Roadha Mihaaru
"ޕަތާން" ގައި ދީޕިކާ ތަޅާފޮޅާ ރޯލެއް

ޝާހްރުކްގެ "ޕަތާން" ގައި ދީޕިކާ ތަޅާފޮޅާ ރޯލެއް

28 ޖުލައި 2021

ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދްކޯން އަށް މިހާރު އެކްޝަން ރޯލުތަކެއް އަލެއް ނުވާނެ އެވެ. ދެ ފިލްމެއްގައި އޭނާ ވަނީ އެފަދަ ރޯލުތަކެއް ކުޅެފަ އެވެ. އެއީ ކުޅުނު ފުރަތަމަ ހޮލީވުޑް ފިލްމު 2017 ގެ "ޓްރިޕްލް އެކްސް: ރިޓާން އޮފް ޒެންޑަ ކޭޖް" އާއި 2009 ގެ ހިންދީ ފިލްމު "ޗާންދުނީ ޗޯކް ޓު ޗައިނާ" ގަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދްކޯން އަށް މިހާރު އެކްޝަން ރޯލުތަކެއް އަލެއް ނުވާނެ އެވެ. ދެ ފިލްމެއްގައި އޭނާ ވަނީ އެފަދަ ރޯލުތަކެއް ކުޅެފަ އެވެ. އެއީ ކުޅުނު ފުރަތަމަ ހޮލީވުޑް ފިލްމު 2017 ގެ "ޓްރިޕްލް އެކްސް: ރިޓާން އޮފް ޒެންޑަ ކޭޖް" އާއި 2009 ގެ ހިންދީ ފިލްމު "ޗާންދުނީ ޗޯކް ޓު ޗައިނާ" ގަ އެވެ.

ރިޕޯޓްތައް މިހާރު ބުނާ ގޮތުން މިދިޔަ އަހަރުގެ ފަހުކޮޅު ޝޫޓިން ފެށި ޝާހްރުކް ޚާންގެ ސްޕައި އެކްޝަން ތުރިލާ "ޕަތާން" ގައި ދީޕިކާ ފެންނާނީ އޭނާ ކުރިން ނުކުޅޭ ވަރުގެ ވަރުގަދަ އެކްޝަން ރޯލަކުންނެވެ. ސިދާތު އާނަންދު ޑައިރެކްޓްކުރާ މި ފިލްމުގެ މަންޒަރުތައް މިހާރު މުމްބާއީގައި ކުރިއަށްދާ އިރު، ދީޕިކާ ވަނީ އެކްޝަން ރޯލަށް ވަރަށް ބޮޑަށް ތައްޔާރުވެ، ގިނަ ޓްރޭނިންތަކެއް ވެސް ހަދައިފަ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި "ޕަތާން" ގެ މަންޒަރުތަކުގެ ތެރެއިން އިންޑިއާގައި ޝުޓްކުރާ ދީޕިކާގެ ހުރިހާ މަންޒަރެއްހެން މިހާރު ވަނީ ޝޫޓްކޮށް ނިންމައިފަ އެވެ. އަދި އަންނަ މަހުގެ ތެރޭގައި ކާސްޓާއި ކްރޫ އިންޓަނޭޝަނަލް ޝެޑިއުލް އަށް ފުރާނެ އެވެ. އޭގައި ދީޕިކާ ވެސް ބައިވެރިވާނެ އެވެ.

އެހެންވެ "ޕަތާން" އަކީ މީގެ ކުރިން ދީޕިކާ ނުފެންނަހާ ތަފާތު ރޯލަކުން އޭނާ ފެންނާނެ ފިލްމެއް ކަމަށް ބޮލީވުޑް ހަންގާމާ އިން ބުންޏެވެ. އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒްކުރާ ކަމަށް ބުނާ ފިލްމުގެ ވިލަން އަކީ ޖޯން އަބްރަހަމެވެ. މީގެ ހާއްސަ ފެނިލުމެއްގައި ސަލްމާން ޚާން ވެސް ހިމެނެ އެވެ.

"ޕަތާން" އަކީ ޝާހްރުކާ އެކީ ދީޕިކާ ކުޅޭ ހަތަރު ވަނަ ފިލްމެވެ. އެކްޓަރު ރަންވީރު ސިންގްގެ އަންހެނުން ބޮލީވުޑަށް 2007 ގައި ނުކުތީ ޝާހްރުކްގެ "އޯމް ޝާންތީ އޯމް" އިންނެވެ. އޭގެ ފަހުން 2013 ގެ "ޗެންނައި އެކްސްޕްރެސް" އާއި 2014 ގެ "ހެޕީ ނިއު އިޔާ" އަކީ ދީޕިކާ އާއި ޝާހްރުކް އެކީގައި ކުޅުނު ފިލްމުތަކެވެ.

ހުނަރުވެރި، ކާމިޔާބު ބަތަލާ މިހާރު އަންނަނީ ޕްރަބާސް އާއި އަމީތާބް ބައްޗަނާ އެކު ކުޅޭ ފިލްމުގެ މަސައްކަތް ވެސް ކުރަމުންނެވެ. ދީޕިކާ ޝޫޓިން ފަށައި ނިންމަން އޮތް އަނެއް ފިލްމަކީ ނަން އަދި އިއުލާން ނުކުރާ، ޝަކުން ބަޓްރާ ޑައިރެކްޓްކުރާ ރިލޭޝަންޑިޕް ޑާކް ތުރިލާއެކެވެ. އޭގެ ގިނަ މަންޒަރުތަކެއް މިދިޔަ އަހަރުގެ ފަހުކޮޅު ގޯއާގައި ޝޫޓްކޮށްފައިވެ އެވެ.

ދީޕިކާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ރިލީޒްކުރާނެ އިރެއް އަދި ނުނިންމައި އޮތް "83" އާއި ޝޫޓިން އަށް ތައްޔާރުވަމުން އަންނަ "ފައިޓާ" އާއި "ދި އިންޓާން" ހިމެނެ އެވެ.