Roadha Mihaaru
"ދައުލަތުގެ ދަރަނި" 100 ބިލިއަން ފަހަނައަޅަނީ!

ދައުލަތުގެ ޖުމްލަ ދަރަނި 100 ބިލިއަން ފަހަނައަޅަނީ!

15 ނޮވެމްބަރ 2021

ސޮވެރިން ގެރެންޓީ ހިމަނައިގެން، ދައުލަތުގެ ދަރަނި އަންނަ އަހަރު ނިމޭއިރު 103 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކޮށް އެމްއެމްއޭ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

ސޮވެރިން ގެރެންޓީ ހިމަނައިގެން، ދައުލަތުގެ ދަރަނި އަންނަ އަހަރު ނިމޭއިރު 103 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކޮށް އެމްއެމްއޭ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އަންނަ އަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް އެމްއެމްއޭ އިން ދީފައިވާ ލަފާގައި ބުނެފައިވާ ގޮތުގައި، ދައުލަތުގެ ދަރަނި ބޮޑުވަމުން ގޮސް، އަންނަ އަހަރު ވެސް، އަދި ކުރިއަށް އޮތް އަހަރުތަކުގައި ވެސް ބޮޑެތި އަދަދުތަކުން ފައިނޭންސް ހޯދަން ރާވާފައިވާ އިރު، އޭގެ ސަބަބުން ވަރަށް ބޮޑަށް ދަރަނި އިތުރުވާނެ އެވެ. އެހެންވެ، އިގްތިސާދީ ހާލަތަށް ބަލައި، ލިބޭ އެއްޗަކުން ހަރަދުތައް ހަމަޖެއްސުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށް ލަފާގައި ވަނީ ބުނެފަ އެވެ.

- އެތެރޭގެ ދަރަނި: 50.2 ބިލިއަން ރުފިޔާ

- ބޭރު ދަރަނި: 41.1 ބިލިއަން ރުފިޔާ

- ގެރެންޓީ ދީފައިވާ ދަރަނި: 11.6 ބިލިއަން ރުފިޔާ

- މި އަހަރު ނިމޭއިރު، ދަރަނި ހުރީ އުފެއްދުންތެރި ކަމުގެ ނިސްބަތުން 117.7 ޕަސެންޓްގައި

ރާއްޖޭގެ ދަރަނި ހުރީ، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނު މިންގަނޑުތަކުގައި ހިފެހެއްޓިފައި ނޫން ކަމަށް ވެސް އެމްއެމްއޭ އިން ބުނެ އެވެ. އަދި އަންނަ އަހަރު ދަރަނި އިތުރުވަނީ މި އަހަރަށް ވުރެ 9.6 ޕަސެންޓް މަތިން ކަން ވެސް މަރުކަޒީ ބޭންކުން ވަނީ ފާހަގަކޮށްފަ އެވެ.

ދަރަނީގެ ތަފާސްހިސާބަށް ބަލާއިރު، ސޮވެރިން ގެރެންޓީ ހިމަނައިގެން 2019 އިން ފެށިގެން ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ދަރަނީގެ އަދަދު ގާތްގަނޑަކަށް ވަނީ ދެ ގުނަ ވެފަ އެވެ. ދެހާސް ސަތާރަ ވަނަ އަހަރު ދަރަނި، 43.2 ބިލިއަން ރުފިޔާ، އަދި 2018 ގައި 48 ބިލިއަން ރުފިޔާގައި ހުރުމަށް ފަހު، މި ސަރުކާރު އައި ފަހުން 2019 ގައި 54.2 ބިލިއަނަށް އަރައި، 2020 ގައި 86.5 ބިލިއަން ރުފިޔާ އަށް ދަރަނި އެރި އެވެ. މި އަހަރު ނިމޭއިރު ދަރަނި 94 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ބެލެވެ އެވެ. އަދި ކުރިއަށް އޮތް ތިން އަހަރު ނިމޭއިރު ދަރަނި 111 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ތައްޔާރުކޮށްފައިވާ ބަޖެޓް ފޮތުގައި ބުނެފައިވާ ގޮތުގައި، މި އަހަރު އެހާ ބޮޑަށް ދަރަނި ބޮޑުވީ ބައިނަލް އަގުވާމީ ބާޒާރުގައި މިއަަހަރު ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކުގެ ސަބަބުންނެވެ.

ބޭރު ދަރަނި އަދާކުރުމަށް ސަރުކާރުން އަންނަ އަހަރު ތިން ބިލިއަން ރުފިޔާ އަށް ވުރެ ގިނައިން ހޭދަކުރުމަށް ވަނީ ނިންމައިފަ އެވެ.