Roadha Mihaaru
ޓެރަރިޒަމް ފައިނޭންސިންގެ ދިފާއުގައި ބުނީ ޖެހީ ސަލާމޭ!

ޓެރަރިޒަމް ފައިނޭންސިން ދައުވާގެ ދިފާއު: އެއީ ސަލާން ޖަހައިގެން އަމިއްލަ ބޭނުމަށް ހޯދި ފައިސާ

15 ނޮވެމްބަރ 2021

ޓެރަރިސްޓުން ކަމަށް ބުނާ ބައެއްގެ އަތުން ފައިސާ ހޯދީ ސަލާން ޖަހާ އުސޫލުން ކަމަށާއި އެއީ ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ހޯދި ފައިސާ ނޫން ކަމަށް ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ދައުވާ ލިބޭ މުހައްމަދު މުނާޒް (އަބޫ ޔޫސުފް) މިއަދު ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ޓެރަރިސްޓުން ކަމަށް ބުނާ ބައެއްގެ އަތުން ފައިސާ ހޯދީ ސަލާން ޖަހާ އުސޫލުން ކަމަށާއި އެއީ ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ހޯދި ފައިސާ ނޫން ކަމަށް ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ދައުވާ ލިބޭ މުހައްމަދު މުނާޒް (އަބޫ ޔޫސުފް) މިއަދު ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.

ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ދައުވާ ހދ. ނޭކުރެންދޫ، ޝާޒީން، މުނާޒަށް 2019 ވަނަ އަހަރު ކުރީ އަބޫ މިޝްކާގެ ނަމުގައި ހުޅުވި އެކައުންޓުން ޓެރަރިޒަމަށް ހިތްވަރުދޭ ފަރާތްތަކާ މުއާމަލާތުކޮށް 2016 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި، ޓެރަރިސްޓެއް ކަމަށް ބެލެވޭ އެމެރިކާ މީހެއް ކަމަށްވާ ލަޔަނަލް ވިލިއަމްސް ކިޔާ މީހެއްގެ އަތުން ފައިސާ ހޯދާފައި ވާތީ އާއި ޕާކިސްތާނުގައި ދިރިއުޅޭ އިސްލާމިކް ސްޓޭޓަށް ތާއީދުކުރާކަމަށް ބެލެވޭ މުހައްމަދު އިމްރާން ކިޔާ މީހެއްގެ އަތުން 2017 ވަނަ އަހަރު ފައިސާ ހޯދާފައިވާ ކަމަށް ބުނެ އެވެ.

ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ދައުވާ އޭނާގެ މައްޗަށް ކުރީ، އޭނާ ގެންގުޅުނު ކަމަށް ބުނާ ފޭސްބުކް ދެ އެކައުންޓަކުން ޓެރަރިޒަމަށް ހިތްވަރުދީ ކުރި ޕޯސްޓުތަކެއްގެ ސަބަބުންނެވެ. އެއީ އަބޫ މިޝްކާގެ ނަމުގައި ގެންގުޅުނު އެކައުންޓަކާއި އަބޫ ޔޫސުފްގެ ނަމުގައި ގެންގުޅުނު އެކައުންޓެކެވެ.

މި މައްސަލަ ކުރިން ބެއްލެވި ގާޒީ މިހާރު ވަނީ ބަދަލުވެފަ އެވެ. އެހެންވެ މިއަދު އަލަށް މި މައްސަލައާ ހަވާލުވެވަޑައިގެންނެވި ގާޒީ އިސްމާއިލް ޝަފީއު ނިންމެވީ މައްސަލަ ބެލުން އަލުން ނުފަށައި އޭނާ ހަވާލުވެވަޑައިގަތުމާ ހަމައަށް މައްސަލަ ކުރިއަށް ގެންގޮސްފައިވާ ހިސާބުން ކުރިއަށްގެންދާށެވެ.

މިއަދުގެ އަޑުއެހުމުގައި މުނާޒުގެ ބަންދު ރިވިއު ކުރުމުގެ ބައި ވެސް ކުރިއަށްގެންދިޔަ އެވެ. ދައުލަތުން ބުނީ އޭނާ ބަންދުކުރި އެއްވެސް ހާލަތަކަށް ބަދަލު އައިސްފައި ނުވާ ކަމަށާއި އެހެންވެ ބަންދު ދަމަހައްޓައިދިނުމަށެެ.

އެކަމަކު، އޭނާއަށް ޖަލުގައި އަނިޔާ ކުރުމާއި ސިއްހީ މައްސަލަތަކަށް ބަލައި ޝަރުތުކޮށްފައި ބަންދުން ދޫކޮށްލަން އޭނާގެ ވަކީލު އެދުނެވެ. ޖަލުގައި ހިންގި އޮޕަރޭޝަނެއްގައި މުނާޒަށް ވަރަށް ބޮޑަށް އަނިޔާ ކުރުމުގެ ސަބަބުން އޭނާ ހޭނެތުނު ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ. މިކަމުގެ ކަންބޮޑުވުން ފާޅުކޮށް އޭނާގެ އާއިލާއިން ވެސް ވަނީ ކޯޓަށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ.

