Roadha Mihaaru
"ދޫމް 4" ގެ ވިލަންއަކަށް ދީޕިކާ؟

"ދޫމް 4" ގެ ވިލަންއަކަށް ދީޕިކާ؟

04 ޖެނުއަރީ 2021

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ކާމިޔާބު ފްރެންޗައިޒް "ދޫމް" ގެ ހަތަރު ވަނަ ފިލްމުގެ ވިލަންއަކަށް ބަތަލާއަކު ގެންނަން ނިންމާފައިވާ ކަމަށާއި އެ ރޯލުން ފެނުމުގެ ފުރުސަތު ބޮޑީ ދީޕިކާ ޕަދްކޯން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ކާމިޔާބު ފްރެންޗައިޒް "ދޫމް" ގެ ހަތަރު ވަނަ ފިލްމުގެ ވިލަންއަކަށް ބަތަލާއަކު ގެންނަން ނިންމާފައިވާ ކަމަށާއި އެ ރޯލުން ފެނުމުގެ ފުރުސަތު ބޮޑީ ދީޕިކާ ޕަދްކޯން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީގެ ކުރިން "ދޫމް" ގެ ކޮންމެ ފިލްމެއްގައި ވެސް މަޝްހޫރު އެކްޓަރަކު ފިލްމުގެ ސްޓައިލިޝް ވިލަންގެ ރޯލު ކުޅެފައިވެ އެވެ. އެގޮތުން 2004 ގެ "ދޫމް" ގެ ވިލަން އަކީ ޖޯން އަބްރަހަމެވެ. ރިތިކް ރޯޝަނަކީ 2006 ގެ "ދޫމް 2" ގެ ވިލަން އެވެ. އާމިރު ޚާން ޑަބަލް ރޯލަކުން ވިލަންގެ ރޯލު ކުޅުނީ 2013 ގެ "ދޫމް 3" ގަ އެވެ.

ފިލްމުފެއާ އިން ބުނިގޮތުގައި ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާ މި ފަހަރު ބޭނުން ވަނީ "ދޫމް 4" އަންހެން ވިލަންއެއް ގެންނާށެވެ. އެހެންވެ އެ ބަދަލުގެ ފެށުމަކަށް ވާނީ ދީޕިކާ ކަމަށްވެ އެވެ. ރަންވީރް ސިންގްގެ އަންހެނުންގެ އަތުގައި މި ވަގުތު ވެސް ވައިއާރްއެފްގެ ފިލްމެއް އެބައޮތެވެ. އެއީ މި އަހަރުގެ ފަހުކޮޅު ރިލީޒްކުރާނެ ޝާހްރުކް ޚާންގެ "ޕަތާން" އެވެ.

"ދޫމް 4" ގެ ވާހަކަ ދޭތެރެ ދޭތެރެ އިން މީޑިއާތަކަށް ތިލަވަނީ ފިލްމުގެ ވިލަންގެ ރޯލު ކުޅޭނެ އެކްޓަރަކާ ގުޅުވައިގެންނެވެ. ހަގީގަތުގައި "ދޫމް" ފްރެންޗައިޒްގެ "އަސްލު ބަތަލަކީ" ފިލްމުގެ ވިލަން އެވެ. އެގޮތުން ހަތަރު ވަނަ ފިލްމުގެ ވިލަންގެ ރޯލު ކުޅެފާނެ ކަމަށް ބުނެ ކުރިން އަޑުއެރި ތަރިންގެ ތެރޭގައި ޝާހްރުކް ޚާނާއި ސަލްމާން ޚާނާއި އަކްޝޭ ކުމާރާއި "ބާހްބަލީ" ކުޅުނު ތެލެގޫ އެކްޓަރު ޕްރަބާސް ހިމެނެ އެވެ.

ނަމަވެސް "ދޫމް 4" އާ ބެހޭ އެއްވެސް ވާހަކައެއް ރަސްމީކޮށް ވައިއާރްއެފުން މިހާތަނަކަށް ނާދެ އެވެ. އެ ސީރީޒްގެ އެންމެ ފަހުގެ ފިލްމު ލިޔެ، ޑައިރެކްޓްކުރި ވިޖޭ ކްރިޝްނާ އަޗާރިއާ (ވިކްޓާ) މިހާރު އަންނަނީ ވިކީ ކޯޝަލާއި 2017 ގެ މިސް ވޯލްޑް މަނޫޝީ ޗިލާރާ އެކު ކޮމެޑީއެއް ހެދުމުގެ މަސައްކަތްކުރަމުންނެވެ.

އެހެންވެ "ދޫމް 4" ގެ ޑައިރެކްޓްކުރާނެ މީހަކު ވެސް އަދި ނޭނގެ އެވެ. ފުރަތަމަ ދެ ބައި ޑައިރެކްޓްކުރީ ސަންޖޭ ގަދްވީ އެވެ.

"ދޫމް" ގެ ކޮންމެ ފިލްމަކާ އެކު ބަތަލާއިން ބަދަލުވިޔަސް، ފިލްމުގެ އާންމު ދެ ކެރެކްޓާ ކުޅެނީ އަބީޝެކް ބައްޗަނާއި އުދޭ ޗޯޕްޅާ އެވެ.

"ދޫމް" ގެ ބަތަލާއިންނަކީ އީޝާ ޑިއޯލާއި ރިމީ ސެން އެވެ. އައިޝްވާރިއާ ރާއީ އާއި ބިޕާޝާ ބާސޫ އަކީ "ދޫމް 2" ގެ ބަތަލާއިންނެވެ. "ދޫމް 3" ގެ ބަތަލާ އަކީ ކެޓްރީނާ ކައިފެވެ.

ކޮންމެއަކަސް "ދޫމް 4" ގެ ވިލަން އަކީ ދީޕިކާ ކަމަށް ބުނާ ވާހަކަ އަކީ ތެދަކަށްވެއްޖެ ނަމަ މި ފިލްމަށް ގިނަ ބަޔަކު އިންތުޒާރުކުރާނެ އިތުރު ސަބަބަކަށް ވާނެ އެވެ. އަދި މިއީ "ދޫމް" އަށް އަންނާނެ އެންމެ ބޮޑު އެއް ބަދަލެވެ.