Roadha Mihaaru
އައިއެސްގެ ދިދަ ފެނިގެން ކުރި ދައުވާ ބޭރުކޮށްލައިފި

އައިއެސް ޖަމާއަތުގެ ދިދައިގެ ފޮޓޯއެއް ފޯނުން ފެނުމުން ކުރި ދައުވާ ބޭރުކޮށްލައިފި

30 އޮކްޓޯބަރ 2021

މީހެއްގެ ފޯނުން އައިއެސް ޖަމާއަތުގެ ދިދަ ފެނުނުމުން އޭނާގެ މައްޗަށް ކުރި، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރާކަން ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

މީހެއްގެ ފޯނުން އައިއެސް ޖަމާއަތުގެ ދިދަ ފެނުނުމުން އޭނާގެ މައްޗަށް ކުރި، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރާކަން ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ރ. މަޑުއްވަރީގައި ޖެނުއަރީ 7، 2020 ގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެ ރަށު ސައީދާމަންޒިލް މުހައްމަދު މައުޖޫދު ހައްޔަރުކޮށް، އޭނާ އަކީ ހަރުކަށި ފިކުރު ފެތުރުމުގައި އުޅުނު މީހެއް ކަމުގެ ތުހުމަތު ކުރީ އޭނާ ގެންގުޅުނު ކަމަށް ބުނާ ފޯނެއްގައި އައިއެސް ޖަމާއަތުގެ ދިދައިގެ ފޮޓޯއެއް ފެނުމުންނެވެ. އެހެންވެ، މައުޖޫދުގެ މައްޗަށް ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރާ މީހެއްކަން ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ ކުރީ އެވެ.

ޕީޖީ އޮފީހުން ބުނެފައި ވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރާކަން ދޭހަވާ ފޮޓޯއެއް ގެންގުޅުމަކީ ކުށެއް ކަމަށާއި މައުޖޫދުގެ ފޯނުން ފެނުނީ އިސްލާމިކް ސްޓޭޓްގެ ފޮޓޯއެއްކަން އެ ފޯނުގެ ފޮރެންސިކް ރިޕޯޓުން އެނގޭ ކަމަށެވެ. އެހެންކަމުން ކުށް ސާބިތުވާ ވަރު ފުރިހަމަވާ ކަމަށް ދައުލަތުން ބުންޏެވެ.

މި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމީ މައުޖޫދުގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުމަކަށް ޝަރީއަތުން ގޮތެއް ނިންމަމުންނެވެ.

މި މައްސަލަ ދައުލަތުން ކޯޓަށް ހުށަހެޅި އިރު މައުޖޫދުގެ އަތުން ފޯނެއް ފެނުނުކަން އެނގޭ ލިޔުމެއް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށް އޭނާގެ ފަރާތުން ބުނެފައިވެ އެވެ. ފޮޓޯ ފެނުނު މޯބައިލް ފޯނުގެ ފޮރެންސިކް ރިޕޯޓު ހުށަހެޅި އިރު، ފޯނެއް ނެގި ކަމުގެ ލިޔުން ހުށަހަޅާފައި ނުވާތީ މައުޖޫދުގެ ފަރާތުން ބުނެފައި ވަނީ އެ ފޮރެންސިކް ރިޕޯޓު ބަލައި ނުގަނެވޭނެ ކަމަށެވެ.

ފޮޓޯ ފެނުނު ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މައުޖޫދު ހައްޔަރު ކުރިތާ 23 ދުވަސް ފަހުން ކަމަށް ވާއިރު އޭގެ ޗެއިން އޮފް ކަސްޓަޑީގައި ވަނީ ފޯނު ނެގީ ފުލުހުންގެ ކަސްޓޯޑިއަލްއިން ކަމަށެވެ. އެހެންވެ، ފޯނު އެއް ތަނުން އަނެއް ތަނަށް ގެންދިޔަ ގޮތުގެ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ނުވާ ކަމަށް ވެސް މައުޖޫދުގެ ފަރާތުން ބުންޏެވެ.

މި ސުވާލުތަކަށް ދައުލަތުން އެކަށީގެންވާ ޖަވާބެއް ނުދެވޭ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒު ރަޝާދު ނިންމެވި ނިންމުމުގައިވެ އެވެ. އަދި މައުޖޫދުގެ ފޯނު ކަމަށް ބުނާ ފޯނު ނެގި ތަނާއި ފޯނު ނެގި ތާރީހާއި އެކަކު އަތުން އަނެކަކު އަތަށް ފޯނު ދިޔަ ގޮތް ބަޔާން ބަޔާންކޮށްފައި ނުވާތީ އެ މައްސަލައިގައި މޯބައިލް ފޯނުގެ ފޮރެންސިކް ރިޕޯޓު ބަލައިނުގަނެވޭނެ ކަމަށް ނިންމެވި އެވެ.

މައުޖޫދުގެ ފޯނުން އައިސް ޖަމާއަތުގެ ދިދައިގެ ފޮޓޯއެއް ފެނުނުކަން ސާބިތު ކުރަން މޯބައިލް ފޯނުގެ ފޮރެންސިކް ރިޕޯޓު ފިޔަވައި އިތުރު އެއްވެސް ހެއްކެއް ހުށަހަޅާފައި ނެތުމުން ކުށުގެ މާއްދީ ރުކުން ސާބިތު ނުކުރެވޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ. އެހެންވެ، ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި ބޭރުކޮށްލީ އެވެ.