Roadha Mihaaru
އޮޑިޓް އޮފީހުން ހުށަހެޅީ 123 މިލިއަންގެ ބަޖެޓެއް

އޮޑިޓް އޮފީހުން ހުށަހެޅީ 123 މިލިއަންގެ ބަޖެޓެއް، މުސާރަ ބޮޑުކުރާތީ 11 މިލިއަން އިތުރު

16 އޮކްޓޯބަރ 2023

އޮޑިޓަ ޖެނެރަލްގެ އޮފީހުން އަންނަ އަހަރަށް 123 މިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އޮޑިޓަ ޖެނެރަލްގެ އޮފީހުން އަންނަ އަހަރަށް 123 މިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އޮޑިޓަ ޖެނެރަލްގެ އޮފީހުން ވަނީ އެ ބަޖެޓާ ގުޅޭ ތަފުސީލުތައް ހާމަކޮށްފަ އެވެ. އެ އޮފީހުން ހުށަހެޅި ޕްރެޒެންޓޭޝަންގައި ވާ ގޮތުން އަންނަ އަހަރުގެ ރިކަރަންޓް ހަރަދަކީ 82 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން މުސާރަ އަށް 56 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ބަޖެޓް އަންނަ އަހަރު ބޮޑު ކުރި އެއް ސަބަބަކީ، ހަތް މުވައްޒަފުން އިތުރަށް ނެގުމަށާއި މުވައްޒަފުންނަށް ޑިޕެންޑެންޓް އެލަވަންސެއް ދިނުމަށެވެ. އެލަވަންސް އިތުރު ކުރަން 11 މިލިއަން ރުފިޔާ ބަޖެޓަށް އިތުރުކޮށްފައި ވެ އެވެ.

އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވީ، މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ނިންމި ނަމަވެސް، އެކަން ފިނޭންސް މިނިސްޓްރީ އަށް ހުށަނާޅާ ކަމަށެވެ.

އޭނާ ވިދާޅުވީ، މިދިޔަ ދުވަސްތަކުގައި ސިޔާސީ ކަންކަން އިތުރު ވެފައި ވާތީ، ފިނޭންސް މިނިސްޓްރީ އަށް މުސާރައިގެ މައްސަލަ ހުށަނާޅާ މަޑުޖައްސައިލީ ކަމަށެވެ. އެކަމަކު، މިހާރު އޮޑިޓަ ޖެނެރަލްގެ އޮފީހުން ބޭނުންވަނީ މަޖިލީހުން އެގޮތަށް ފާސްކޮށްގެން ފިނޭންސް މިނިސްޓްރީ އަށް ހުށަހެޅުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މުސާރަތައް ހަގީގަތުގައި ހަމަޖެހިގެން ދިޔައީ އޮޑިޓަ ޖެނެރަލަކަށް އިބްރާހިމް ނައީމް ހަމަޖެހިގެންދިޔަ އިރު. އެއީ 2008 ވަނަ އަހަރު. އޭގެ ފަހުން އަޅުގަނޑުމެންގެ މުސާރަ އަށް ބަދަލެއް ނާދޭ. ވަރަށް ކުދިކުދި އިންކްރިމެންޓްތައް ގެނެސްފައި އެބަ ހުރި. 2،000ރ. އިން 1،500ރ. އިން ގެނެސްފައި އެބަހުރި،" އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއްގައި އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒް ވާހަކަދައްކަވަނީ-- ފޮޓޯ: މިހާރު

މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއްގައި އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒް ވާހަކަދައްކަވަނީ-- ފޮޓޯ: މިހާރު

ނިޔާޒީ ވިދާޅުވީ، މުސާރަ ކުޑަވުމުން، މުވައްޒަފުން އެހެން ތަންތަނުގެ ވަޒީފާތަކަށް ދިއުން އިތުރު ކަމަށެވެ. އޭނާ ވިދާޅުވީ، އެ އޮފީހުގެ ޑިރެކްޓަރަކަށް ދެނީ މަހަކު 30،000ރ. ކަމަށާއި އެ ޑިރެކްޓަރަކު 50-60 އާ ދެމެދުގެ އަދަދަކަށް އޮޑިޓް ނިންމަން ޖެހޭ ކަމަށެވެ.

"އެހެން ނަމަވެސް އެސްއޯއީތަކުގެ އިންޓާނަލް އޮޑިޓަށް އެބަ ހުށަހަޅާ، އެންމެ މަދުވެގެން 45،000ރ. ގެ މުސާރައެއް. އެހެންވީމާ އެހާ ބޮޑު ތަފާތެއް އުޅޭތީ، އަޅުގަނޑުމެންގެ ތެރެއިން ވަރަށް ރަނގަޅު ބޭފުޅުން ގެއްލިގެން ގޮސްފައި އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.

ނިޔާޒީ ވިދާޅުވި ގޮތުގައި، އަލަށް ހުށަހެޅި އެލަވަންސާ އެކު، ރާއްޖޭގައި އެވްރެޖުކޮށް ޕްރޮފެޝަނަލް އެކައުންޓެންޓުންނަށް ދޭ މުސާރަ އޮޑިޓް އޮފީހުގައި މަސައްކަތް ކުރާ މީހުންނަށް ވެސް އެއް ހަމައަކުން ލިބޭނެ ގޮތް ފަހިވާނެ އެވެ.

މިދިޔަ އަހަރު އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ބަޖެޓުގެ ގޮތުގައި ހުށަހެޅީ 93 މިލިއަން ރުފިޔާ އެވެ. ނަމަވެސް އެ އިދާރާގެ އޮފީސް ބަދަލު ކުރުމުގެ ހަރަދު އިތުރުވުމުގެ ސަބަބުން އެ ކުންފުނީގެ ބަޖެޓު ވަނީ 100 މިލިއަނަށް އިތުރުވެފަ އެވެ.

އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ބަޖެޓް ފާސްކުރަން ޖެހެނީ ރައްޔިތުންގެ މަޖިލިހުންނެވެ. އެ ބަޖެޓު މަޖިލިހުން ފާސްކުރުމުން، އެ އަދަދު ފިނޭންސް މިނިސްޓްރީން، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނައި ދޭނެ އެވެ.