Roadha Mihaaru
އަންނަ އަހަރު 200 މިލިއަންގެ ބޮންޑު ވިއްކަނީ

އަންނަ އަހަރު 200 މިލިއަން ޑޮލަރުގެ ބޮންޑު ވިއްކަނީ

01 ނޮވެމްބަރ 2021

ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް އަންނަ އަހަރު 200 މިލިއަން ޑޮލަރު (3 ބިލިއަން ރުފިޔާ) ގެ ސުކޫކެއް ނުވަތަ ބޮންޑެއް ވިއްކުމަށް ހަމަޖައްސައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް އަންނަ އަހަރު 200 މިލިއަން ޑޮލަރު (3 ބިލިއަން ރުފިޔާ) ގެ ސުކޫކެއް ނުވަތަ ބޮންޑެއް ވިއްކުމަށް ހަމަޖައްސައިފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައިވާ ގޮތުން ބަޖެޓުގައި ހިމަނާފައިވާ ކަންކަމަށް ބޭރުގެ މާލީ އިދާރާތައް މެދުވެރިކޮށް 7.1 ބިލިއަން ރުފިޔާ އިތުރަށް ހޯދަން ހިމަނާފައިވެ އެވެ. އަދި ރާއްޖޭގެ ބޭންކްތައް މެދުވެރިކޮށްގެންނާއި ޓީބިލް ވިއްކައިގެން 5.3 ބިލިއަން ރުފިޔާ ހޯދަން ހިމަނާފައިވެ އެވެ.

ބޭރުގެ އެކި ފަރާތްތަކުން ފައިސާ ހޯދާ އިރު ސޮވްރިން ސުކޫކު ނުވަތަ ބޮންޑު ފަދަ ތަކެތި އިޝޫކޮށްގެން ތިން ބިލިއަން ރުފިޔާ ހޯދާނެ އެވެ. ފިނޭންސް މިނިސްޓްރީން ބުނީ އެ ފައިސާ ހޯދުމަށް ހުރި އެކި އޮޕްޝަންތައް މިނިސްޓްރީން ދިރާސާ ކުރަމުން އަންނަ ކަމަށެވެ. މިގޮތަށް ފައިސާ ހޯދާނީ އެންމެ ދަށް އިންޓްރެސްޓް ރޭޓެއް ބަލައިގެން ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

މީގެ އިތުރުން 2020 ވަނަ އަހަރު އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓާ (އައިސީޑީ) އާ އެކު ތިން އަހަރުގެ ތެރޭ އެއް ބިލިއަން ޑޮލަރުގެ ސުކޫކް ޕްރޮގްރާމަކަށް އެއްބަސްވެފައިވާ އިރު އޭގެ ދަށުން ވެސް ފައިސާ ހޯދުމުގެ ފުރުސަތު ސަރުކާރަށް އެބަ އޮތެވެ. މި ޕްރޮގްރާމުގެ ދަށުން 50 ޕަސެންޓަށް ވީ ވަރު މިއަހަރު ވަނީ ވިއްކައިފަ އެވެ.

އަންނަ އަހަރު ބަޖެޓަށް ބޭނުންވާ ފައިސާ ހޯދަން 50 މިލިއަން ޑޮލަރުގެ އިނޮވެޓިވް ފައިނޭންސިން އިންސްޓްރޫމަންޓެއް މެދުވެރިކޮށް ބްލޫ ނުވަތަ ގްރީން ބޮންޑު ވިއްކަން ވެސް ފިނޭންސް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. މިފަދަ ބޮންޑަކުން މި ވަގުތު ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ހަލުވިކޮށް ފުޅާވަމުންދާ އެންވަޔަރަމެންޓަލް، ސޯޝަލް އަދި ގަވަނަންސް (އީއެސްޖީ) އިންވެސްޓަރުން މެދުވެރިކޮށް ފައިސާ ހޯދުމުގެ ފުރުސަތު އެބައޮތް ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

އަންނަ އަހަރަށް ސަރުކާރުން ލަފާކޮށްފައިވާ ބަޖެޓަކީ 36.9 ބިލިއަން ރުފިޔާ އެވެ. މީގެ ތެރެއިން 34 ބިލިއަން ރުފިޔާ އަކީ ހަރަދެވެ.