Roadha Mihaaru

ބަޖެޓުގެ އަނެއް ފަރާތުން ސަރުވަޝްގެ ވާހަކަތައް

16 ނޮވެމްބަރ 2021

މިހާރު މި ފެންނަ ބަޖެޓް ފޮތުން ބޮޑު ތަފާތެއް ފެނިދާނެ އެވެ. ބަޖެޓް ފޮތް މިހާރު މިއޮންނަނީ ކުރިއާ ހިލާފަށް، މައުލޫމާތު ވަރަށް މުއްސަނދިކޮށެވެ. އެއީ، ފިނޭންސް މިނިސްޓްރީގެ ބަޖެޓް ޑިޕާޓްމެންޓްގެ މުވައްޒަފުންގެ މަސައްކަތެވެ. އެކަމުގައި އެންމެ ބިޒީކޮށް މިހާރު އުޅުއްވަނީ، 15 މުވައްޒަފުންގެ ޓީމަކާ އެކު، މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް އާދަމް އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިހާރު މި ފެންނަ ބަޖެޓް ފޮތުން ބޮޑު ތަފާތެއް ފެނިދާނެ އެވެ. ބަޖެޓް ފޮތް މިހާރު މިއޮންނަނީ ކުރިއާ ހިލާފަށް، މައުލޫމާތު ވަރަށް މުއްސަނދިކޮށެވެ. އެއީ، ފިނޭންސް މިނިސްޓްރީގެ ބަޖެޓް ޑިޕާޓްމެންޓްގެ މުވައްޒަފުންގެ މަސައްކަތެވެ. އެކަމުގައި އެންމެ ބިޒީކޮށް މިހާރު އުޅުއްވަނީ، 15 މުވައްޒަފުންގެ ޓީމަކާ އެކު، މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް އާދަމް އެވެ.

ކޮންމެ އަހަރެއް ފެށުނީއްސުރެ، އަހަރުގެ ފަހުކޮޅާ ހަމައަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު ޑިޕާޓްމެންޓްގެ މަސައްކަތަކީ ދެން އަހަރެއްގެ ބަޖެޓް ތައްޔާރު ކުރުމުގެ މަސައްކަތެވެ. ކޮންމެ އަހަރެއް ފެށިގެން ނިމެނީ ހަމަ އެހެންނެވެ. އާންމުންނަށް މިފެންނަ، މައުލޫމާތުތަކާއި ހިސާބު ނަންބަރުތަކުން ފުރިފައި އޮންނަ ބަޖެޓު އެކުލަވައިލުމަކީ ފަސޭހަ މަސައްކަތް ނޫން ކަމަށް ސަރުވަޝް ވިދާޅުވި އެވެ.

"އަހަރުގެ ވަރަށް ކުރީކޮޅު އަޅުގަނޑުމެން ފަށަން ފައިނޭންޝަލް ޕްރޮގްރާމް މޮޑެލްގެ މަސައްކަތް. މުޅި އިގްތިސާދާއި ފިސްކަލް އެކި ކަންކަން ދެނެގަތުމަށް ހަދާ މޮޑެލްއެއް މިއީ. މީގެ ބޭނުމަކީ ފިސްކަލް ސްޓްރެޓެޖީ ހަދަންވާއިރަށް އެއަށް ތައްޔާރުވުން،" އޭނާ ވިދާޅުވި އެވެ.

ބަޖެޓުގެ މަސައްކަތުގެ ތެރެއިން އޭޕްރީލް ހިސާބު ރާއްޖޭގެ އިގްތިސާދީ އަންދާޒާތަކާއި ބަޖެޓުގެ އަދަދުތަކުގެ އަންދާޒާއެއް ކެބިނެޓަށް ފޮނުވާނެ އެވެ. ކެބިނެޓްގެ މަޝްވަރާއާ އެކު ޖުލައި މަހު މަޖިލީހަށް އެކަމުގެ ލިޔެކިޔުންތައް ހުށަހަޅާނެ އެވެ. ބަޖެޓު އެކުލަވާލުމުގެ މަރުހަލާތައް ކިޔައިދެއްވަމުން ސަރުވަޝް ވިދާޅުވީ ބަޖެޓަށް ހުށަހަޅަން ބޭނުންވާ އާ ކަންކަން ކަނޑައެޅުމަށް އަހަރުގެ ޖޫން މަހާ ހަމައަށް ފުރުސަތު އޮންނާނެ ކަމަށެވެ.

