Roadha Mihaaru
އެންމެ ބޮޑު ހާސްކަމުން އަރައިގަތީ ނަމޫނާ ދައްކަމުން

ތިން އަހަރުގެ އެންމެ ބޮޑު ހާސްކަމުން އަރައިގަތީ ނަމޫނާ ދައްކަމުން

17 ނޮވެމްބަރ 2021

ކޮވިޑް-19 ގެ ބަލިމަޑުކަން ފެށި، ޗައިނާ ލޮކްޑައުން ކުރި ދުވަސްވަރު، އެތަނުގައި ހުރި ދިވެހި ދަރިވަރަކު އޭރު ބުނި ގޮތުގައި ލޮކްޑައުންގެ ދިގު މުއްދަތެއް ހޭދަކުރަން ޖެހުނީ ހަމަ އެކަނި ނޫޑުލްސް ކައިގެންނެވެ. ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކުގެ ތެރޭގައި ގުނައިލެވޭ ޗައިނާގައި އެ ހާލަތު އޮތް އިރު، އެހެން ބައެއް ގައުމުތަކުގައި މީހުން އުޅުނީ އަދި އެއަށް ވުރެ ވެސް ހާލުގަ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ގެ ބަލިމަޑުކަން ފެށި، ޗައިނާ ލޮކްޑައުން ކުރި ދުވަސްވަރު، އެތަނުގައި ހުރި ދިވެހި ދަރިވަރަކު އޭރު ބުނި ގޮތުގައި ލޮކްޑައުންގެ ދިގު މުއްދަތެއް ހޭދަކުރަން ޖެހުނީ ހަމަ އެކަނި ނޫޑުލްސް ކައިގެންނެވެ. ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކުގެ ތެރޭގައި ގުނައިލެވޭ ޗައިނާގައި އެ ހާލަތު އޮތް އިރު، އެހެން ބައެއް ގައުމުތަކުގައި މީހުން އުޅުނީ އަދި އެއަށް ވުރެ ވެސް ހާލުގަ އެވެ.

ރާއްޖެއަކީ ކާބޯތަކެތީގެ ބޮޑު ބައެއް ބޭރުން ގެންނަ ގައުމަކަށް ވާތީ، މި ގައުމުގައި މީހުން ބަނޑަށް ޖެހޭ ހާލަތު އަތުވެދާނެ ކަމަށް ދުށް މީހުން އޭރު މަދެއް ނޫނެވެ. ބައެއް ރަށްރަށުގައި ހުރި ކާޑުގެ ބާވަތްތައް ބަސްތަ ބަސްތާއިން މީހުން ނަގަން އުޅުނީ އެ ވިސްނުމުގަ އެވެ. އެކަމަކު ބަލިމަޑުކަން މަޑުމަޑުން ކޮންޓްރޯލްވާން ފަށައި، ރާއްޖޭގެ ބޯޑަރު އަލުން ހުޅުވުމާ ހަމައަށް ވެސް އެފަދަ ދަތިކަމެއް ދިމާވި ހަމަ އެންމެ ރަށެއް ވެސް ނެތެވެ. ހުރިހާ ރަށަކަށް ވެސް ކާބޯތަކެތި ދިޔައީ ރަނގަޅަށް ލިބެމުންނެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ވަރުގަދަ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވި ގޮތުގައި އެއީ ރަނގަޅު ވަގުތުގައި ރަނގަޅު ނިންމުންތައް ނިންމުމުގެ ނަތީޖާ އެވެ. އޭނާ ވިދާޅުވީ ކަމާ ބެހޭ އެންމެހާ ފަރާތްތަކާ މަޝްވަރާ ނުުކުރައްވައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހަމަ އެއްވެސް ކަމެއް އޭރު ނުނިންމަވާ ކަމަށެވެ.