އޭގެ އިތުރުން، ވަކީލު ވިދާޅުވީ، މުނާޒަކީ ޓެރަރިޒަމްގެ އަމަލެއް ކުރަން ރާވައި އެކަހަލަ ކަމެއް ހިންގަން އުޅުނު މީހެއް ނޫން ކަމަށެވެ. އޭނާ ބައެއްގެ އަތުން ފައިސާ ހޯދީ އަމިއްލަ ދިރިއުޅުމަށް ބޭނުންވެގެން ކަމަށާއި އެއީ "ސަލާން ޖަހައިގެން ފައިސާ ހޯދާ ގޮތަށް" ސޯޝަލް މީޑިއާގައި އެކި މީހުންގެ އަތުން ހޯދި ފައިސާ ކަމަށް ވިދާޅުވި އެވެ.

ހޯދާފައިވާ ފައިސާއަށް ބަލާއިރު ވެސް އެއީ ޓެރަރިޒަމްގެ ބޮޑު ކުށެއް ރާވައި ހިންގޭ ވަރުގެ އަދަދެއްގެ ނޫންކަން ދައުލަތަށް ވެސް އެނގޭނެ ކަމަށް ދިފާއީ ވަކީލު ވިދާޅުވި އެވެ.

ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ދައުވާ ކުރުމުގެ ބަދަލުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ދައުވާއެއް ކުރުން މާ އައުލާކަން ބޮޑު ކަމަށް ދެކޭ ކަމަށް ވެސް ދިފާއީ ވަކީލު ވިދާޅުވި އެވެ. އަދި މުނާޒަކީ މުޖުތަމައުއަށް އޮތް ނުރައްކަލެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

އެ ސަބަބުތަކާއި އޭނާގެ ސިއްހީ ހާލަތުގެ މައްޗަށް ބަލައި ޝަރުތުކޮށްފައި ބަންދުން ދޫކޮށްލަން އެދުނަސް ގާޒީ ޝަފީއު ނިންމެވީ ބަންދުން ދޫކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެކަމަކު މައްސަލަ އަވަހަށް ނިންމައިދެއްވާނެ ކަމަށް ޝަފީއު ވިދާޅުވި އެވެ. ގާޒީ ވިދާޅުވީ ޖެނުއަރީ މަހުގެ ތެރޭގައި ހުކުމް ކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ. މިހާރު މައްސަލަ އޮތީ ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ މަރުހަލާގަ އެވެ.

ހަރަކާތްތައް އެމެރިކާގެ ސަމާލުކަމަށް

މިއަދުގެ އަޑުއެހުމުގައި މުނާޒާ ދެކޮޅަށް ކިތާބީ ހެކީގެ ގޮތުގައި ހުށަހެޅި ތިން ލިޔުމެއް ހާމަކުރުމަށް ވެސް އޭނާގެ ވަކީލު އެދިވަޑައިގަތެވެ.

އޭނާއާ ދެކޮޅަށް ހުށަހެޅި ހެކިތަކުގެ ތެރޭގައި މުނާޒު ހުޅުވައިގެން އުޅޭ ފޭސްބުކް އެކައުންޓުތަކުން ކުރި ޕޯސްޓުތަކާ ގުޅިގެން އެމެރިކާގެ ޑިޕާޓްމެންޓް އޮފް ޖަސްޓިސް އިން ދިން މައުލޫމާތުގެ މައްޗަށް ފުލުހުން ހެދި ރިޕޯޓެއް ހިމެނެ އެވެ. އޭގެ އިތުރުން ފުލުހުން ތައްޔާރުކުރި ލިޔުންތައް ހިމެނެ އެވެ.

އެއީ ކުރިން މައްސަލަ ބެއްލެވި ގާޒީ ސިއްރު ކުރަން ނިންމަވާފައިވާ ލިޔުންތަކެކެވެ. ގާޒީ ޝަފީއު މިއަދު ނިންމެވީ އެ ނިންމުން މުރާޖައާ ނުކުރައްވާށެވެ. އެކަމަކު، ކުރިން ވެސް ނިންމާފައި އޮތް ގޮތަށް ކޯޓަށް އައިސް އެ ލިޔުންތައް ބެލޭނެ ގޮތް ހަމަޖެއްސި އެވެ.

އަބޫ މިޝްކާގެ ނަމުގައި މުނާޒު ގެންގުޅުނު ކަމަށް ބުނާ ފޭސްބުކް އެކައުންޓަކުން، ޓެރަރިސްޓް ހަމަލާއެއް ދިނުމަށް ބަޑިއާއި ބޮން ނެތް ހާލަތެއްގައި ވަޅި ބޭނުންކޮށްގެން ހަމަލާދިނުމަށް ހިތްވަރުދީ 2015 އަހަރުގެ ތެރޭގައި ޕޯސްޓް ކޮށްފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

އޭނާ އަބޫ ޔޫސުފްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުން ވެސް 2018 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދީ އެކި ޕޯސްޓުކޮށްފައިވާ ކަމަށް ދައުލަތުން ބުނެފައިވެ އެވެ. އެ އެކައުންޓުން ވަނީ ދިވެހި ސަރުކާރާއި ޑިމޮކްރެސީ ކުފުރުކޮށް ޕޯސްޓުކޮށްފަ އެވެ. އަދި މަޖިލިސް މެމްބަރުން ހޮވަން ވޯޓު ދޭ ކޮންމެ މީހަކީ ވެސް ކާފަރެއް ކަމަށް ބުނެފައިވެ އެވެ. އެ އެކައުންޓުގެ ކަވާ ފޮޓޯއަށް ވެސް ލާފައި ހުރީ އައިއެސް ޖަމާއަތުގެ ދިދަ އެވެ.