Roadha Mihaaru
އެމްއެމްއޭގެ ލަފާއާ ގުޅިގެން ސަރުކާރު މެންބަރުން ރަތަށް

އެމްއެމްއޭގެ ލަފާ: ސަރުކާރުގެ މެމްބަރުން ހިތަށް ކެތެއްނުވި!

13 ނޮވެމްބަރ 2022

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓާ މެދު އެމްއެމްއޭގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން ސަރުކާރު މެންބަރުން ބަޖެޓު ކޮމިޓީގައި އެކަމަށް މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓާ މެދު އެމްއެމްއޭގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން ސަރުކާރު މެންބަރުން ބަޖެޓު ކޮމިޓީގައި އެކަމަށް މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އެމްޑީޕެ މެމްބަރުންގެ ތެރެއިން ސަރުކާރަށް ތާއީދު ކުރައްވާ ގިނަ މެންބަރުންތަކެއް ވާހަކަ ދެއްކެވި އިރު، އެ ބޭފުޅުން އެ ލަފާ ސިފަ ކުރެއްވީ ސިޔާސީ، އަދި ވަކިއަތަކަށް ބުރަވެ ގަވަރުނަރު ދެއްވި ލަފައެއް ކަމަށެވެ.

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވީ، އެމްއެމްއޭއިން ނެރުނު ލަފަޔަކީ ސިޔާސީ ގޮތުން ވަކި ބަޔަކާ ގުޅިގެން ގަވަރުނަރު ކުރެއްވި ކަމެއް ކަމަށެވެ.

"މިއީ ހަމަ ސީދާ ސިޔާސީ އޮޕީނިއަންއެއް. އަޅުގަނޑަށް މި ފެންނަނީ ސަލާމަތީ ބާރުތަކުގެ ސަޕޯޓް ނުލިބުނީމަ ސަރުކާރު ވައްޓާލަން އެމްއެމްއޭގެ ސަޕޯޓު ހޯދައިގެން އެކަން ކުރަން ބަޔަކު މަސައްކަތް ކުރާކަން،" އޭނާ ވިދާޅުވި އެވެ.

ޔައުގޫބު ވިދާޅުވީ، އެމްއެމްއޭގެ ލަފާގައި ރަށްރަށުގައި ހިންގަމުން އަންނަ ޕްރޮޖެކްޓްތައް ހުއްޓާލުމަށް ރިކޮމެންޓް ކޮށް، މާލެ ސަރަހައްދުގައި ހިންގާ ޕްރޮޖެކްޓްތައް ކުރިއަށް ގެންދަން ލަފާ ދީފައިވާ އިރު މިއީ އެއްވެސް ވަރަކަށް ގަބޫލު ކުރެވޭނެ ކަންކަން ނޫން ކަމަށެވެ.

މަރަދޫ ދާއިރާގެ މެންބަރު ޝަރީފާއި ހަނިމާދޫ ދާއިރާގެ މެންބަރު ގަފޫރު ބަޖެޓު ކޮމިޓީގައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މަރަދޫ ދާއިރާގެ މެންބަރު ޝަރީފާއި ހަނިމާދޫ ދާއިރާގެ މެންބަރު ގަފޫރު ބަޖެޓު ކޮމިޓީގައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވީ، ރާއްޖޭގެ ރިޒާވް އެންމެ ބޮޑަށް ދަށްވެފައިވާކަން ފެންނަން އޮތީ 2017 ވަނަ އަހަރާއި 2009 ވަނަ އަހަރު ކަމަށްވާ އިރު އޭރުގެ ގަވަރުނަރުން އެކަމުގައި ކަންބޮޑުވެވަޑައިގެން ވާހަކަ ދައްކަވާފައި ނުވާ ކަަމަށެވެ.

"އޭރު އެ ވާހަކަ ނުދައްކަވާ، މިހާރު އެ ވާހަކަ ދައްކަވާ ބޭފުޅުންނަކީ ގަވަރުނަރާއި މަޖިލީސްގެ ރައީސް. މި ދެ ބޭފުޅުންނަކީ އޭރު ރިޒާވް 32 މިލިއަނަށް ވެއްޓުނު އިރު ފިނޭންސް މިނިސްޓަރާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ،" އޭނާ ވިދާޅުވި އެވެ.

ޔައުގޫބުގެ އެ ވާހަކަ އަށް ގަވަރުނަރު އަލީ ހާޝިމް ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވީ އޭރު އައިއެމްއެފްގެ ޕްރޮގްރާމަކަށް ދިޔަ ކަމަށާއި އެއީ އޭރު ވެސް ކަންބޮޑުވުން ފާޅުކުރުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ޔައުގޫބު ހަނދުމަފުޅު ބަހައްޓަވާ، އޭރު އަޅުގަނޑުމެން ޕްރޮގްރާމަކަށް ދިޔައިން. އޭރު އައިއެމްއެފްގެ ޕްރޮގްރާމަކަށް ދިއުން އެއީ ކަންބޮޑުވުން ކަމަށް ގަބޫލުކުރަނީ،" ގަވަރުނަރު ވިދާޅުވި އެވެ.

