Roadha Mihaaru
ބަރުލަމާނީ ޕެޓިޝަނަށް އެއްލައްކަ ސޮއި ހަމަކޮށްފި

ބަރުލަމާނީ ޕެޓިޝަނުގައި 100،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފި

17 ނޮވެމްބަރ 2021

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީގެ ބަޔަކު އިސްވެ ތިބެ ފެށި ޕެޓިޝަނުގައި 100،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ކަމަށް އެކަން އިންތިޒާމުކުރާ ފަރާތުން އިއްޔެ ބުނެފި އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީގެ ބަޔަކު އިސްވެ ތިބެ ފެށި ޕެޓިޝަނުގައި 100،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ކަމަށް އެކަން އިންތިޒާމުކުރާ ފަރާތުން އިއްޔެ ބުނެފި އެވެ.

މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ފެށި އެ ޕެޓިޝަނަށް 100،000 ސޮއި ހަމަވުމުން ރައީިސް އިބްރާހީމް މުހައްމަދު ސޯލިހަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ކުރިން ބުންޏެވެ. އެކަމަކު މިހާރު ނިންމާފައިވަނީ އަދި އިތުރު ސޮއި ހޯދާށެވެ.

ބަރުލަމާނީ ޕެޓިޝަންގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ، ގާނޫނީ ވަކީލު ނިޝާން އިބްރާހީމް "މިހާރު" އަށް ވިދާޅުވީ އެ ޕެޓިޝަނަށް މިހާތަނަށް 109،742 ސޮއި ލިބިފައިވާ ކަމަށެވެ.

އަދިވެސް ވަރަށް ގިނަ އަތޮޅުތަކުން ޕެޓިޝަނުގައި ސޮއިކުރަން ބޭނުންވެގެން އެ އަތޮޅުތަކަށް ދިއުމަށް އެދިފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

"އަތޮޅުތަކަށް ސީދާ އަޅުގަނޑުމެން ދާން ވަރަށް ގިނަ އަތޮޅުތަކުން އަންނަނީ އެދެމުން. އެހެންވީމާ ހުރިހާ އަތޮޅަކަށް ގޮސްފައި އެކަން [ޕެޓިޝަން ހުށަހަޅާނެ ތާރީހެއް] ނިންމާނީ،" ނިޝާން ވިދާޅުވި އެވެ.

ރާއްޖޭގެ ވޯޓުލާ އާބާދީގެ އަޣުލަބިއްޔަތު ލިބޭ ވަރަށް ސޮއި ހޯދަން ފެށި މަސައްކަތް ފުޅާކޮށް ބަރުލަމާނީ ޕެޓިޝަން ޓީމުން ރަށްތަކަށް ދަތުރުކުރަން ފެށީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.

ރާއްޖޭގައި ވެރިކަން ކުރާ ނިޒާމެއް ކަނޑައަޅަން 2007 ގައި ނެގި އިންތިހާބުގައި ރައްޔިތުންގެ ތާއީދު ލިބުނީ ރިޔާސީ ނިޒާމަށެވެ. އެއީ 154,123 ވޯޓާ އެކު 62 ޕަސެންޓުންނެވެ.

އެހެންވެ ޕެޓިޝަނުން ނެރެން ބޭނުންވާ ނަތީޖާ އަކީ ބަރުލަމަނީ ނިޒާމަކުން ވެރިކަން ހިންގަން އެމްޑީޕީން ކަނޑައެޅި ވައުދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފުއްދެވުމަށް ބާރު އެޅުން ކަމަށް ނިޝާން ވަނީ ވިދާޅުވެފަ އެވެ.

ޕެޓިޝަންގައި ބުނާ ގޮތުން 2018 ގައި އެމްޑީޕީގެ ފަރާތުން ނެރުނު "ޖަޒީރާ" މެނިފެސްޓޯ ގައި ވެސް ބޮޑުވަޒީރަކު ގެނައުން ވަނީ ހިމަނާފައިވާތީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ވައުދު ފުއްދަވަން ޖެހެ އެވެ. ނަމަވެސް "ޖަޒީރާ" މެނިފެސްޓޯ އަށް ފަހު ނެރުނު "ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ" ގައި އެ ބައި ނުހިމެނެ އެވެ. ސަރުކާރުން ބުނެފައިވާ ގޮތުން އަމަލު ކުރަނީ ގުޅިފައިވާ ޕާޓީތަކުން އެއްބަސްވި މެނިފެސްޓޯއަށެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންނަނީ ސިޔާސީ ޕާޓީތަކާއި ބައްދަލުކޮށް ގާނޫނުއަސާސީއަށް ބަދަލުގެނައުމުގައި އެއްބާރުލުން ދިނުމަށް އެދެމުންނެވެ. އަދި އަންނަ ނޮވެމްބަރުގައި ވޯޓެއް ނަގައި ނިޒާމް ބަދަލުކުރަން ހުރިހާ ސިޔާސީ ޕާޓީތަކުން އެއްބަސްވެފައިވާ ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް ޕާޓީތަކުން އެކަން ދޮގުކުރެ އެވެ.