Roadha Mihaaru
އެމްއެމްއޭއިން ބޭނުންވަނީ އޯޑީގެ އިންޓްރެސްޓް ބޮޑުކުރަން

އެމްއެމްއޭ އިން ބޭނުންވަނީ އޯޑީގެ އިންޓްރެސްޓް ރޭޓް ބޮޑުކުރަން

17 ނޮވެމްބަރ 2021

ޚަރަދުތައް މެނޭޖްކުރުމުގައި ސަރުކާރުން ޑިސިޕްލިން ކުރަން އޯވަޑްރޯ ނުވަތަ ޗާޕުކުރާ ފައިސާގެ އިންޓްރެސްޓް ރޭޓް 0.1 ޕަސެންޓުން 2.5 ޕަސެންޓަށް ބޮޑުކުރަން އެމްއެމްއޭ އިން ހުށަހަޅައިފި އެވެ.

ޚަރަދުތައް މެނޭޖްކުރުމުގައި ސަރުކާރުން ޑިސިޕްލިން ކުރަން އޯވަޑްރޯ ނުވަތަ ޗާޕުކުރާ ފައިސާގެ އިންޓްރެސްޓް ރޭޓް 0.1 ޕަސެންޓުން 2.5 ޕަސެންޓަށް ބޮޑުކުރަން އެމްއެމްއޭ އިން ހުށަހަޅައިފި އެވެ.

އޯވަޑްރޯ ފެސިލިޓީއަށް ހުއްދަ ދިނުމުގެ މައްސަލަ ދިރާސާ ކުރަމަށް ބޭއްވި މާލިއްޔަތު ކޮމިޓީގައި ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، އޯވަޑްރޯ ކޮށްފި ނަމަ ރާއްޖޭގެ އެކްސްޗޭންޖް ރޭޓަށް އިތުރު ލޮޅުންތައް އަންނަ ކަމަށެވެ. އިގްތިސާދަށް އަންނާނެ ލޮޅުންތައް ކުޑަކުރުމަށް ކުރަން ނިންމާފައިވާ ގިނަ ކަންތައްތައް ކޮމިޓީގައި އޭނާ ހިއްސާކުރެއްވި އެވެ.

"4.4 ބިލިއަންގެ އޯޑީ ދީފައި އަހަރު ނިމޭ އިރު [2022] 2.5 ނަގާފައި ބާކީ ބަހާލައިގެން ދެއްކޭ ގޮތް ހެދުން. ނުވަތަ 4.4 ބލިއަން ރުފިޔާގެ އޯޑީގެ މުއްދަތު އިތުރުކޮށްފައި އަންނަ އަހަރުގެ މެއި މަހު 2.5 އަށް އޯޑީގެ ލިމިޓް ކުޑަކުރުން. އަދި އަހަރު ނިމޭ އިރަށް ސެޓްލް ނުކުރާ އަދަދު ބަހާލައިގެން ދެއްކުން،" އޭނާ ވިދާޅުވި އެވެ.

ގަވަރުނަރު ވިދާޅުވީ މިވަގުތު އޯޑީ ފެސިލިޓީގެ އިންޓްރެސްޓް ރޭޓު 0.1 ޕަސެންޓްގައި އިނުމަކީ އިންޓްރެސްޓް ރޭޓެއް ނުނެގުން ކަހަލަ ކަމެއް ކަމަށާއި މިހާރަށް ވުރެ ބޮޑަށް މާލީ ކަންކަން ޒިންމާދާރުކުރަން އެއަށް ވުރެ ބޮޑު އިންޓްރެސްޓް ރޭޓެއް ކަނޑައަޅަން ޖެހޭ ކަަމަށެވެ. އެމްއެމްއޭ އިން މިހެން ބުނި ނަމަވެސް ފިނޭންސް މިނިސްޓްރީން ހުށަހަަޅާފައިވަނީ 0.1 ޕަސެންޓުގެ އިންޓްރެސްޓްގައި އޯޑީގެ އިންޓްރެސްޓް ރޭޓް ބަހައްޓައިގެން އޭގެ މުއްދަތު އިތުރު ކުރުމަށެވެ.

"ޑިސިޕްލީނެއް ނާދޭ 0.1 ޕަސެންޓުގައި ބޮރޯ ކުރަން ފަސޭހަކަމުން. އެހެންވެ އަޅުގަނޑުމެން މި ހުށަހަޅަނީ 2.5 ޕަސެންޓް. އެއީ ފެއާ ވެލިއު ޓްރީޓްމަންޓެއްގެ ގޮތުގައި،" އޭނާ ވިދާޅުވި އެވެ.

މިއީ ފިނޭންސް މިނިސްޓްރީން އޯވަޑްރޯ ފެސިލިޓީގެ މުއްދަތު ސަރުކާރުން އިތުރު ކުރަން މަޖިލީހަށް ހުށަހެޅި ތިން ވަނަ ފަހަރެވެ. ބަޖެޓާ ގުޅިގެން ވެސް އެމްއެމްއޭ އިން ދިން ލަފާގައި ވެސް ވަނީ އޯވަޑްރޯ އިތުރު ކުރުމަކީ މާލީ ގޮތުން މުޅި އިގްތިސާދަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ބުނެފަ އެވެ.

އެމްއެމްއޭގެ އިތުރުން އޮޑިޓް އޮފީހުން ވެސް ވަނީ މިގޮތަށް އެމްއެމްއޭ މެދުވެރިކޮށް ފައިސާ ނެގުމަކީ އިގްތިސާދީ އިތުރު ރިސްކުތަކެއް ކުރިމަތިވާނެ ކަމަށް ބުނެ ކޮމިޓީއަށް ލަފާދީފަ އެވެ.