Roadha Mihaaru
ތާލިބާނުންގެ އަސްކަރީ ދައްކާލުމެއް ބާއްވައިފި

ތާލިބާނުންގެ އަސްކަރީ ދައްކާލުމެއް ބާއްވައިފި

15 ނޮވެމްބަރ 2021

އަފްގާނިސްތާނުގައި މިހާރު ވެރިކަން ކުރަމުން އަންނަ ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިން، އެމީހުންގެ އަސްކަރީ ދައްކާލުމެއް، ވެރިރަށް ކާބުލްގެ މައި މަގުތަކުގައި އިއްޔެ ބާއްވައިފި އެވެ.

އަފްގާނިސްތާނުގައި މިހާރު ވެރިކަން ކުރަމުން އަންނަ ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިން، އެމީހުންގެ އަސްކަރީ ދައްކާލުމެއް، ވެރިރަށް ކާބުލްގެ މައި މަގުތަކުގައި އިއްޔެ ބާއްވައިފި އެވެ.

ތާލިބާނުންގެ ގިނަ އަދަދެއްގެ ހަނގުރާމަވެރިން ބައިވެރިވި މި ދައްކާލުމުގައި، ގިނައިން ބޭނުންކުރީ، މިދިޔަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހާ ހަމައަށް އެ ގައުމުގައި އޮތް ސަރުކާރަށް، އެމެރިކާ އިން ދީފައި ހުރި ހަތިޔާރުތަކާއި އަސްކަރީ އުޅަނދުތަކެވެ. އޮގަސްޓް މަހުގެ ކުރީކޮޅު ތާލިބާންގެ ހަނގުރާމަވެރިން، ވެރިރަށް ކާބުލް ހިސާރުކުރުމާ އެކު، އަފްގާނު ސިފައިން ވަނީ ހަތިޔާރު ބަހައްޓައި ފިލައިފަ އެވެ.

ސިފައިން އަމާން ދިނުމާ އެކު، އަފްގާނުގެ އަސްކަރިއްޔާގައި ހުރި، ހުރިހާ ހަތިޔާރަކާއި އަސްކަރީ އުޅަނދުތަކެއް ވަނީ ތާލިބާންގެ ހަނގުރާމަވެރިންނަށް ލިބިފަ އެވެ. މި ހުރިހާ ހަތިޔާރަކީ ވެސް، އޮކްޓޫބަރު 2001 އިން ފެށިގެން އޮގަސްޓް 30، 2021 ގެ ނިޔަލަށް އެމެރިކާ ސިފައިން އަފްގާނުގައި ތިބި އިރު، ތާލިބާނުންނާ ދެކޮޅަށް ހަނގުރާމަކުރުމަށް، އެމެރިކާ ސަރުކާރުން އަފްގާނު ސަރުކާރަށް ދީފައި ހުރި ހަތިޔާރެވެ.

ތާލިބާނުން އިއްޔެ ބޭއްވި އަސްކަރީ ދައްކާލުމުގައި، ހަނގުރާމަވެރިންތަކެއް އަސްކަރީ އުޅަނދެއްގައި ދުއްވާފައި ދަނީ. --އޭއެފްޕީ

ތާލިބާނުން އިއްޔެ ބޭއްވި އަސްކަރީ ދައްކާލުމުގައި، ހަނގުރާމަވެރިންތަކެއް އަސްކަރީ އުޅަނދެއްގައި ދުއްވާފައި ދަނީ. --އޭއެފްޕީ

ތާލިބާނުންގެ އަސްކަރީ ދައްކައިލުން ކާބުލްގެ މަގުތަކުގައި ކުރިއަށް ދިޔަ އިރު، ސޮވިއެޓް ޔޫނިއަންގެ ދުވަސްވަރު އަފްގާނިސްތާނަށް ދީފައި ހުރި ބައެއް ހެލިކޮޕްޓަރުތައް ވެސް، ޖައްވުގެ ތެރޭގައި ދަތުރުކުރަމުން ދިޔަ އެވެ.

