Roadha Mihaaru
އޯވަޑްރޯ ނުކުރާ ނަމަ ބަޖެޓް ކުޑަކުރަން ޖެހޭނެ: އަމީރު

ފައިސާ ޗާޕް ނުކޮށްފި ނަމަ 26 ބިލިއަނަށް ބަޖެޓް ކުޑަކުރަން ޖެހޭނެ: އަމީރު

17 ނޮވެމްބަރ 2021

އޯވަޑްރޯ ނުވަތަ ފައިސާ ޗާޕު ނުކޮށްފި ނަމަ އަންނަ އަހަރަށް ސަރުކާރުން ކަނޑައެޅި ބަޖެޓު ކުޑަކުރަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އޯވަޑްރޯ ނުވަތަ ފައިސާ ޗާޕު ނުކޮށްފި ނަމަ އަންނަ އަހަރަށް ސަރުކާރުން ކަނޑައެޅި ބަޖެޓު ކުޑަކުރަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އޭނާ ވިދާޅުވީ، އޯވަޑްރޯ ނުކޮށްފި ނަމަ އެންމެ މަތިވެގެން ވެސް އަންނަ އަހަރުގެ ބަޖެޓްގެ އަދަދު ކަމަށް ކަނޑައެޅޭނީ 26 ބިލިއަން ރުފިޔާ ކަމަށެވެ. އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ފޮނުވީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެެއް ކަމަށް ވާއިރު އަމީރު ވިދާޅުވީ، ފައިސާ ޗާޕް ނުކުރެވި ބަޖެޓް ކުޑަކުރަން ޖެހިއްޖެ ނަމަ މިހާރު ކުރަން ނިންމާފައިވާ ގިނަ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ވެސް މަޑުޖައްސައިލަން ޖެހޭނެ ކަމަށެވެ.

"އޮފީސްތަކުގެ ބަޖެޓުތައް ކުޑަކޮށް، މަޝްރޫއުތައް މަދުކުރަން ޖެހޭނެ. ސަރުކަރުން ކުރަން ނިންމާފައިވާ ބައެއް އާ ކަންކަން ވެސް [ބަޖެޓްގައި] ނުހިމެނޭނެ. އަޅުގަނޑުމެން މިހާރު ވެސް ކުރިއަށް ގެންދަނީ މިނިމަމް ވޭޖާއި ޕޭ ހާމޮނައިޒޭޝަން ވެސް ހިމަނައިގެން،" އޭނާ ވިދާޅުވި އެވެ.

މާލީ ވަޒީރު ވިދާޅުވިގޮތުގައި. އިގްތިސާދު ފޫބެއްދޭނީ ބަޖެޓުގައި މިހާރު ކުރަން ނިންމާފައިވާ ކަންކަން ކޮށްގެންނެވެ.

"އަޅުގަނޑުމެންނަށް ބަޖެޓު ކުޑަކުރެވިދާނެ. 36.9 ބިލިއަން ރުފިޔާ އިން އަޅުގަނޑުމެން 26 ބިލިއަނަށް ކުޑަކުރެވިދާނެ. އޭރުން ޖެހޭނީ ގިނަ ޕީއެސްއައިޕީ މަޝްރޫއުތައް ހުއްޓައިލަން. ޖެހޭނީ ސިވިލް ސާވިސް މުވައްޒަފުން މަދުކުރަން" އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ، އޯވަޑްރޯ ކުރާ މުއްދަތު އެއް އަހަރަށް އިތުރު ކުރަން ބޭނުންވަނީ ކޮވިޑްގެ ހާލަތު އެއްކޮށް ފިލައިގެން ނުދާތީ ކަމަށެވެ. އަދި ވިދާޅުވީ، އެ ހާލަތު ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ވެފައި އޮތް ނަމަވެސް އިގްތިސާދީ ގޮތުން ހުރި ގޮންޖެހުންތައް އެބަހުރި ކަމަށެވެ.

އޯވަޑްރޯގެ މުއްދަތު އެއް އަހަރަށް އިތުރުކުރަން ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވަނީ އަންނަ އަހަރުގެ އޭޕްރީލާ ހަމައަށް އޯވާޑްރޯކޮށް، ނުދެއްކިވާ ފައިސާ ބޮންޑަކަށް ބަދަލު ކޮށްގެން އެމްއެމްއޭ އަށް އެ ފައިސާ ދައްކާ ގޮތަށެވެ.

ފިނޭންސް މިނިސްޓްރީން ބޭނުންވަނީ އިތުރަށް 3.5 ބިލިއަން ރުފިޔާ ޗާޕް ކުރުމަށެވެ. އަދި އެ ހުށަހެޅުމުގައިވާ ގޮތުން ނަމަ އޯޑީގެ އިންޓްރެސްޓް ރޭޓަކީ 0.1 ޕަސެންޓެވެ.

"އަޅުގަނޑުމެންނަށް ބަޖެޓު ކުޑަކުރެވިދާނެ. 36.9 ބިލިއަން ރުފިޔާ އިން އަޅުގަނޑުމެން 26 ބިލިއަނަށް ކުޑަކުރެވިދާނެ. އޭރުން ޖެހޭނީ ގިނަ ޕީއެސްއައިޕީ މަޝްރޫއުތައް ހުއްޓާލަން. ޖެހޭނީ ސިވިލް ސާވިސް މުވައްޒަފުން މަދުކުރަން"---އަމީރު

އަމީރު ވިދާޅުވީ، އޯވާޑްރޯ ކުރުމުން ރިސްކުތަކެއް ހުއްޓަސް މިދިޔަ 18 މަސް ދުވަހު އެ ކަންކަން މެނޭޖު ކުރި ގޮތަށް ކުރިމަގުގައި ވެސް ކުރެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، އޯވަޑްރޯ ކުރާ އަދަދު ލިމިޓް ކުރުމުން ވެސް އެ ކަމުން ކުރިމަތިވާނެ ރިސްކްތައް މިހާރަށް ވުރެ ވެސް ކުޑަވާނެ ކަމަށެވެ.

މީގެ ކުރިން ދައުލަތުން އޯވަޑްރޯ ކުރީ އެއްވެސް ވަރަކަށް އިންޓްރެސްޓް ރޭޓަކާ ނުލަ އެވެ. އޭރު އެއްބަސްވެފައިވަނީ އާމްދަނީ ލިބޭ ވަރަކުން ކޮންމެ މަހަކު ވެސް ކޮންމެވެސް ވަރެއް އެމްއެމްއޭ އަށް ދައްކާ ގޮތަށެވެ. އޭރު އޯވަޑްރޯގެު ލިމިޓަކަށް ކަނޑައަޅާފައި ވަނީ 4.4 ބިލިއަން ރުފިޔާ އެވެ.

"މިހާތަނަށް ވެސް ކޮވިޑްގެ ހާލަތާ އެއްކޮށް ފިސްކަލް ޕޮލިސީ، މަނިޓަރީ ޕޮލިސީގެ ހާމަނައިޒޭޝަންއާ އެކު ކުރިމަތިވާ ރިސްތައް މި ވަނީ ކުޑަކޮށްފައި،" ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން ގައުމުގެ އިގްތިސާދީ ހާލަތު އެހާ ބޮޑަށް ދަށަށް ނުގޮސް އޮތީ ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، މިހާރު އިގްތިސާދު ކުރިއަރަމުން އަންނަ ވަރުން 2023 ވަނަ އަހަރު ކޮވިޑްގެ ކުރީގެ ހާލަތަށް އިގްތިސާދު ރުޖޫއަވާނެ ކަމަށެވެ.