Roadha Mihaaru
ޝާހްރުކްގެ "ޕަތާން" ގައި ސަލްމާންގެ 20 މިނިޓް

ޝާހްރުކްގެ "ޕަތާން" ގައި ސަލްމާންގެ 20 މިނިޓް

10 މާޗް 2021

ޝާހްރުކް ޚާން މިހާރު ކުޅެމުން އަންނަ ފިލްމު "ޕަތާން" ގައި ސަލްމާން ޚާންގެ ހާއްސަ ފެނިލުމެއް ހިމަނަން ނިންމާފައިވާ އިރު، އޭނާ ފިލްމުން 20 މިނިޓަށް ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޝާހްރުކް ޚާން މިހާރު ކުޅެމުން އަންނަ ފިލްމު "ޕަތާން" ގައި ސަލްމާން ޚާންގެ ހާއްސަ ފެނިލުމެއް ހިމަނަން ނިންމާފައިވާ އިރު، އޭނާ ފިލްމުން 20 މިނިޓަށް ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ސަލްމާން މިހާރު ވަނީ "ޕަތާން" ގެ ޓީމާ އެކު މުމްބާއީގައި ޝޫޓިންގައި ވެސް ބައިވެރިވާން ފަށައިފަ އެވެ. އަދި އޭނާ ފެނިގެންދާ މަންޒަރުތަކުން ބައެއް ޔޫއޭއީގައި ވެސް ނަގާނެ އެވެ. ކުރިން މީޑިއާތަކުން ބުނެފައިވާ ގޮތުގައި އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ހަދާ މި ފިލްމުގެ ވަރަށް ވަރުގަދަ އެކްޝަން މަންޒަރުތަކެއް ޔޫއޭއީގައި ހުންނަ ދުނިޔޭގެ އެންމެ އުސް އިމާރާތް ބުރުޖް ޚަލީފާގައި ވެސް ނަގާނެ އެވެ.

މީޑިއާތަކުން ބުނި ގޮތުގައި "ޕަތާން" ގައި ސަލްމާން ފެންނާނީ ވައިއާރްއެފް އަށް އޭނާ ކުޅޭ "ޓައިގާ" ސީރީޒްގެ ފިލްމުތަކުގައި ކުޅޭ ޓައިގާގެ ކެރެކްޓާއިންނެވެ. އެގޮތުން ސަލްމާނާއި ޝާހްރުކް އެކީގައި ވަރަށް ގިނަ އެކްޝަން މަންޒަރުތަކުން ފެންނާނެ އެވެ. "ޕަތާން" ގައި ހިއްސާވާކަން މިދިޔަ މަހު ނިންމައިލި "ބިގް ބޮސް 14" ފިނާލޭގައި ސަލްމާން ކަށަވަރުކޮށް ދީފައިވެ އެވެ.

ބައެއް ނޫސްތަކުން ބުނި ގޮތުގައި "ޓައިގާ" ތިން ވަނަ ފިލްމުގެ ފެށުން އަންނާނީ "ޕަތާން" ގައި ސަލްމާންގެ ކެރެކްޓާގެ ނިމުން ގެނެސްދޭ ހިސާބުންނެވެ. ރިޕޯޓްތައް ބުނާގޮތުން މަނީޝް ޝަރުމާ ޑައިރެކްޓްކުރާ "ޓައިގާ 3" ގެ ޝޫޓިން ވެސް މުމްބާއީގައި ވަނީ ފަށައިފަ އެވެ. އަދި މި ފިލްމުގެ މަންޒަރުތަކެއް ޔޫއޭއީ އާއި ތުރުކީ އަދި ޔޫރަޕްގެ ބައެއް ހިސާބުތަކުގައި ޝޫޓްކުރާނެ އެވެ. "ޓައިގާ" ގެ ކުރީގެ ދެ ފިލްމެކޭ އެއްގޮތަށް ތިން ވަނަ ބައިގެ ބަތަލާ އަކީ ވެސް ކެޓްރީނާ ކައިފެވެ.

ސަލްމާން.

ސަލްމާން.

އަންނަ އަހަރުގެ ޖެނުއަރީގައި ރިލީޒްކުރާނެ ކަމަށް ބެލެވޭ "ޕަތާން" އަކީ 2019 ގައި "ވޯ" ގެނެސްދިން ސިދާތު އާނަންދު ހަދާ ފިލްމެކެވެ. މީގެ ކާސްޓްގައި ދީޕިކާ ޕަދްކޯނާއި ޖޯން އަބްރަހަމާއި ޑިމްޕަލް ކަޕާޑިއާ ވެސް ހިމެނެ އެވެ.

ސަލްމާންގެ ދެ ފިލްމެއް މި އަހަރު ރިލީޒްކުރާނެ އެވެ. އެއީ "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" އާއި "އަންތިމް: ދަ ފައިނަލް ޓުރުތު" އެވެ.

ސަލްމާނާއި ޝާހްރުކް ކުރިން ވެސް އެކީގައި ފިލްމުތަކެއް ކުޅެފައިވާ އިރު، ދެ ތަރިން އެކަކު އަނެކަކު ފިލްމުތަކުގެ ހާއްސަ ފެނިލުންތަކުގައި ވެސް ހިއްސާވެފައިވެ އެވެ.