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވެސް ވިދާޅުވީ، އެމްއެމްއޭ އިން ނެރެފައިވާ ލަފައަކީ އަސްލު މަންޒަރަށް ބަލައި، ނެރުނު ޕްރޮޕެޝަނަލް ލަފަޔައެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ބަޖެޓު ކޮމިޓީގައި ގަވަރުނަރު މެންބަރުގެ ސުވާލުތަކަށް ޖަވާބުދެއްވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބަޖެޓު ކޮމިޓީގައި ގަވަރުނަރު މެންބަރުގެ ސުވާލުތަކަށް ޖަވާބުދެއްވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޝަރީފު ވިދާޅުވީ، ދުނިޔޭގެ އެންމެ ތަރައްގީވަމުން އަންނަ ގައުމުތައް ކަމަށްވާ ޖަޕާން ފަދަ ގައުމުތަކުގައި އެއް ޕަސެންޓަށް ވުރެ ދަށުގައި ހުރި އިންފްލޭޝަން ރޭޓު މިހާރު ވަނީ 9-11 ޕަސެންޓަށް އަރާފައި ކަމަށެވެ. އަދި އެމެރިކާ އާއި އިންޑިއާގެ އިންފްލޭޝަން ރޭޓު އިންތިހާ އަށް މައްޗަށް ގޮސްފައި ހުރި އިރު ރާއްޖޭގެ އިންފްލޭޝަން ރޭޓު ތިން ޕަސެންޓާއި ހަތަރު ޕަސެންޓާ ދެމެދު ހުރުމުން އެމްއެމްއޭއިން ދިން ލަފާގައި އޮޅުވާލައިފާ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ، ރާއްޖޭގެ ފައިސާގެ އަގު [ޑޮލަރުގެ ނިސްބަތުން] ބްލެކް މާކެޓުގައި 17ރ. ގައި ހުރި މި ސަރަހައްދުގެ އެހެން ގައުމުތަކުގެ ފައިސާގެ އަގު ވެސް ވަރަށް ބޮޑަށް ވެއްޓިފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއިން އެންމެ ގިނައިން ތަކެތި އެތެރެ ކުރާ ގައުމުތައް ކަމުގައިވާ އިންޑިޔާ ތައިލެންޑްގެ ފަދަ ގައުމުތަކުގެ ފައިސާގެ މާ ބޮޑަށް ވެއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ފައިސާގެ ސްޓްރެންތު ތިބޭފުޅުންގެ ލަފައިގައެއް ނެތް. ތިބޭފުޅުން ތި ވިދާޅުވަނީ ރިކަރަންޓް ހަރަދަށް ޓީޖީއެސްޓީ/ޖީއެސްޓީ ބޭނުން ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް. [އެކަމަކު] ރިކަރަންޓް ހަރަދު ހަމަޖެއްސޭނެ ކަމަށް ބަޖެޓުގައި އެބައޮތް،" އޭނާ ވިދާޅުވި އެވެ.

ސަރުކާރަށް ތާއީދު ކުރައްވާ، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު ވިދާޅުވީ، މިއަދު ރާއްޖޭގެ އިންފްލެޝަން ރޭޓަކީ އިމްޕޯޓެޑް އިންފްލޭޝަން ރޭޓެއް ކަމަށްވާ އިރު އެފަދަ އެއްވެސް ކަމެއް އެމްއެމްއޭގެ ލަފާގައި ނެތް ކަމަށެވެ.

ގަފޫރު ވިދާޅުވީ، ލަފާގައި ހުރީ ޓީޖީއެސްޓީ އާއި ޖީއެސްޓީގެ ސަބަބުން ކުރިމަތިވާނެ ގެއްލުންތަކުގެ ވާހަކަތައް ކަމަށެވެ. އެކަމާ ގުޅޭ ފައިދާއެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ އެމްއެމްއޭގެ ލަފައަކީ އެއް ފަރާތަކަށް ޖެހިފައިވާ ލަފައެއް ކަމަށް އޭނާ ވެސް ތުހުމަތު ކުރެއްވި އެވެ.

"ޖުމްލަ ގޮތެއްގައި ލަފާގައި ނެތް ރަނގަޅު އެއްވެސް ކަމެއްގެ ވާހަކައެއް. ހައްތަހާ ވެސް ވާނީ ގޯހޭ ބުނެފަ އޮތީ. ލަފާ ކިޔާލީމާ ރާއްޖޭގެ ސަބަބުންނޭ މި ހުރިހާ ގޯހެއް މިދަނީ،" އޭނާ ވިދާޅުވި އެވެ.