"ކޮންމެ ދުވަހަކު ގަވައިދުން ބާއްވާ ބްރީފިންގައި ކަމާ ބެހޭ އެންމެން ބައިވެރިކުރައްވަމުން ގެންދެވީ. މިސާލަކަށް އައްޑޫގެ ހާލަތާ ގުޅޭ ކަަމެއް ނަމަ އައްޑޫގެ މޭޔަރު ވެސް [ވާޗުއަލް]ކޮށް ބައިވެރިކުރައްވައިގެން،" ދަތި ނަމަވެސް، އެހާ އޮމާންކޮށް ކަންތައް ގެންދެވުނު އެއް ސަބަބާ ބެހޭ ގޮތުން މަބްރޫކް ވިދާޅުުވި އެވެ.

ލޮކްޑައުންގައި މާލެ ހުސްކޮށް: މި ގޮތަށް ނުބޭއްވި ނަމަ މި "ހަނގުރާމަ" ކާމިޔާބެއް ނުވީސް -- ފައިލް ފޮޓޯ: މިހާރު

ލޮކްޑައުންގައި މާލެ ހުސްކޮށް: މި ގޮތަށް ނުބޭއްވި ނަމަ މި "ހަނގުރާމަ" ކާމިޔާބެއް ނުވީސް -- ފައިލް ފޮޓޯ: މިހާރު

ކާބޯތަކެތީގެ ކަންތައް ކުރިއާ ލައި ޕްލޭންކުރި

ލޮކްޑައުންގައި ރާއްޖޭގެ ރައްޔިތުންނަށް ކާބޯތަކެތި މަދުނުވެ ލިބޭނެކަން ކަށަވަރު ކުރެއްވުމަށް ޓަކައި، ދައުލަތުގެ ކުންފުނި އެސްޓީއޯ އަށް މުހިއްމު އެންގެވުމެއް ރައީސް އެންގެވި އެވެ. އެއީ ރައްޔިތުންނަށް ހަަމަސް ދުހަށް ވާ ވަރަށް ކާބޯތަކެތި ލިބޭނެ ކަމުގެ ޔަގީންކަން ހޯދުމަށެވެ. އެ މަސައްކަތް އެސްޓީއޯއިން ރަނގަަޅަށް ކުރި އެވެެ. އެންމެ ނާޒުކު ހާލަތުގައި ވެސް ކުރިން ކައިބޮއި އުޅުނު ގޮތަށް ކައިބޮއި އުޅުމުގެ ފުރުސަތު ލިބުނު އެއް ސަބަބަކީ ރައީސްގެ އެ އެންގެވުން އެސްޓީއޯއިން ރަނގަޅަށް ތަންފީޒު ކުރުމެވެ.

"ކޮވިޑް ފެށުނުތާ ކައިރީގައި އަޅުގަނޑު ހަނދާން އެބަހުރި ހަމަ ރައީސް ވިދާޅުވި ކާޑު ކަށަވަރުކުރަން ހިނގާށޭ އަވަހަށް، މަދުވެގެން ހަަމަސް ދުވަހަށް،" މަބްރޫކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސްގެ އެ އެ އެންގުމާ އެކު އެސްޓީއޯއިން ކާޑު ރައްކާކުރާ ހުރިހާ ގުދަނެއް ފުރައިލި އެވެ. ރާއްޖެއަކީ ކާބޯތަކެތި އިމްޕޯޓްކުރާ އަދި ވަކިވަކިން އޮތް ރަށްތަކަކަށް ކަނޑުމަގުން އެ ބާވަތްތައް ގެންދަން ޖެހޭ ގައުމަކަށް ވާއިރު، ކާބޯތަކެެއްޗަށް ނުޖެހުމަކީ ބޮޑު ކާމިޔާބީ އެކެވެ.

