Roadha Mihaaru
ކާބުލްގެ ވައިގެ ބަނދަރު ތާލިބާނުންނާ ހަވާލުކުރަނީ

ކާބުލްގެ ވައިގެ ބަނދަރު ތާލިބާނުންނާ ހަވާލުކުރަނީ

29 އޯގަސްޓް 2021

ތާލިބާނުން އަފްގާނިސްތާން ހިފުމާ ގުޅިގެން، އެ ގައުމު ދޫކޮށް ދާ އާންމު ރައްޔިތުން ގައުމުން ބޭލުމުގެ މަސައްކަތް ނިމުމަކާ ކައިރިވެފައިވާ އިރު، ކާބުލް ވައިގެ ބަނދަރު ތާލިބާނުންނާ ހަވާލު ކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހި އިއްޔެ ފެށިއްޖެ އެވެ.

ތާލިބާނުން އަފްގާނިސްތާން ހިފުމާ ގުޅިގެން، އެ ގައުމު ދޫކޮށް ދާ އާންމު ރައްޔިތުން ގައުމުން ބޭލުމުގެ މަސައްކަތް ނިމުމަކާ ކައިރިވެފައިވާ އިރު، ކާބުލް ވައިގެ ބަނދަރު ތާލިބާނުންނާ ހަވާލު ކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހި އިއްޔެ ފެށިއްޖެ އެވެ.

ތާލިބާނުންގެ ވެރިކަމެއްގައި އުޅެން ބޭނުން ނުވާ އެތައް ހާސް ބަޔަކު، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މިހާރު ވަނީ، އެމެރިކާ އާއި ނޭޓޯގެ ގައުމުތަކަށް ގެންގޮސްފަ އެވެ. އެމެރިކާ ސިފައިންގެ އަސްކަރީ މަތިންދާބޯޓުތަކުގައި އެކަނިވެސް 100،000 އަށް ވުރެ ގިނަ މީހުން، އަފްގާނިސްތާނުން ބޭރަށް ގެންދިޔަ ކަމަށް، އެމެރިކާގެ އަސްކަރިއްޔާ އިން ބުނެ އެވެ.

އަލްޖަޒީރާ އިން ރިޕޯޓްކުރާ ގޮތުގައި ކާބުލްގެ ވައިގެ ބަނދަރުގެ ބޭރު ދޮރޯށި ކައިރީގައި ސަލާމަތީ ކަންތައް ބަލަހައްޓަމުން އައި އެމެރިކާ ސިފައިން، މިދިޔަ ހުކުރު ދުވަހުގެ ހަވީރު ވަނީ، އެއަށް ވުރެ ބޮޑަށް ވައިގެ ބަނދަރުގެ އެތެރެއަށް ވަދެ، މައި ދޮރޯށި ހިމެނޭ ސަރަހައްދު، ތާލިބާންގެ ހަނގުރާމަވެރިންނާ ހަވާލުކޮށްފަ އެވެ.

އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުގައި އަފްގާނިސްތާނުން ބޭރަށް ގެންދާ އެންމެ ފަހު ޖަމާއަތުގެ މީހުން ފުރަން ތައްޔާރުވަމުން އަންނަ އިރު، ވައިގެ ބަނދަރުގެ އެތެރޭގެ ބައެއް ސަރަހައްދުތައް ވެސް މިހާރު ވަނީ ތާލިބާނުންނާ ހަވާލުކޮށްފަ އެވެ. ނަމަވެސް އެއީ، މީހުން ބޭރަށް ގެންދިޔުމުގެ މަސައްކަތާ ދުރު ހިސާބުތަކެވެ.

ތާލިބާނުން ބުނާ ގޮތުގައި ކާބުލް ވައިގެ ބަނދަރު ހިންގުމުގެ ހުރިހާ ކަމަކާ ހަވާލުވާން އެ ޖަމާއަތް އޮތީ ތައްޔާރަށެވެ. ތާލިބާނުން މިހާރު އިންތިޒާރު ކުރަމުން އަންނަނީ، އެމެރިކާ ސިފައިން ކާބުލްގެ ވައިގެ ބަނދަރުގައި ކުރަމުން އަންނަ މަސައްކަތް ފުރިހަމަކޮށް، ވައިގެ ބަނދަރު އޮމާންކަމާ އެކު ތާލިބާނުންނާ ހަވާލުކުރުމުގެ ވަގުތަށެވެ.

