Roadha Mihaaru
ޝާހްރުކްގެ ހާއްސަ އެދުމެއް ޑައިރެކްޓަރުންނަށް

ޝާހްރުކްގެ ހާއްސަ އެދުމެއް ޑައިރެކްޓަރުންނަށް

18 ނޮވެމްބަރ 2021

ދަރިފުޅު އަރިއަން ޚާން މަސްތުވާތަކެތީގެ މައްސަލައެއްގައި ބެދުމާ ގުޅިގެން ފިލްމީ މަސައްކަތްތައް މެދުކަނޑާލި ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާން އަލުން ފިލްމީ މަސައްކަތްތަކަށް ނުކުންނަން ތައްޔާރުވާ އިރު، އޭނާގެ އަތުގައި މި ވަގުތު ހުރި ފިލްމުތަކުގެ ޑައިރެކްޓަރުންގެ ކިބައިން ހާއްސަ ކަމަކަށް އެދިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދަރިފުޅު އަރިއަން ޚާން މަސްތުވާތަކެތީގެ މައްސަލައެއްގައި ބެދުމާ ގުޅިގެން ފިލްމީ މަސައްކަތްތައް މެދުކަނޑާލި ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާން އަލުން ފިލްމީ މަސައްކަތްތަކަށް ނުކުންނަން ތައްޔާރުވާ އިރު، އޭނާގެ އަތުގައި މި ވަގުތު ހުރި ފިލްމުތަކުގެ ޑައިރެކްޓަރުންގެ ކިބައިން ހާއްސަ ކަމަކަށް އެދިއްޖެ އެވެ.

ބައެއް މީޑިއާތަކުން ބުނީ ޝާހްރުކް އެދުނީ އިންޑިއާ އިން ބޭރުގައި ފިލްމުތަކުގެ ޝޫޓިންތައް ކުރިއަށް ގެންދަން ރާވާ އިރު، އެހާ ދިގު މުއްދަތަކަށް އަދި މާ ގިނަ ބަޔަކު ބައިވެރިކުރާ ގޮތަށް ޝެޑިއުލްތައް ނުރޭވުމަށެވެ.

ސަބަބަކީ އަރިއަން އުޅޭނޫޅޭ ގޮތް ވީހާ ވެސް ގާތުން ބެލުމާއި އާއިލާއާ ދުރުގައި ގިނަ ދުވަހު ދެން މުމްބާއީން ބޭރުގައި ހުންނަން ބޭނުން ނުވުމެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި އަރިއަން މިދިޔަ މަހިގެ 2 ގައި ހައްޔަރުކޮށް، ކަފާލާތުގެ ދަށުން ދޫކޮށްލީ މިދިިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އަދި އޭނާ އަށް ހާއްސަ ބޮޑީގާޑެއް ހަމަޖެއްސުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.

ދަރިފުޅުގެ މައްސަލަގަނޑު ފެންމަތިވި އިރު ޝާހްރުކް ގެންދިޔައީ ދެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޝޫޓިން ފެށި ޑައިރެކްޓަރު ސިދާތު އާނަންދުގެ "ޕަތާން" އާއި މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ޝޫޓިން ފެށި ތަމަޅަ ޑައިރެކްޓަރު އެޓްލީގެ "ލަޔަން" އެވެ.

އެޓްލީގެ ދެމަފިރިންނާ އެކު ޝާހްރުކް.

އަރިއަން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރީ ޝާހްރުކް މިދިޔަ މަހުގެ ތެރޭގައި "ޕަތާން" ގެ ޝޫޓިން އަށް ސްޕެއިނަށް ވެސް ފުރަން ހުރިހާ ކަމެއް ތައްޔާރުވެފައި ވަނިކޮށެވެ. އެހެންވެ، އެކަމާ ވިދިގެން އެ ދަތުރު ޖެހުނީ ކެންސަލް ކުރާށެވެ.

ވަރަށް ބޮޑު ބައި މިހާރު ޝުޓްކޮށް ނިމިފައިވާ އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ޕަތާން" ގެ ލަވައަކާއި އެކްޝަން މަންޒަރުތަކެއް ސްޕެއިންގައި ނަގާ ގޮތަށް ހަމަޖެހިފައިވެ އެވެ. ޝާހްރުކް ޑަބަލް ރޯލެއް ކުޅޭ ލަޔަން" އަކީ އަދި މަސައްކަތުގެ ބޮޑު ބައި ކުރިއަށް އޮތް ފިލްމެކެވެ.

މި ދެ ފިލްމަށް ފަހު އޭނާ ދެން ކުޅެން އޮތީ ކެނެޑާގައި ވަރަށް ބޮޑު ބައި ޝޫޓްކުރާ ގޮތަށް އޮތް ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ ސޯޝަލް ކޮމެޑީއެކެވެ.