Roadha Mihaaru
ޖައްވީ ސްޓޭޝަނަށް އެންމެ ތިން ގަޑިއިރުން

ޖައްވީ ސްޓޭޝަނަށް އެންމެ ތިން ގަޑިއިރުން

16 އޮކްޓޯބަރ 2020

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް ތިން ގަޑިއެއްހާ އިރުގެ ތެރޭގައި ގޮސްގެން އެސްޓްރޮނޯޓުންތަކެއް ރެކޯޑެއް ހަދައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް ތިން ގަޑިއެއްހާ އިރުގެ ތެރޭގައި ގޮސްގެން އެސްޓްރޮނޯޓުންތަކެއް ރެކޯޑެއް ހަދައިފި އެވެ.

އެކްސްޕެޑިޝަން 64 ގެ ނަމުގައި ކުރިއަށް ގެންދިޔަ މިޝަންގައި ސޮޔޫޒް MS-17 ކެޕްސޫލްގައި ކުރި ދަތުރަށް ނެގީ އެންމެ ތިން ގަޑިއިރާއި ތިން މިނިޓެވެ. މިއީ މިހާތަނަށް އައިއެސްއެސް އެންމެ އަވަހަށް ކުރެވުނު ދަތުރެވެ. މި ދަތުރުގައި ބައިވެރިވީ ރަޝިއާގެ ދެ ކޮޒްމޮނޯޓުން ކަމަށްވާ ސާޖީ ރިޒިކޯވް އާއި ސާޖީ ކަޑް.ކަވެސްކޯވްގެ އިތުރުން އެމެރިކާގެ އަންހެން އެސްޓްރޮނޯޓް ކޭޓް ރުބިންސެވެ. ސޮޔޫޒް ކެޕްސޫލުގައި އެ މީހުން އައިއެސްއެސް އަށް ފުރީ ބުދަ ދުވަހު ހެނދުނު 10:45 ގައި ކަޒަކާސްތާންގެ ބައިކޮނޫރް ކޮސްމޯޑްރޯމުންނެވެ.

ޖައްވީ މިޝަންތަކުގެ ތާރީހުގައި ވެސް މިހާތަނަށް ރެކޯޑް ވަގުތުކޮޅެއްގެ ތެރޭގައި އައިއެސްއެސް އަށް ދިއުމާ ގުޅިގެން ރަޝިއާގެ ސްޕޭސް އެޖެންސީ ރޮސްކޯސްމޮސް އިން ބުނީ މިއީ ވަރަށް ބޮޑު ކާމިޔާބީއަކާއި ކުރިއެރުމެއް ކަމަށެވެ.

ދެހާސް ތޭރަ ވަނަ އަހަރާ ހަމައަށް އައި އިރު އާންމުކޮށް އައިއެސްއެސް އަށް ކުރާ ދަތުރުތަކަށް އެވްރެޖްކޮށް ދެ ދުވަސް ނަގަ އެވެ. އެކަމަކު މިޝަންތަކުގައި ބޭނުންކުރާ އުޅަނދުފަހަރާއި އެ އެއްޗެހީގައި ބޭނުންކޮށްފައި ހުންނަ ޓެކްނޮލޮޖީތަކާއި ވަސީލަތްތަކުގެ ސަބަބުން 2013 ގެ ފަހުން ދަތުރަކަށް ގިނަވެގެން ހޭދަވަނީ ގާތްގަނޑަކަށް ހަ ގަޑިއިރެވެ.

ބުދަ ދުވަހު އައިއެސްއެސްގައި ބަނދަރުކުރި ސޮޔޫޒް ކެޕްސޫލް މި މަހުގެ 21 ހަމައަށް އެ ތަނުގައި މަޑުކުރާނެ އެވެ. އަދި އެނބުރި ދުނިޔެ އަށް އަންނާނީ ނާސާގެ އެސްޓްރޮނޯޓް ކްރިސް ކެޒިޑީގެ އިިތުރުން ރަޝީއާގެ ދެ ފަޅުވެރިން ކަމަށްވާ އެނަޓޯލީ އިވަނިޝިން އާއި އިވާން ވެގްނާ ގޮވައިގެންނެވެ.

އަންނަ މަހަކީ އައިއެސްއެސްގެ ތާރީހުގައި ފާހަހަކޮށްލެވޭ މަހެކެވެ. ސަބަބަކީ އެތަ ނުގައި އިންސާނުން ހަރަކާތްތެރިވާތާ 20 އަހަރު ފުރުމެވެ. އެހެންވެ ހާއްސަ ކަންތައްތަކެއް ކުރަން ވެސް ވަނީ ރާވައިފަ އެވެ.