ސަރުވަޝް ފައިލެއްގައި ހުރި މައުލޫމާތު ބައްލަވަނީ: ބަޖެޓް އެކުލަވާލުމުގެ މަސައްކަތް ފަށާނީ ކޮންމެ އަހަރެއްގެ އޮގަސްޓް ހިސާބުގައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަރުވަޝް ފައިލެއްގައި ހުރި މައުލޫމާތު ބައްލަވަނީ: ބަޖެޓް އެކުލަވާލުމުގެ މަސައްކަތް ފަށާނީ ކޮންމެ އަހަރެއްގެ އޮގަސްޓް ހިސާބުގައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ނިއު ޕޮލިސީ އިނީޝިއޭޓިވްތައް ހުށަހެޅުމުން އެއާ ގުޅޭ މަސައްކަތްތައް ކުރިއަށްދާނެ ސެޕްޓެމްބަރު މަހާ ހަމައަށް. އެ މަސައްކަތްތައް ކުރިއަށްދާނީ މިނިސްޓްރީ އާއި ރައީސް އޮފީހާ ގުޅިގެން. ސަރުކާރުގެ މައިގަނޑު، މުހިއްމު ކަންތައްތަކަކީ ކޮބައިކަން ދެނެގަންނާނެ،" އޭނާ ވިދާޅުވި އެވެ.

މި މަސައްކަތްތައް ކުރިއަށްދާ އިރު ސަރުކާރުގެ އިދާރާތަކަށް ބޭސްލައިން ބަޖެޓު ހުށަހަޅަން އަންގައި، އެ މިިނސްޓްރީއަކުން އެ އަހަރުގެ ބަޖެޓުގައި ހިމަނަން ބޭނުންވާ ކަންކަން ވެސް ރޭވިގެންދާނެ އެވެ.

"މުޅި އަހަރުގެ ތެރޭގައި ވެސް ބަޖެޓުގެ ކަންކަން ކުރާނެ. ކޮންމެވެސް މަސައްކަތެއް އަންނާނީ ކުރަމުން. މިއީ ރޭވިފައި އޮންނަ ކަމެއް. ވަކި ކަލަންޑަރަކަށް ވަކި ޝެޑިއުލްއަކަށް އެކި މަސައްކަތްތައް ކުރިއަށް ދާނީ،" މީރާގެ ވެސް ޗެއާމަން ކަން ކުރައްވާ ސަރުވަޝް ވިދާޅުވި އެވެ.

މި ބުރަ މަސައްކަތް ކުރައްވަމުން ގެންދަވާއިރު ސަރުވަޝްގެ އަމާޒަކީ އިންޓަނޭޝަނަލް ސްޓޭންޑަޑަށް ފެތޭ ކަހަލަ ބަޖެޓެއް ރާއްޖޭގައި އެކުލަވައިލެވިގެން ދިއުމެވެ.