މެންބަރުގެ ހިންހަމަނުޖެހުންތަކާ ގުޅޭ ގޮތުން އަލީ ހާޝިމް ވިދާޅުވީ، މި ލަފަޔަކީ ރާއްޖޭގެ އާމްދަނީ އާއި ހަރަދާ އަޅާ ކިޔާ ދީފައިވާ ލަފައެއް ކަމަށެވެ. އަދި ވޭތުވެދިޔަ ކޮންމެ އަހަރަކު ވެސް އެމްއެމްއޭގެ ލަފާގައި މިކަންކަން ހިމަނާފައިވާނެ ކަމަށާއި އެއީ އެއްވެސް ހާލެއްގައި ވަކި ފަރާތަކަށް ބުރަވެ ދެއްވާފައިވާ ލަފައެއް ނޫން ކަމަށް އަލީ ހާޝިމް ވިދާޅުވި އެވެ.

އަދި މި އަހަރުގެ ލަފާގައިވާ ހަމައެކަނި ތަފާތަކީ ޓެކްސް ބޮޑުކުރުމުގެ ވަގުތާ ދޭތެރޭ އޮތް ހިޔާލު ތަފާތުވުން އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިފަދަ ޓެކްސޭޝަންގައި އެބައޮތް އޮޕީނިއަން ތަފާތެއް. އަޅުގަނޑުމެންގެ އިކޮނޮމީ އޮތީ ރަނގަޅު ހާލަތެއްގައި މިއީ ކުރަން ރަނގަޅު ކަމެއް. އަޅުގަނޑުމެންގެ އިޝޫ އަކީ ޓައިމިން. ލަފާއަކީ މިދިޔަ އަހަރުތަކަށް ބަލާއިރު ތަފާތު ލަފައެއް ނޫން. ހަމަ އެއް ކަންކަން ކަމެއް ރިޕީޓްކޮށްފައި ހުންނާނީ،" އޭނާ ވިދާޅުވި އެވެ.

އެމްއެމްއޭގެ ލަފާގައި ފާހަގަކޮށްފައިވާ ކަންކަން

- އާމްދަނީ އާއި ހަރަދުތައް ހަމަޖެއްސުމުގައި ކުރިމަތިވެދާނެ އިގްތިސާދީ އިތުރު އުނދަގޫތައް. އޭގެ ތެރޭގައި، އިންފްލޭޝަނަށް އިތުރުވާ 2.2 ޕަސެންޓަކީ ސީދާ ގޮތެއްގައި ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމުގެ ސަބަބުން އަގުތަކަށް އަންނާނެ ބަދަލު.

- ޓެކްސް ބޮޑު ކުރުމުގެ އެންމެ މުހިއްމު ބޭނުމަކީ ހަރަދުތައް ހަމަޖައްސައި، ޑެފިސިޓް ކުޑަކުރުން ކަމަށް ވާއިރު އެކަން އަންނަ އަހަރުގެ ބަޖެޓުން ހާސިލެއް ނުވާކަން. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ އަންނަ އަހަރުގެ ބަޖެޓުގައި ވެސް ކުރަން ކަނޑައަޅާފައިވާ ހަރަދުތައް އިންތިހާ އަށް އިތުރުވުން.

- ބަޖެޓުގައި ހިލޭ އެހީ ހިމަނާފައި ވަނީ މާ ބޮޑުކޮށް ކަން. ވޭތުވެދިޔަ ހަ އަހަރު ވެސް އަންދާޒަކޮށްފައިވާ ބަޖެޓާ އެއްވަރަށް ހިލޭ އެހީ ނުލިބޭތީ ބަޖެޓުގެ ޑެފިސިޓް އިތުރަށް ބޮޑުވާނެ ކަން.

- އާމްދަނީން ރިކަރަންޓް ހަރަދުތައް ހަމަނުޖެއްސޭނެ ކަމާއި ފައިނޭންސް ހަމަނުޖެހޭ ޕްރޮޖެކްޓްތައް ބަޖެޓުގައި ނުހިމެނުން.

- އަންނަ އަހަރު އިތުރަށް ފައިސާ ޗާޕު ކުރުމުން ދައުލަތުގެ ހަރަދުތައް ހަމަޖައްސާ ނަމަ އިގްތިސާދުގައި ދައުރުވާ ފައިސާ އިތުރުވެ، ބޭރު ފައިސާ އަށް އޮންނަ ޑިމާންޑު ދަށްވެ، ރާއްޖޭގެ އެކްސްޗޭންޖް ރޭޓަށް ނޭދެވޭ އަސަރު ކުރާނެކަން.