ކޮވިޑް ޕްރެސް ކޮންފަރެންސެއްގައި މަބްރޫކް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ-- ފައިލް ފޮޓޯ: މިހާރު

ކޮވިޑް ޕްރެސް ކޮންފަރެންސެއްގައި މަބްރޫކް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ-- ފައިލް ފޮޓޯ: މިހާރު

"ދެތިން ފަހަރަކު ފިޔާ އާއި ލޮނުމެދު އަގުބޮޑުވުން ފިޔަވައި އެހެން ކަންތައްތައް ހަމަ ރަނގަޅަށް ގެންދިއުމުގެ ނަސީބު އަޅުގަނޑުމެންނަށް ލިބުނު،" މަބްރޫކް ވިދާޅުވި އެވެ.

އިގުތިސާދީ ދަތިކަން މީހުންނަށް އިހުސާސްްވިޔަ ނުދޭ

ރާއްޖޭގެ އިގުތިސާދަކީ ވަރަށް ބޮޑަށް ޓޫރިޒަމަށް ބަރޯސާވާ އިގުތިސާދަަކަށް ވާތީ، ބޯޑަރު ބަންދުކުރުމާ އެކު އިގުތިސާދު މުޅިން ހުއްޓުމަކަށް އަ އެވެ. އެ ހާލަތުގައި ރާއްޖެ އަށް އޮތީ ދެ ގޮތެކެވެ. އެއް ގޮތަކީ ހަރަދުތައް ވަރަށް ބޮޑަށް ކުޑަކޮށްލައި، ފައިސާ ހިފެހެއްޓުމެވެ. އެގޮތަށް ކަންތައް ކުރި ނަމަ ސަރުކާރުން ހިންގަމުން އައި ޕްރޮޖެކްޓްތައް ޖެހުނީހީ ހުއްޓައިލާށެވެ. އެގޮތަށް އެކަން ކުރި ނަމަ، ވަޒީފާ ގެއްލި ހާލުގައި ޖެހުނު މީހުންގެ އަދަދު އިންތިހާ އަށް ގިނަވީހެވެ. އަދި އެހެން ކަންތައް ކުރި ނަމަ އިގުތިސާދީ ހަރަކާތް ހުއްޓި، ކޮވިޑްގެ ތަދުމަޑުކަން ރައްޔިތުން އިހުސާސްކުރަން ޖެހުނީހެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި އެގޮތަށް ކަންތައް ނުކޮށް ސަރުކާރުން ވިޔަފާރިތަކަށާއި ފަރުދުންނަަށް މާލީ އެހީތެެރިކަން ދޭން ފެށުމުން އެކަމާ ދެކޮޅު ހެދި ބަޔަކު ވެސް ތިއްބެވެ.

"ވަރަށް ގިނަ މީހުން ގޮވި އޭރުގައި، އާދައިގެ ރޯގާއަކަށް ހޭދަކުރަނިއްޔޭ،" އޭނާ ވިދާޅުވި އެވެ.

- ކޮވިޑް 19 އަށް މިހާތަނަށް ކޮށްފައިވާ ހޭދަ (ޖޫން 17، 2021 ގެނިޔަލަށް)

* ޖުމްލަ 3.5 ބިލިއަން ރުފިޔާ

* ސިއްހީ އަދި އިޖުތިމާއީ ކަންތައްތަކަށް 1.8 ބިލިއަން ރުފިޔާ

* ރެސްޕޮންސް ޕެކޭޖްތަކުގެ ދަށުން އަމިއްލަ ވިޔަފާރިތަކަށް 2 ބިލިއަން ރުފިޔާ

* އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 421 މިލިއަން ރުފިޔާ

* ކަރަންޓާއި ފެން ބިލްގެ ޑިސްކައުންޓް 169 މިލިއަން ރުފިޔާ

އެކަމަކު ސަރުކާުރުން ނިންމީ ރާއްޖޭގެ ދަރަނި ބޮޑުވި ނަމަވެސް އިގުތިސާދީ ހަރަކާތްތައް ހުއްޓުނަ ނުދީ ކުރިއަށް ގެންދިއުމަށެވެ. އެކަމަށް ޓަކައި ސަރުކާރުން ބޮޑު ހޭދައެއް ކުރި އެވެ.