ސަރުވަޝް ބަޖެޓު ފޮތުގެ ބައެއް ހިސާބުތައް ބައްލަވާލައްވަނީ: އޭނާ އެންމެ ދެކެވަޑައިގަންނަވަން ބޭނުން ވަނީ ބަޖެޓް އިންޓަނޭޝަނަލް ސްޓޭންޑަޑަށް ގެނެވޭ ދުވަސް-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަރުވަޝް ބަޖެޓު ފޮތުގެ ބައެއް ހިސާބުތައް ބައްލަވާލައްވަނީ: އޭނާ އެންމެ ދެކެވަޑައިގަންނަވަން ބޭނުން ވަނީ ބަޖެޓް އިންޓަނޭޝަނަލް ސްޓޭންޑަޑަށް ގެނެވޭ ދުވަސް-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަޅުގަނޑު ބޭނުންވާ ބަޖެޓުގައި މިހާރު މި ފެންނަ ޕްރެޒެންޓޭޝަނެއް ނޫން ފެންނާނީ. ތަފާތު ވާނެ. ބައިނަލްއަގްވާމީ ސްޓޭންޑާޑްތަކާ އެކު ހުންނާނީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބައިނަލްއަގްވާމީ މިންގަނޑުތައް ބަޖެޓަށް މަޑުމަޑުން ފައްތަމުން އަންނަ ކަމަށެވެ. ބަޖެޓު އެކުވަލައިލުމުގައި ޕްރޮފިޓް އެންޑް ލޮސް އެކައުންޓާއި ބެލެންސް ޝީޓް ވެސް ފެންނާނެ ކަހަަލަ ބަޖެޓެއް ގެނައުމަށް އޭނާ އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. އެކަމަކު އެކަހަލަ ބަޖެޓެއް ގެންނަން ދުވަސް ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަސްމީ ބަޖެޓު އެކުލަވައިލާނީ އޮގަސްޓުން ފެށިގެން

ބަޖެޓުގެ މަސައްކަތްތައް އެކި މަރުހަލާތަކުގެ ތެރެއިން ކޮށް، ވަކިވަކި އިދާރާތަކުން ފިނޭންސް މިިނިސްޓްރީ އަށް ބަޖެޓް ހުށަހެޅުމުން ބަޖެޓު އެއްކޮށްލުމުގެ މަސައްކަތް ކުރަން ފަށާނީ އޮގަސްޓް މަހުން ފެށިގެންނެވެ. އޮގަސްޓާއި ސެޕްޓެމްބަރު މަހަކީ ބަޖެޓް ޑިޕާޓްމެންޓަށް އެންމެ ބިޒީ ދެ މަހެވެ.

ބަޖެޓާ ގުޅޭ ގޮތުން ސަރުވަޝް އަށް ވެސް އެންމެ ގިނަ ފޯނު ކޯލުތައް އަންނާނީ މި ދުވަސްވަރު އެވެ. ކޮންމެވެސް ޕްރޮޖެކްޓެއް ހިމަނަން ބޭނުންވެގެން އެ ވާހަކަތައް ކިޔައިދޭން އެކި މިނިސްޓްރީތަކުން އޭނާ އަށް ގުޅަ އެވެ. އެހެން ނަމަވެސް، ރާއްޖޭގެ އިގްތިސާދާއި ލިބޭ އާމްދަނީ އަށް ބަލާއިރު، އެ އެދުންތަކަށް ނޫނެކޭ ވިދާޅުވާން ޖެހިވަޑައިގަންނަވާ ކިތަންމެ ފަހަރެއް ވެސް ކުރިމަތިވެ އެވެ.

ބަޖެޓް އެކުލަވާލުމުގެ އެންމެ ފަހު މަރުހަލާގައި ވަކިވަކިން ކޮންމެ ކަމަކަށް ކުރާ ހަރަދުތައް އެ މިނިސްޓްރީން ދެނެގަންނާނެ އެވެ.

"ބަޖެޓުގައި ޑޭޓާ މަސައްކަތް ކުރާނީ އެންމެ ލޯވަސްޓް ލެވެލް އިން ފެށިގެން. ކޮންމެ ބިޒްނަސް އޭރިއާއެއްގެ ޖީއެލްއެއްގެ ފަންކްޝަނަލް ކޯޑުން ފެށިގެން ބެލޭނެ. ކޮންމެ ނަންބަރެއް އަޅުގަނޑުމެން ބަލާނެ. ހުރިހާ ފަންޑެއް ވެސް ބަލާނެ،" އޭނާ ވިދާޅުވި އެވެ.