އެ ޖަމާއަތުން ބުނި ގޮތުގައި، ކާބުލް ވައިގެ ބަނދަރު ހިންގުމުގެ ގާބިލްކަން ހުރި ފަންނީ މީހުންނާއި އިންޖިނޭރުން ވެސް ތާލިބާނުންގެ ތެރޭގައި އެބަ ތިއްބެވެ. އަދި ވައިގެ ބަނދަރު ހިންގުމުގައި އެހެން ބައެއްގެ އެހީތެރިކަން ހޯދަން ނުވިސްނާ ކަމަށް ވެސް ތާލިބާނުން ބުނެ އެވެ.

ތާލިބާން ޖަމާއަތުގެ ތަރުޖަމާން ޒަބީހުﷲ މުޖާހިދު ބުނީ، އެމެރިކާ ސިފައިން ކާބުލްގެ ވައިގެ ބަނދަރުން ފުރުމާ އެކު، އެ ޖަމާއަތުގެ މެންބަރުން ވަރަށް އަވަހަށް ކާބުލްގެ ވައިގެ ބަނދަރާ ހަވާލުވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ތާލިބާނުން ގާއިމުކުރާ ސަރުކާރުގެ ވަޒީރުން ވެސް އައްޔަންކުރާނެ އެވެ.

ޒަބީހުﷲ ބުނި ގޮތުގައި އާ ސަރުކާރުގެ މައި އޮފީސްތައް ހިންގާނެ ވެރިން މިހާރު ވަނީ ކަނޑައަޅައި ނިމިފަ އެވެ. އެ ގޮތުން ތައުލީމާ ބެހޭ ވުޒާރާ އާއި އާންމު ސިއްހަތާ ބެހޭ ވުޒާރާގެ އިތުރުން މަރުކަޒީ ބޭންކު ހިންގާނެ ވެރިން މިހާރު ވަނީ އައްޔަން ކޮށްފައި ކަމަށް ވެސް އޭނާ ބުންޏެވެ.

ތާލިބާނުން އަފްގާނިސްތާނު ހިފުމާ ގުޅިގެން ބަންދު ކުރި ސަރުކާރުގެ ގިނަ މިނިސްޓްރީތައް ހުޅުވައިގެން މިހާރު އަންނަނީ ހިދުމަތް ދެމުންނެވެ. ނަމަވެސް ބައެއް މިނިސްޓްރީތަކާއި ސްކޫލްތަކާއި ޔުނިވަސިޓީތައް އަދިވެސް ނުހުޅުވަ އެވެ.

އެމެރިކާ އާއި ނޭޓޯގެ ސިފައިންނާ އެކު، އަފްގާނިސްތާނު ދޫކޮށް ދާން ބޭނުންވާ އާންމުންގެ ވަރަށް ގިނަ ބަޔަކު އަދިވެސް ކާބުލްގެ ވައިގެ ބަނދަރުގައި އެބަތިއްބެވެ. ނަމަވެސް އިތުރު މީހުން ވައިގެ ބަނދަރަށް ދިއުން ހުއްޓުވުމުގެ ގޮތުން، ތާލިބާނުން މިހާރު ވަނީ ވައިގެ ބަނދަރަށް ދެވެން އޮންނަ މަގުތައް ބަންދުކޮށްފަ އެވެ.

ނަމަވެސް ތާލިބާނުން ބުނި ގޮތުގައި، އެމެރިކާ ސިފައިންނާ އެކުގައި ގެންދިއުމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓެއް އެމެރިކާ ސިފައިންގެ ފަރާތުން ވަނީ ލިބިފަ އެވެ. އެހެންކަމުން އެ ލިސްޓުގައި އޮތް އެއްވެސް މީހަކު ވައިގެ ބަނދަރަށް ދިއުން މަނާ ނުކުރާނެ ކަމަށް ވެސް ތާލިބާނުން ބުނެ އެވެ.