Roadha Mihaaru
"ޕްލާސްޓިކް ކޮތަޅާ ހެދި އިންފްލޭޝަން ބޮޑުވެދާނެ"

ޕްލާސްޓިކް ކޮތަޅާ ހެދި އިންފްލޭޝަން ބޮޑުވެދާނެ: އެމްއެމްއޭ

14 ނޮވެމްބަރ 2021

ޕްލާސްޓިކް ކޮތަޅާ ހެދި އިންޕްލޭޝަން ބޮޑުވެދާނެ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޕްލާސްޓިކް ކޮތަޅާ ހެދި އިންޕްލޭޝަން ބޮޑުވެދާނެ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން މިއަދު ބުނެފި އެވެ.

އަންނަ އަހަރުގެ ބަޖެޓާ ގުޅިގެން އެމްއެމްއޭން ދީފައިވާ ލަފާގައިވާ ގޮތުން އަންނަ އަހަރު ރާއްޖޭގެ އިންފްލެޝަން ރޭޓް ހުންނާނީ 1.1 ޕަސެންޓުގަ އެވެ. ނަމަވެސް އާމްދަނީ އިތުރު ކުރަން އަލަށް ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ޕްލާސްޓިކް ކޮތަޅުން ނަގާ ޓެކްސް އިތުރުކުރަން ނިންމަފައިވާތީ ލަފާކުރި ވަރަށް ވުރެ އިތުރަށް އިންފްލޭޝަން ބޮޑުވެދާނެ ކަމަށް އެމްއެމްއޭން ބުނެފައިވެ އެވެ.

އެކަމަކު އިންފްލޭޝަން އިތުރުވާނީ ކިހާވަރަކަށް ކަމެއް ބުނެފައެއް ނުވެ އެވެ.

ރާއްޖެއަށް އެތެރެކުރާ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާގެ ޓެކްސްއެއް ނަގަން ނިންމައި އެ ޓެކްސް އިން 48 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންނަ އަހަރުގެ ބަޖެޓްގައި އަންދާޒާކޮށްފައިވެ އެވެ.

ޕްލާސްޓިކް ކޮތަޅުން މި ޓެކްސް ނަގަނީ ކޮން އުސޫލަކުން ކަމެއް އަދި ކަނޑައެއް ނާޅަ އެވެ. އެހެން ކަމުން މި ޓެކްސް ނަގަނީ ފިހާރަތަކުން ކަމެއް ނުވަތަ އިމްޕޯޓުކުރާ ފަރާތްތަކުން ކަމެއް ސާފެއް ނުވެ އެވެ.

ޕްލާސްޓިކް ކޮތަޅުން ޓެކްސް ނެގުމުގެ އިތުރަށް މިނިމަމް ވޭޖާ ގުޅިގެން ވެސް އިންޕްލޭޝަނަށް ބަދަލެއް އައުން އެކަށީގެންވާ ކަމަށް އެމްއެމްއޭ އިން ލަފާކުރެ އެވެ.

ބަޖެޓު ކޮމިޓީގައި އެމްއެމްއޭގެ ގަވަރުނަރު ވިދާޅުވީ، މިނިމަމް ވޭޖާ ގުޅިގެން މުޅި އިގްތިސާދަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެހެން ނަމަވެސް އެކަމުން އަންނާނެ ބަދަލުތައް ލަފާކުރަން އެނގޭނީ ޕްރައިވެޓް ސެކްޓާއާ ގުޅޭ ގޮތުން ފުރިހަމަ ދިރާސާއެއް ކުރުމަށް ފަހު ކަމަށެވެ.