މިނިސްޓްރީތަކުން ހުށަހަޅާ ބަޖެޓަށް އިތުރަށް މަޝްވަރާކޮށް ގެންނަން ޖެހޭ ބަދަލުތައް ވެސް ފިނޭންސުން މި މަރުހަލާގައި އަންނާނީ ގެންނަމުންނެވެ. ވަކި ވަރަކަށް ބަޖެޓު ހެދުމަށްފަހު ސިޔާސަތުތައް އެކުލަވާލާ ފަރާތްތަކަށް އަނެއްކާ ވެސް ބަޖެޓު ދައްކާނެ އެވެ.

އަންނަ އަހަރަށް ލަފާކުރަ ދައުލަތުގެ ބަޖެޓު ފޮތް. އަންނަ އަހަރަށް ކަނޑައަޅާފައި އޮތީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަންނަ އަހަރަށް ލަފާކުރަ ދައުލަތުގެ ބަޖެޓު ފޮތް. އަންނަ އަހަރަށް ކަނޑައަޅާފައި އޮތީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބަޖެޓު އެކުވަލައިލުމުގެ އިތުރުން މިހާރު ބަޖެޓު ފޮތުން ފެންނަ އެނަލެޓިކަލް މަސައްކަތްތަކާއި އެކިއެކި މައްސަލަތަކަށް އަލިއަޅުވާލައިގެން ލިޔެފައިވާ ލިޔުންތައް ލިޔަނީ އެ ޑިޕާޓްމެންޓުންނެވެ. މީގެ ބޭނުމަކީ އެކި ދާއިރާތަކުން އާންމުންނަށް ވީހާ ވެސް ގިނަ މައުލޫމާތު ފޯރުކޮށްދިނުން ކަމަށް ސަރުވަޝް ވިދާޅުވި އެވެ.

ބަޖެޓް ޑިޕާޓްމަންޓުގައި ބަޖެޓް އެކުލަވާލުމުގެ އިތުރުން ބަޖެޓް ތަންފީޒު ކުރުމުގެ މަސައްކަތް ވެސް ކުރެ އެވެ. ކޮވިޑާ ގުޅިގެން ކުރިމަތިވި ހާއްސަ ހާލަތުގައި ހަރަދުތައް ވަރަށް ބޮޑަށް ކޮންޓްރޯލްކުރި އެވެ. މިއީ ވެސް ބަޖެޓް ޑިޕާޓްމެންޓުން ކުރި މުހިންމު އެއް މަސައްކަތެވެ.

"ކޮންމެ ހަރަދެއް ކުރިއަސް [ކޮވިޑް ތެރޭގައި] މިނިސްޓްރީގެ އިންޓަވެންޝަނާ އެކު 2020 ވަނަ އަހަރު ހަރަދު އެ ކުރީ. ދެން މި އަހަރު 5،000ރ. މަތީގެ ހުރިހާ ހަރަދެއް ވެސް ކުރާނީ މިނިސްޓްރީގެ ހުއްދައާ އެކު،" އޭނާ ވިދާޅުވި އެވެ.

ބަޖެޓް އެކުވަލައިލުމުގެ މަސައްކަތާ ސަރުވަޝް ހަވާލުވެ ވަޑައިގަތީ 2016 ވަނަ އަހަރު އެވެ. އެއަށްފަހު އޭނާ އެންމެ ބޮޑު އިސްކަމެއް ދެއްވަނީ މުސްކުޅި ގޮތްތައް ދޫކޮށްލައްވައި، އެންމެ ޒަމާނީ ވަސީލަތްތަކުގެ ތެރެއިން އެކަން ކުރުމަށެވެ.

"ގެންނަން ޖެހޭ ބަދަލުތައް ވަރަށް ބައިވަރު މިހާރު ވެސް އެބަހުރި. ބަޖެޓު ޕްރޮސެސް މިހާރު އަޅުގަނޑުމެން މި ބަހާލީ،" އޭނާ ވިދާޅުވި އެވެ.

