Roadha Mihaaru
ހަނގުރާމައިން ގެނައި މީހާ ދަރިންނާ އެކު ބަންދަށް

ހަނގުރާމައިގެ މައިދާނުން ގެނައި މީހާގެ ރުހުމުގައި ދަރިންނާ އެކު 30 ދުވަހަށް ބަންދަށް

13 މާޗް 2022

ސީރިއާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ދަރިން ގޮވައިގެން މީގެ ނުވަ އަހަރު ކުރިން ރާއްޖެއިން ފިލައިގެން ދިޔުމަށް ފަހު އެނބުރި އައި އަންހެން މީހާ އާއި އޭނާގެ ދަރިން 30 ދުވަހު ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސީރިއާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ދަރިން ގޮވައިގެން މީގެ ނުވަ އަހަރު ކުރިން ރާއްޖެއިން ފިލައިގެން ދިޔުމަށް ފަހު އެނބުރި އައި އަންހެން މީހާ އާއި އޭނާގެ ދަރިން 30 ދުވަހު ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

މިދިޔަ ހުކުރު ދުވަހު މާލެ ގެނައީ ހަނގުރާމާގައި ހާލުގައި ޖެހުނު 31 އަހަރުގެ އަންހެނަކާއި އޭނާގެ 18 އަހަރު ނުފުރޭ ހަތަރު ދަރިންނެވެ. އޭގެ ތެރެއިން ދެ ކުދިންނަކީ ހަނގުރާމަ އަށް ދިޔައިރު ގޮވައިގެންދިޔަ ދެ ކުދިންނެވެ. ދެން ތިބި ދެ ކުދިންނަކީ ރާއްޖެ އައި އިރު އޭނާ ގޮވައިގެން އައި ދެ ކުދިންނެވެ. އެ ކުދިން ގެނައީ ޑީއެންއޭ ޓެސްޓް ހެދުމަށް ފަހު އެއީ އޭނާގެ ދަރިންކަން ކަށަވަރުކުރުމަށް ފަހުގަ އެވެ.

ކޯޓް އަމުރުގައި ބުނެފައި ވަނީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ހަނގުރާމަވެރި ސަރަހައްދެއްގައި ހުރެފައި އެނބުރި ރާއްޖެ އަންނަ މީހެއް ނަމަ އެ މީހަކީ ރިހެބިލިޓޭޝަން ޕްރޮގްރާމެއް ފުރިހަމަ ކުރުމަކާ ނުލައި ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލަމާތަށް ނުރައްކާވެދާނެ މީހެއް ކަމަށް ބަލައި ގިނަވެގެން 30 ދުވަހަށް ބަންދުގައި ބަހައްޓަން ޖެހޭ ކަމަށް ބުނެފައި ވާތީ، އެގޮތަށް އަމުރުކޮށްފައިވާ ކަމަށެވެ.

އެ އަންހެން މީހާއާ އެކު، އޭނާގެ ހަތަރު ދަރިން ވެސް އެ މުއްދަތަށް ބަންދުކުރަން އަމުރުކޮށްފައިވެ އެވެ. އޭނާ ބަންދުގައި ބަހައްޓަން އެއްވެސް އިއުތިޒާރެއް ނެތް ކަމަށް ކޯޓުގައި ބުނެފައިވާ ކަމަށް ވެސް އެ އަމުރުގައިވެ އެވެ.

ހަނގުރާމަތަކުގައި ވިކްޓިމައިޒްވާ އަންހެނުންނާއި ކުޑަކުދިންނަށް ބޭނުންވާ ދީނީ، އިޖުތިމާއީ އަދި ނަފުސާނީ ފަރުވާ ދެވޭނެހެން ގާނޫނުތަކާއި ގަވާއިދުތައް އިސްލާހުކޮށް އެކަމަށް ބޭނުންވާ ހާއްސަ މަރުކަޒެއް ކ. ހިންމަފުށީގައި ހުޅުވާފައިވާއިރު، ހޯމް މިނިސްޓްރީން ބުނީ އެ އާއިލާ މުޖުތަމައު އަށް އަނބުރާ ނެރޭނީ އެތަނުގައި ރިހެބިލިޓޭޝަން ފުރިހަމަކުރުމަށް ފަހުގައި ކަމަށެވެ.

އަނބުރާ ރާއްޖެ ގެނައި އާއިލާގެ މައޫލާމާތު އެ މީހުންގެ ރައްކާތެރިކަމަށްޓަކައި ސިއްރުކޮށްފައިވާ އިރު، މިނިސްޓްރީން ބުނީ ކުޑަކުދިންނާއި އަނިޔާ އަށް ހުށަހެޅިފައިވާ އަންހެނުންނަކީ ރާއްޖޭގެ ގާނޫނުތަކާއި ރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކުން ހާއްސަ ސަލާމަތާއި ރައްކާތެރިކަން ދީފައިވާ ބައެއް ކަމަށެވެ. އެހެންކަމުން، އެފަދަ ފަރާތްތަކުގެ އައިޑެންޓިޓީ ހާމަކޮށް ޒާތީ މައުލޫމާތު އާންމުކޮށް ފެތުރުމަކީ އެފަދަ ފަރާތްތަކުގެ އިންސާނީ ކަރާމަތަށް އުނިކަން ލިބޭނެ، ގާނޫނީ ގޮތުން ވެސް މަނާކަމެއް ކަމަށެވެ.

ހަނގުރާމައިން އަނބުރާ އަންނަ މީހުންގެ ރިހެބިލިޓޭޝަން އާއި ރީއިންޓެގްރޭޝަންއާ ގުޅޭ ގަވާއިދަށް މިދިޔަ ޖެނުއަރީ މަހު ވަނީ އަމަލުކުރަން ވެސް ފަށައިފަ އެވެ.

ސީރިއާ އަދި އަފްގާނިސްތާން ފަދަ ބައެއް ގައުމުތަކުގައި ހިނގާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވާން ގިނަ އަދަދެއްގެ ދިވެހިން ގޮސްފައިވެ އެވެ. އޭގެ ތެރެއިން ބައެއް މީހުން ހަނގުރާމައިގައި މަރުވެފައިވާ އިރު، އެ މީހުންގެ އަނބިދަރިން ވަނީ ހާލުގައި ޖެހިފަ އެވެ.

ހާލުގައި ޖެހިފައިވާ އާއިލާތައް އަނބުރާ ރާއްޖެ ގެނެސްދިނުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކުގައި އެ މީހުންގެ އާއިލާތަކުން އެދިފައިވެ އެވެ. އެ މައްސަލަ އަށް ހައްލެއް ހޯދުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެއް ވެސް މެ އެވެ.