Roadha Mihaaru
ކާބުލް އެއާޕޯޓް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް

ކާބުލް ވައިގެ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް

05 ސެޕްޓެމްބަރ 2021

އަފްގާނިސްތާނުގައި ތިބި އެމެރިކާ އާއި ނޭޓޯ ސިފައިން އެ ގައުމުން ފައިބައިގެން ދިޔައިރު، ވެރިރަށް ކާބުލްގެ ވައިގެ ބަނދަރަށް ދީފައި ހުރި ގެއްލުންތައް މަރާމާތުކޮށް، އަލުން ހިދުމަތް ފެށުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ތާލިބާނުން ބުނެފި އެވެ.

އަފްގާނިސްތާނުގައި ތިބި އެމެރިކާ އާއި ނޭޓޯ ސިފައިން އެ ގައުމުން ފައިބައިގެން ދިޔައިރު، ވެރިރަށް ކާބުލްގެ ވައިގެ ބަނދަރަށް ދީފައި ހުރި ގެއްލުންތައް މަރާމާތުކޮށް، އަލުން ހިދުމަތް ފެށުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ތާލިބާނުން ބުނެފި އެވެ.

ކާބުލް ވައިގެ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ، ގަތަރުގެ ފަންނީ ތަޖުރިބާކާރުންގެ އެހީގަ އެވެ. ގަތަރުގެ ފަންނީ ތަޖުރިބާކާރުން ގޮވައިގެން، ގަތަރުގެ ފަސް މަތިންދާބޯޓެއް މިހާތަނަށް ކާބުލް އަށް ހިނގައްޖެ އެވެ. އޭގެ އިތުރުން، އަފްގާނިސްތާނު ރައްޔިތުންނަށް ފޮނުވާ އިންސާނީ އެހީތެރިކަމުގެ ސާމާނު ހިފައިގެންވެސް ގަތަރުގެ ބައެއް މަތިންދާބޯޓުތައް ކާބުލް އަށް ހިނގައްޖެ އެވެ.

ކާބުލް ވައިގެ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު، އެތެރޭގެ އުދުހުންތައް މިހާރު ވަނީ ފަށައިފަ އެވެ. އެގޮތުން އިއްޔެ ވަނީ ކާބުލްގެ ވައިގެ ބަނދަރުން، ކަންދަހާރަށާއި މަޒާރެ ޝަރީފަށް ދެ ދަތުރު ކޮށްފަ އެވެ. މިއަދު ވެސް އެފަދަ ބައެއް ދަތުރުތައް އެ ދެ މަންޒިލަށް ކޮށްފައިވެ އެވެ.

ކާބުލްގައި ހުންނަވާ ގަތަރުގެ ސަފީރު ސައީދު ބިން މުބާރަކް ވިދާޅުވި ގޮތުގައި އަފްގާނިސްތާނުގެ ރައްޔިތުންނަށް ފޮނުވަންޖެހޭ އިންސާނީ އެހީތެރިކަމުގެ ސާމާނު، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެ ގައުމަށް ފޮނުވާނެ އެވެ. އަދި ކާބުލް ވައިގެ ބަނދަރު މަރާމާތުކޮށް އަލުން ދަތުރުތައް ފެށުމަށްޓަކައި ކުރަންޖެހޭ ކަންތައް ވެސް، ގަތަރުގެ ފަންނީ ތަޖުރިބާކާރުން ކުރަމުން ގެންދާނެ އެވެ.

އަފްގާނިސްތާނުގެ ވައިގެ ދަތުރުފަތުރުތަކާ ބެހޭ އިދާރާ އިން ބުނާ ގޮތުގައި އެމެރިކާ ސިފައިން ކާބުލްގެ ވައިގެ ބަނދަރު ހިފައިގެން 18 ވަރަކަށް ދުވަސް ވަންދެން ތިބުމަށް ފަހު، އަފްގާނިސްތާނުން ފައިބައިގެން ދިޔައިރު، ކާބުލް ވައިގެ ބަނދަރަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. އެ ގޮތުން ވައިގެ ދަތުރުފަތުރު ފެށުމަށްޓަކައި ބޭނުންކުރަންޖެހޭ ވަސީލަތްތަކަށް ވެސް ވަރަށް ބޮޑަށް ގެއްލުން ދީފައިވާ ކަމަށާއި، ގިނަ ސާމާނުތައް ފެންވަރު މަތިކޮށްގެން ނޫނީ ބޭނުންނުކުރެވޭނެ ކަމަށް ވެސް، އޭނާ ބުންޏެވެ.

ގަތަރުގެ ސަފީރު ވިދާޅުވި ގޮތުގައި ކާބުލް ވައިގެ ބަނދަރުގެ ރަންވޭ އަށް ލިބިފައިވާ ގެއްލުންތައް، އަފްގާނިސްތާނުގެ ކަމާ ބެހޭ އިދާރާތަކުގެ ތަޖުރިބާކާރުންގެ އެހީތެރިކަމާ އެކުގައި މިހާރު ވަނީ މަރާމާތު ކޮށްފަ އެވެ. އެހެންކަމުން، ބައިނަލްއަގުވާމީ އިންސާނީ އެހީތެރިކަމުގެ ދަތުރުތަކަށާއި އާންމު ދަތުރުފަތުރުތަކަށް ވައިގެ ބަނދަރު ވަރަށް އަވަހަށް ހުޅުވައިލާނެ ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.