މި މަސައްކަތުގެ ތެރެއިން ސަރުކާރުގެ އިދާރާތަކުން ހަރަދުތައް ކުރުމުގައި މިހާރަށް ވުރެ ބޮޑަށް ޑިސިޕްލިން ކުރަން އިސްކަން ދެއްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުވަޝް ބަޖެޓް ޑިޕާޓްމެންޓްގެ ބައެއް މުވައްޒަފުންނާ ވާހަކަދައްކަވަނީ: ބަޖެޓް މަސައްކަތްތައް ކުރަނީ 15 ވަރަކަށް މުވައްޒަފުންގެ ޓީމަކުން-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަރުވަޝް ބަޖެޓް ޑިޕާޓްމެންޓްގެ ބައެއް މުވައްޒަފުންނާ ވާހަކަދައްކަވަނީ: ބަޖެޓް މަސައްކަތްތައް ކުރަނީ 15 ވަރަކަށް މުވައްޒަފުންގެ ޓީމަކުން-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދައުލަތުގެ ހުރިހާ ކަމެއް އެއްކޮށްލައިފި ނަމަ ބަޖެޓް 70 ބިލިއަނަށް އަރާ

ބަޖެޓު އެކުލަވާލުމުގައި ލިމިޓް ކުރުމަކީ އަބަދުވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. ދެހާސް ސޯޅަ ހިސާބުގައި 25 ބިލިއަން ރުފިޔާ އަށް ނާރާ ބަޖެޓެއް ހަދަން މަސައްކަތް ކުރިއިރު ސަރުކާރުގެ އިދާރާތަކުން ބޭނުންވާ ހުރިހާ ކަމެއް އެއްކޮށްލުމުން 40 ބިލިއަން ރުފިޔާ އަށް ހަރަދުތައް އަރަ އެވެ.

މިނިސްޓްރީތަކުން ހުށަހަޅާ ކަންކަން ކޮށައި މަށައިގެން ބަޖެޓްގެ އަދަދު ކުޑަކުރުމަކީ ވަރަށް ބުރަ މަސައްކަތެކެވެ. މި އަހަރުގެ ބަޖެޓު 36.9 ބިލިއަނަށް އަރާ އިރު އޮފީސްތަކުން ބޭނުންވާ ހުރިހާ ހަރަދެއް އެއްކޮށްލައިފި ނަމަ 70 ވަރަކަށް ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ސަރުވަޝް ވިދާޅުވި އެވެ.

"މިހާރު އެގޮތަށް ހަރަދުތައް އެއްކޮށްލައިފިއްޔާ 60 ނުވަތަ 70 ބިލިއަނަށް އަރާނެ. އަޅުގަނޑުމެން މަސައްކަތް ކުރަނީ އެ ފިޒިކަލް ޑިސިޕްލިން ވެސް ގެންނަން،" އޭނާ ވިދާޅުވި އެވެ.

މިހާރު ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ކޮންމެ އިދާރާއަކުން ވެސް ބަޖެޓް ހުށަހަޅާނީ ސިސްޓަމްގައި ކަނޑައަޅާފައިވާ ސީލިންގުގެ ތެރެއިންނެވެ. ސިސްޓަމްގައި ކަނޑައަޅާފައިވާ ސީލިންގަށް ވުރެ މަތިވެއްޖެ ނަމަ އެއްވެސް މިނިސްޓްރީއަކަށް ބަޖެޓެއް ސަބްމިޓެއް ނުކުރެވޭނެ އެވެ. މިއީ ވެސް ދާދި ފަހުން ބަޖެޓް ހުށަހެޅުމުގައި ގެނެސްފައިވާ ބަދަލެކެވެ.

ސަރުވަޝް ވިދާޅުވީ، މިނިސްޓްރީތަކުން އަބަދު ވެސް ބޭނުންވާނީ ރައްޔިތުންނަށް ފައިދަވާނެ ކަންކަން ކުރުމަށް ކަމަށާއި އެހެން ނަމަވެސް ބޭނުންވާ ހުރިހާ ކަމެއް އެއް އަހަރުން ނުކުރެވޭނެ ކަމަށެވެ.