އާންމުކޮށް ކުރުތާ އާއި ހަރުވާޅު ލައިގެން އުޅުނު ތާލިބާންގެ ހަނގުރާމަވެރިން، އަފްގާނުގެ ވެރިކަމަށް އައުމަށް ފަހު، މިހާރު ބޭނުންކުރަމުން އަންނަނީ، އަފްގާނިސްތާނު ސިފައިން ކުރިން ބޭނުންކުރަމުން އައި އަސްކަރީ ޔުނީފޯމްތަކެވެ. އޭގެ ތެރޭގައި އަސްކަރީ ބޫޓުތަކާއި ހެލްމެޓާއި ކަކޫ ގާޑު ފަދަ ތަކެތި ހިމެނެ އެވެ.

އަފްގާނިސްތާނުގެ ދިފާއީ ވަޒީރު އިނާޔަތުﷲ ޚަވާރިޒްމީ ވިދާޅުވި ގޮތުގައި އަސްކަރީ ދައްކާލުމެއް ބޭއްވީ، އަފްގާނިސްތާނުގެ ސިފައިންގެ ގޮތުގައި އަލަށް ތަމްރީނުކުރި 250 ސިފައިން ދަސްވެނިވުން ފާހަގަކުރުމަށެވެ. ތާލިބާންގެ އިސް މަސްއޫލުވެރިއަކު ވިދާޅުވި ގޮތުގައި އެ ގައުމުގައި ވަރުގަދަ ލަޝްކަރެއް ބިނާކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ތާލިބާނުން އިއްޔެ ބޭއްވި އަސްކަރީ ދައްކާލުމުގައި، އަސްކަރީ އުޅަނދުތަކެއް ދުއްވާފައި ދަނީ. --އޭއެފްޕީ

ތާލިބާނުން އިއްޔެ ބޭއްވި އަސްކަރީ ދައްކާލުމުގައި، އަސްކަރީ އުޅަނދުތަކެއް ދުއްވާފައި ދަނީ. --އޭއެފްޕީ

އެ ގޮތުން އަފްގާނިސްތާނުގައި ކުރިން އޮތް އަސްކަރިއްޔާގައި ހިދުމަތްކުރި ޕައިލެޓުންނާއި ފަންނީ ދާއިރާތަކުގެ އިތުރު ސިފައިން ވެސް، އަލަށް އުފައްދާ ލަޝްކަރުގައި ހިމެނޭނެ އެވެ.

އަފްގާނިސްތާނަށް އެމެރިކާ އިން ދީފައިވާ އެހީތަކާ ގުޅޭ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، 2002 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް، އެމެރިކާ ސަރުކާރުން ވަނީ 28 ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު އަފްގާނިސްތާނަށް ހަދިޔާކޮށްފަ އެވެ. އޭގެ ތެރޭގައި ބަޑި އާއި އޭގެ ވަޒަނާއި، އެއްގަމާއި ވައިގެ އުޅަނދުތަކާއި ރޭގަނޑު ބޭނުންކުރާ ހާއްސަ އަސްކަރީ އައިނު ފަދަ ތަކެތި ހިމެނެ އެވެ.

އޭގެ ތެރެއިން، ވައިގެ ވަރަށް ގިނަ އުޅަނދުތައް ވަނީ، އެމެރިކާ ސިފައިން އަފްގާނުން ފައިބައިގެން ދިޔަ އިރު، ބޭނުން ނުކުރެވޭ ވަރަށް ހަލާކު ކޮށްލައިފަ އެވެ. ތާލިބާނުން ކާބުލް ހިސާރު ކުރުމާއެކު، އަފްގާނިސްތާނުގެ ބައެއް ޕައިލެޓުން ވަނީ، އަސްކަރީ މަތިންދާބޯޓުތަކުގައި އަފްގާނު ދޫކޮށް އަވައްޓެރި ބައެއް ގައުމުތަކަށް ގޮސްފަ އެވެ.