ވިޔަފާރިތައް ހުއްޓުނަނުދިނުމަށް ޓަކައި 2.8 ބިލިޔަން ރުފިޔާ ސަރުކާރުން އެކި ގޮތްގޮތުން ހަރަދުކުރި އެވެ.

ކޮވިޑް-19 އާ ގުޅޭ ގޮތުން އުފައްދާފައިވާ ޖޮއިންޓް ޓާސްކްފޯހުގެ އިސްވެރިންގެ ބައްދަލުވުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މުލީއާގޭގައި ކުރިއަށް ގެންދަވަނީ.--- ފައިލް ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19 އާ ގުޅޭ ގޮތުން އުފައްދާފައިވާ ޖޮއިންޓް ޓާސްކްފޯހުގެ އިސްވެރިންގެ ބައްދަލުވުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މުލީއާގޭގައި ކުރިއަށް ގެންދަވަނީ.--- ފައިލް ފޮޓޯ: ރައީސް އޮފީސް

ބޭންކްތައް މެދުވެރިކޮށް ރިކަވަރީ ލޯންތައް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. އެއީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ދޫކުރި 709 މިލިޔަން ރުފިޔާ އާއި އެސްޑީއެފްސީ މެދުވެރިިކޮށް ދޫކުރި 363.1 މިލިޔަން ރުފިޔާ އެވެ. ވަޒީފާ ގެއްލުނު މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދިން ފައިސާގެ ޖުމްލައަކީ 421 މިލިޔަނެވެ.

ކަރަންޓްބިިލުން ޑިސްކައުންޓް ދިނުމަށް ޓަކައި މިދިޔަ އަހަރު 146.7 މިލިޔަން ރުފިޔާ އަދި މި އަހަރު 51.2 މިލިޔަން ރުފިޔާ ސަރުކާރުން ވަނީ ހަރަދުކޮށްފަ އެވެ. ފެންބިލުން ޑިސްކައުންޓް ދިނުމަށް ޓަކައި މިދިޔަ އަހަރު 25.9 މިލިޔަން ރުފިހާ އަދި މި އަހަރު 14.7 މިލިޔަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި ކޮވިޑް ކޮންޓްރޯލްވެ، ބޯޑަރު ހުޅުވައިލުމާ އެކު ރާއްްޖޭގެ ރިސޯޓްތައް އެހާ އަވަހަށް ހިނގައިގަތީ ސަރުކާރުން އެ ހަރަދުކޮށް، މީހުންނާއި ވިޔަފާރިތައް ތައްޔާރީ ހާލަތުގައި ބޭތިއްބުމުންނެވެ.

"ގިނަ ބަޔަކު ވަޒީފާގައި ބޭތިއްބިފައި ތިބީމާ އަދި ރާއްޖޭގެ އާއްމު ހާލަތު އެހާ ދަށަށް ނުގޮސް އޮތީމާ ފަސޭހަވީ ޓަށްކިޔާފައި އަނެއްކާ ވެސް ފަށައިގަންނަން،" އޭނާ ވިދާޅުވި އެވެ.

އެހެން ނޫން ނަމަ ވިޔަފާރިތަކަށް ޖެހުނީހީ އަލުން މީހުން ވަޒީފާ އަށް ނެގުން ފަދަ ކަންކަމަށް ވަގުތު ހޭދަކުރާށެވެ. ދުނިޔޭގެ އެހެން ބައެއް ގައުމުތަކުން ފެންނަން އޮތީ ވެސް އެ ތަނެވެ.

ވަރަށް އަވަހަށް ވެކްސިން ހޯދި

ކޮވިޑް ފެތުރުމަށް ފަހު ޓޫރިސްޓުންނަށް އަލުން ބޯޑަރު އެންމެ އަވަހަށް ހުޅުވައިލެވުނު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ. އެގޮތަށް ހުޅުވައިލުމާ އެކު ޓޫރިސްޓުން ރާސްލާފައި މިތަނަށް އައި މުހިއްމު އެއް ސަބަބަކީ ގިނަ ބަޔަކަށް ވެކްސިން ދީފައި ވުމުން ލިބުނު އިތުބާރެވެ.

- ކޮވިޑްގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު:

12 އަހަރުން މަތީގެ އާބާދީގެ 80 ޕަސެންޓް

މުޅި އާބާދީގެ 67 ޕަސެންޓް

މަބްރޫކް ވިދާޅުވި ގޮތުގައި ރާއްޖެ އަށް ވެކްސިން އެހާ އަވަހަށް ލިބުނީ ރާއްޖެ އަށް އެންމެ ފުރަތަމަ ލިބުނު ވިންޑޯގެ ބޭނުންކުރުމާއި ދުނިޔޭގެ އެހެން ގައުމުތަކާ އެކު އޮތް ރަނގަޅު ގުޅުމުގެ ސަބަބުންނެވެ. އޭނާ ވިދާޅުވީ ރާއްޖޭން ކުރިން ގެންގުޅުނު ފަދަަ އެކަހެރި ޚާރިޖީ ސިޔާސަތެއް އޮތް ނަމަ ވެކްސިން ހޯދަން މިހާ ފަސޭހައެއް ނުވީހެވެ.

"މި ސަަރުކާރުގެ އެންމެ ބޮޑު ތަފާތަކީ އައިސޮލޭޝަނިސްޓް ގޮތަކަށް އޮތުމަށް ފަހު މުޅި ދުނިޔެއާ އަނެއްކާ ވެސް ގުޅުން ބަދަހިކުރުން. ރެސްޕޮންސިބުލް ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށުން،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އަނެއް ތަފާތަކީ ލިބުނު ވެކްސިން ވަރަށް އަވަހަށް ޖެހުމެވެ. ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި އެ ގައުމުތަކުގެ މުޅި އާބާދީ އަށް ފުދޭ ވަރަށް ވުރެ އިތުރަށް ވެކްސިން ހުރި ނަމަވެސް ވެކްސިން ޖެހުމުގެ އިންތިޒާމް މިހާ ރަނގަޅަށް ހަމައެއް ނުޖެެއްސުނެވެ. އެހެންވެ، އާބާދީގެ 40 ޕަސެންޓް މީހުންނަށް ވެކްސިން ނުދެވި ވެސް އެފަދަ ބައެއް ގައުމުތައް އެބަހުއްޓެވެ.

ސަރުކާރުން އެޅި ފިޔަަވަޅުތަކުން އެކަނި މި ނަތީޖާ ހާސިލުކުރެވޭނެ ކަމަކަށް މަބްރޫކް ދެކެވަޑައެއް ނުގަންނަވަ އެވެ. ރާާއްޖޭގައި ކޮވިޑް ކޮންޓްރޯލްކޮށް ޓޫރިސްޓުންގެ އިތުބާރު ހޯދުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރި ބަޔަކީ ރައްޔިތުންނެވެ.

"މީހުން މާސްކް ނާޅާތީ، އެއްވެގެން އުޅޭތީ އަޅުގަަނޑުމެން ނަސޭހަތްތެރި ވަމުން ދިޔަ އިރު ވެސް އެހެން ބޭރުން މީހަކު އައި ނަމަ ބުނާނެ މިތާ ކޮމްޕްލަޔަންސް ހާދަ ރަނގަޅޭ،" މަބްރޫކް ވިދާޅުވި އެވެ.

ސަރަހައްދީ ގައުމުތަކާއި ރާއްޖެ ފަދަ އެހެން ކިތަންމެ ގައުމަކަށް ބެލިޔަސް ފެންނަން އޮތީ މި ހަގީގަތެވެ. މިއީ ދެބަސްވެވޭނެ ކަމެއް ނޫނެވެ.