Roadha Mihaaru
ދިއްދޫގައި އަވަސް ފަރުވާ ބޭނުންވެފައި އޮތް ޝަކުވާ!

ދިއްދޫގައި އަވަސް ފަރުވާ ބޭނުންވެފައި އޮތީ މި ޝަކުވާ އަށް!

02 އޮކްޓޯބަރ 2022

ބޮޑު ތިލަދުންމަތީގެ މައި މަރުކަޒެއްގެ ގޮތުގައި ތަރައްގީކުރާ ހއ. ދިއްދޫގައި މި ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް މަދެއް ނޫނެވެ؛ އެއްފަހަރާ ހައެއްކަ މަޝްރޫއު ހިނގަމުން އެބަދެ އެވެ. އެކަމަކު މި ހިދުމަތްތަކަށް ހިޔަނި އެޅިފައި އޮތީ މި ރަށުގެ ސިއްހީ ފަރުވާ އިންނެވެ.

ފަޒީނާ އަހުމަދު ހއ. ދިއްދޫން ފަޒީނާ އަހުމަދު

ބޮޑު ތިލަދުންމަތީގެ މައި މަރުކަޒެއްގެ ގޮތުގައި ތަރައްގީކުރާ ހއ. ދިއްދޫގައި މި ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް މަދެއް ނޫނެވެ؛ އެއްފަހަރާ ހައެއްކަ މަޝްރޫއު ހިނގަމުން އެބަދެ އެވެ. އެކަމަކު މި ހިދުމަތްތަކަށް ހިޔަނި އެޅިފައި އޮތީ މި ރަށުގެ ސިއްހީ ފަރުވާ އިންނެވެ.

މި ރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލަކީ ބައެއް މީހުން ސިފަކުރި ގޮތުގައި "ނުކުޅެދޭ" ތަނެކެވެ. ފަރުވާ ހޯދުން އަތޮޅުގެ ރައްޔިތުންގެ ބޮލުގެ ރިހުމަކަށް ވަނީ ވެފަ އެވެ. ސިއްހީ މަރުކަޒުތަކަށް ވުރެ ވެސް ދިއްދޫ ހޮސްޕިޓަލުގެ ހާލަތު ވަނީ ގޯސްވެފަ އެވެ.

އަތޮޅުގެ ރަށްތަކުން ފުރައިގެން މި ހޮސްޕިޓަލަށް އަންނަ ބައެއް މީހުންނަށް ފަރުވާ ނުލިބިގެން އެނބުރި ދާން ޖެހޭ ފަހަރުތައް ގިނަ އެވެ.

"މި ރަށުގެ މީހުންނާއި ހައިޑްއަވޭ ރިސޯޓުގެ މުވައްޒަފުން ގޮވައިގެން ކޮންމެ ދުވަހަކު މި ތަނަށް އަންނަ މީހެއް އަޅުގަނޑަކީ. އާދައިގެ ޓެސްޓުތައް ނުހެދޭ. ހޭނައްތާ ޑޮކްޓަރަކު ނެތް. އޮޕަރޭޝަންތައް ވަނީ މެދުކެނޑިފައި. ކަށީގެ ޑޮކްޓަރަކު ނެތް. އިނގިއްޔެއް ބިންދައިގެން ދިޔައީމާ ވެސް މި ޖެހެނީ ފުރައިގެންދާން،" ހިދުމަތް ހޯދަން މަޑުކޮށްލައިގެން ހުރި އަފްލާހް ރަޝީދު ޝަކުވާ ކުރި އެވެ.

ދިއްދޫ ހޮސްޕިޓަލް: މިތަނުގެ ހާލަތު ގޯސްކަމަށް ކައުންސިލުން ވެސް ބުނޭ.

ދިއްދޫ ހޮސްޕިޓަލް: މިތަނުގެ ހާލަތު ގޯސްކަމަށް ކައުންސިލުން ވެސް ބުނޭ.

އެނާ ބުނި ގޮތުގައި އާރުޓީއެލްގެ ފެރީ ހިދުމަތާ އެކު ފަސޭހަކަން ލިބިފައި އޮތަަސް، އިމަޖެންސީ ކަމެއް ދިމާވެއްޖެ ނަމަ 3،000ރ. ދީފައި ފުރައިގެން ދާން ޖެހެނީ ހދ. ކުޅުދުއްފުއްޓަށެވެ. ދިއްދޫން ކުޅުދުއްފުއްޓަށް ފެރީ ފުރުން އޮންނަނީ ހެނދުނެވެ.

"އެހެންވީމާ މިވާ ގޮތަކީ ފެރީ އޮތަސް ބޮޑު ހޭދައެއް ހިނގާނެތާ ކުއްލިއަކަށް ކަމެއް ދިމާވީމާ،" އޭނާ ބުންޏެވެ.

ހއ. ހޯރަފުއްޓާއި އިހަވަންދު އާއި ބާރަށާއި މުރައިދު އާއި އުތީމު ފަދަ މި އަތޮޅުގެ ގިނަ ރަށްތަކުން ފަރުވާ ހޯދަން ދަތުރު ހަދާފައި އަންނަނީ މި ރަށެވެ.

ޙހހ

ޙހހ

ހޮސްޕިޓަލުން ދިމާވި ބައެއް މީހުން ބުނި ގޮތުގައި ކުދިކުދި ފަރުވާތަކުގައި ވެސް ފުރައިގެން ކުޅުދުއްފުއްޓަށް ދާން ޖެހިފައި އެބަހުއްޓެވެ. ހިދުމަތް ނުލިބޭ ފަހަރުތަކުގައި މި ތަން ހުރުމުގެ ބޭނުމެއް ކޮބައިތޯ ވެސް ސުވާލު އުފެދޭ ކަމަށް އެކަކު ބުންޏެވެ.

