ ނުލިބޭނެ ކަމަށެވެ. އަދި ރިއަލްއެސްޓޭޓަށް ހިއްކައި ބިން ދޫކުރުމާއި ޓޫރިޒަމަށް ރަށް ދޫކުރުމުގައި ވެސް ގޮންޖެހުންތަކާ ދިމާވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕްލާސްޓިކް ކޮތަޅުން ނެގޭ ޓެކްސްގެ ގޮތުގައި 47.7 މިލިއަން ރުފިޔާ، އަދި ބިން ވިއްކައިގެން ލިބޭނެ ކަމަށް ލަފާ ކޮށްފައިވާ 300 މިލިއަން ރުފިޔާ. މި ދެ ކަންތައްތަކަކީ ގާނޫނަށް، ގަވާއިދަށް ބަދަލެއް ގެނެސްގެން ނޫން ގޮތަކަށް ނެގޭނެ އެއްޗެއް ނޫން. ކުރީ އަހަރުތަކުގެ އެކްސްޕީރިއެންސަށް ބަލާއިރު އަހަރުގެ ތެރޭގައި މިކަންކަން ތަންފީޒުވާއިރު އަހަރުގެ ވަރަށް ބޮޑުބައެއް ހިނގައިފަ އޮންނަނީ. އެހެންވެ ބަޖެޓު ކުރާ ވަރަށް ގިނަ ފަހަރު އާމްދަނީ ރިއަލައިޒެއް ނުވޭ،" ޝާން ވިދާޅުވި އެވެ.

"2021 ވަނަ އަހަރު ވެސް ރަށްތަކެއް ދޫކުރަން ޓޫރިޒަމް މިނިސްޓްރީން އިއުލާން ކުރި. އެކަމަކު އެދެވޭ އިޖާބައެއް އިންވެސްޓަރުންގެ ފަރާތުން ނުލިބުމުން އޮކްޓޯބަރު ހިސާބުގައި އަލުން އިއުލާންކޮށްފައި ވެސް އެބަހުރި. އެހެންވެ ވަރަށް ބޮޑު ކޮންސާނެއް އެއީ."

އޮޑިޓް އޮފީހުގެ އިސް ބޭފުޅުން މަޖިލީހުގެ ބަޖެޓް ކޮމިޓީއަށް ހާޒިރުވެ-- ފޮޓޯ: ނިޝާން އަލީ/މިހާރު

އޮޑިޓް އޮފީހުގެ އިސް ބޭފުޅުން މަޖިލީހުގެ ބަޖެޓް ކޮމިޓީއަށް ހާޒިރުވެ-- ފޮޓޯ: ނިޝާން އަލީ/މިހާރު

އޮޑިޓަ ޖެނެރަލް އޮފީހުން ކަންބޮޑުވުން ފާޅު ކުރި އެހެން ކަންކަމުގެ ތެރޭގައި އެމްއޭސީއެލުން ލިބޭނެ ކަމަށް ލަފާ ކުރި ފައިދާ ނުލިބުމާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކުރި އަދަދު ނުލިބުމާއި އާސަންދަ އަށް ބޮޑު ހަރަދެއް ކުރަން ޖެހުން ހިމެނެ އެވެ.

ޝާން ވިދާޅުވި ގޮތުގައި ފާއިތުވި ދެ އަހަރު ވެސް ހިލޭ އެހީގެ ގޮތުގައި ލިބުނީ އަންދާޒާ ކުރި އަދަދުގެ 50 ޕަސެންޓަށް ވުރެ ކުޑަ އަދަދެއް ކަމަށް ވާތީ، އަންނަ އަހަރު ވެސް އެކަން އެގޮތަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންވެ، އަންނަ އަހަރުގެ ކުރީކޮޅު ހިލޭ އެހީ ލިބޭނެ ކަން ކަށަވަރު ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފާއިތުވި ތިން އަހަރު އާސަންދައިގެ ގޮތުގައި ކޮންމެ އަހަރަކު 1.2 ބިލިއަން ރުފިޔާ ހަރަދުވެފައިވާއިރު އަންނަ އަހަރަށް 730.9 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައި ތަންފީޒު ކުރަން ޖެހޭ ކަންކަން ނުކޮށްފި ނަމަ 300 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެ ކަމަށެވެ.

އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިހާރު ކުރިއަށްދަނީ ބަޖެޓު ދިރާސާ ކުރުމުގެ މަރުހަލާ އެވެ.