ސަރުވަޝް "މިހާރު" އަށް އިންޓަވިއު ދެއްވަނީ: ބަޖެޓު އެކުލަވާލުމުގެ މަސައްކަތްތައް ކުރަނީ އެކި މަރުހަލާތަކަށް ބަހާލައިގެން-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަރުވަޝް "މިހާރު" އަށް އިންޓަވިއު ދެއްވަނީ: ބަޖެޓު އެކުލަވާލުމުގެ މަސައްކަތްތައް ކުރަނީ އެކި މަރުހަލާތަކަށް ބަހާލައިގެން-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުރިއަށް ތަނުގައި ބަޖެޓު އަންނާނީ ބޮޑުވަމުން

ސަރުވަޝް ވިދާޅުވީ، މިހާރު ބަޖެޓު އެކުލަވާލަމުން އަންނަ ގޮތުން އެއް އަހަރަށް ވުރެ އަނެއް އަހަރަށް އެކުލަވާލާ ބަޖެޓު އަންނާނީ ބޮޑުވަމުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ކެޕިޓަލް ހަރަދުތައް އިތުރުވާ ވަރަކަށް ކުރަން ޖެހޭ އެހެން ހަރަދުތައް ވެސް ބޮޑުވާނެ އެވެ.

"އެއާޕޯޓެއް އަޅައިފިއްޔާ އެއާޕޯޓަށް ސްޓާފުން ބޭނުންވޭ. ހޮސްޕިޓަލެއް އަޅައިފިއްޔާ ހޮސްޕިޓަލަށް ވެސް އިތުރު ހަރަދުކުރަން ޖެހޭ،" އޭނާ ވިދާޅުވ އެވެ.

"ވިޔަފާރިތައް އިތުރުވާ ނަމަ ޓެކްސް އާމްދަނީ ވެސް އިތުރުވޭ. އެހެންވީމަ ބަޖެޓް ފައިނޭންސް ކުރަން ފައިސާ ވެސް ލިބޭނެ،"

ރާއްޖޭގެ ރަށްތަކުގައި އަސާސީ ގިނަ ހިދުމަތްތަކެއް އަދިވެސް ފުރިހަމަ ނުވެ ހުރި އިރު އެކަންކަން ކުރުމުގެ ޕްރެޝަރު ވެސް ސަރުކާރަށް އަބަދުވެސް އޮވެ އެވެ. ސަރުވަޝް ވިދާޅުވީ، ބަޖެޓު ބޮޑުވުމަކީ މައްސަލައެއް ނޫން ކަމަށެވެ. ބަޖެޓާ އެކު އިގްތިސާދު ވެސް ރަނގަޅުވާ ނަމަ ބަޖެޓަށް ބޭނުންވާ ފައިސާ ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވިޔަފާރިތައް އިތުރުވާ ނަމަ ޓެކްސް އާމްދަނީ ވެސް އިތުރުވޭ. އެހެންވީމަ ބަޖެޓް ފައިނޭންސް ކުރަން ފައިސާ ވެސް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

ބަޖެޓެއް ބޮޑުކުރުމުގައި ކުރަން ޖެހޭ ހަރަދުތައް ކަނޑައެޅުމުގެ ބާރު އޮންނަނީ އެއިރެއްގައި ވެރިކަން ކުރާ ބަޔަކަށެވެ. މިިކަން އެހން އޮތް ނަމަވެސް އެ ބަޖެޓު އެކުލަވާލުމުގެ މަރުހަލާ ޒަމާނީކުރުމަކީ ސަރުވަޝްގެ އަމާޒެވެ. އަދި ބަޖެޓާ މެދު މިހާރަށް ވުރެ ބޮޑަށް ހިޔާލު ބަދަލުކޮށް، އާންމުން މަޝްވަރާ ކުރާނެ ދުވަހެއް ފެނުމަކީ އޭނާގެ އެންމެ ބޮޑު އަމާޒެވެ.