"ގައިނީ ޑޮކްޓަރަކު ހުރޭ. އެކަމަކު މި ތަނުގައި ވިއްސޭކަށް ނެތް. އިމަޖެންސީގައި އަޔަސް ކުޅުދުއްފުއްޓަށް ފޮނުވާލަނީ. އެއީ ހާލަތު ހުރި ގޮތަކީ. ކޮންމެ މީހަކު ވެސް މި ތަނުން ހިދުމަތް ހޯދަން އުޅުނީމާ އިހުސާސް ވާނީ ކިހާ ބޮޑު ތަކުލީފަކަށް ކަން ހޮސްޕިޓަލުން ހިދުމަތް ނުލިބުން ވެފައި މި އޮތީ،" އޭނާ ބުންޏެވެ.

އެ މީހާ ބުނީ، މި ދޭތެރެއިން އާދައިގެ ލޭ ޓެސްޓެއް ނުހެދި ވެސް މަހަކަށް ވުރެން ގިނަ ދުވަސް ވޭތުކުރަން ޖެހުނު ކަމަށެވެ. އުތީމުން ވެސް ހެދޭ އެ ޓެސްޓު، ދިއްދޫގައި މެދުކެނޑުނީ ކެމިކަލް ހުސްވެގެން ކަމަށް ބުނެ އޭނާ ނުރުހުންފާޅުކުރި އެވެ.

"މި ތަން ރަނގަޅު ކުރަން ޖެހޭ. އެތައް ބަޔަކު ހިދުމަތް ހޯދާ ތަނެއް މިއީ. ބަނދަރު ހެދުމާއި މަގުގައި ތާރު އެޅުމުގެ ކުރިއަށް ކޮށްދޭން ޖެހޭ ކަމަކީ ހޮސްޕިޓަލުން ފަރުވާ ލިބޭނެ ގޮތް ހެދުން،" އޭނާ ބުންޏެވެ.

މިއީ ދިއްދޫ ހޮސްޕިޓަލުގެ ހާލަތުު ކަމަށް ކައުންސިލުން ވެސް އެއްބަސްވެ އެވެ.

ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ، ދިއްދޫގެ ސިއްހީ ކަންކަން، "މި ވަގުތު އޮތީ ދަށްކޮށް" ކަމަށެވެ. އެކަމަކު، މި ހާލަތު ވަރަށް އަވަހަށް ބަދަލުވާނެ ކަމަށް އޭނާ ޔަގީން ކުރައްވަ އެވެ.

"ހއ. ހދ. ގެ ގިނަ ބަޔަކު އަންނަ ތަނަކަށް ވެފައި، ޑޮކްޓަރުންގެ ދަތިކަން ހަމަ އެބައޮތް. ހޭނައްތާ ޑޮކްޓަރެއް ނެތް. މާ ލަސްތަކެއް ނުވެ ލިބޭނެ ކަމަށް ބުނެފައި އޮތީ،" އޭނާ ވިދާޅުވި އެވެ.

ދިއްދޫގައި ޓާޝަރީ ހޮސްޕިޓަލެއް ގާއިމްކޮށް ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ.

އާރުޓީއެލް ފެރީ އިފްތިތާހު ކޮށްދެއްވަން މި ރަށަށް ވަޑައިގެން ރައީސް ވިދާޅުވީ މި ދައުރުގެ ތެރޭގައި އެކަން ސަރުކާރުން ކުރާނެ ކަމަށެވެ.

ދިއްދޫ ހޮސްޕިޓަލް: ގިނަ ބަޔަކު މިތަނުން ހިދުމަތް ހޯދާ. -- ފޮޓޯ | މިހާރު

ދިއްދޫ ހޮސްޕިޓަލް: ގިނަ ބަޔަކު މިތަނުން ހިދުމަތް ހޯދާ. -- ފޮޓޯ | މިހާރު

"ދެން ފާހަގަ ނުޖެހި އޮތީ ހަމަ ދެ ކަމެއް. އަޅުގަނޑުމެން ދިއްދު އަށް ފޭބިއިރު ފެންނަން އެ ހުރި ގިޑީގެ ދެ ތަނބުގައި ލިޔެފައި އޮތީ އެ ވާހަކަ. އެއީ ބިން ހިއްކުމާއި އާ ހޮސްޕިޓަލް ތަރައްގީ ކުރުމުގެ ވާހަކަ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ މި ދައުރުގެ ތެރޭގައި، މި މަސައްކަތް ފެށިގެންދާތަން ތިޔަބޭފުޅުންނަށް ފެނިގެންދާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ހޮސްޕިޓަލް އަދި ނުފެށުނަސް، ރައީސް ވިދާޅުވި ގޮތުގައި ޖޫނިއާ ކޮލެޖެއްގެ މަސައްކަތާއި ތައުލީމީ މަރުކަޒުގެ 12 ކްލާސްރޫމާއި ބަނދަރު ބޮޑުކުރުމާއި މަގުތައް ހެދުމާއި އާ އިންޖީނުގޭގެ މަސައްކަތާއި ފްލެޓް އެޅުން އެ މަނިކުފާނުގެ މި ދައުރުގެ ތެރޭގައި ފެށިގެން ކުރިއަށް އެބަދެ އެވެ. އެ ކަންކަމާ އެކު ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ ވެސް ކުރާނެ ކަމެއް ކަމުގެ އުއްމީދު މިދިޔަ ހަފުތާގައި އާ ކޮށްދެއްވި އެވެ.