Roadha Mihaaru
އެމްއެންޔޫގެ މެޑިކަލް ކޮލެޖު އެޅޭނެ ގޮތެއް އަދި ނެތް

އެމްއެންޔޫގެ މެޑިކަލް ކޮލެޖު އެޅޭނެ ގޮތެއް އަދި ނެތް

17 ނޮވެމްބަރ 2021

ޑޮކްޓަރުކަން ކިޔަވައިދިނުމަށް ހާއްސަ ކޮލެޖެއް ހަދަން ހުޅުމާލެއިން ބިން ނުލިބިގެން މެޑިކަލް ސްކޫލު އެޅޭނެ ގޮތެއް އަދި ނެތް ކަމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން އިއްޔެ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޑޮކްޓަރުކަން ކިޔަވައިދިނުމަށް ހާއްސަ ކޮލެޖެއް ހަދަން ހުޅުމާލެއިން ބިން ނުލިބިގެން މެޑިކަލް ސްކޫލު އެޅޭނެ ގޮތެއް އަދި ނެތް ކަމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން އިއްޔެ ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގައި އެމްއެންޔޫގެ ޗާންސެލާ ޑރ. ހަސަން ހަމީދު ވިދާޅުވީ މެޑިކަލް ކޮލެޖު އެޅުމަށް ހުޅުމާލެއިން 1.8 ހެކްޓަރުގެ ބިމަކަށް 275 މިލިއަން ރުފިޔާ ހަރަދުކުރަންޖެހޭ ކަމަށެވެ. ނަމަވެސް އެ އަދަދު ހަރަދުކޮށްގެން އެކަން އަދި ކުރެވެން ނެތް ކަމަށް ޑރ. ހަސަން ފާހަގަކުރެއްވި އެވެ.

އެކަމާ ގުޅިގެން ބައެއް މެމްބަރުން ވަނީ ރާއްޖޭގެ އެހެން ސަރަހައްދަކަށް މެޑިކަލް ކޮލެޖު ބަދަލުކުރުމުގެ އެއްވެސް ވިސްނުމެއް ގެންގުޅޭތޯ ސުވާލުކުރައްވައިފަ އެވެ.

ޑރ. ހަސަން ވިދާޅުވީ މެޑިކަލް އެޑިއުކޭޝަންގެ ފެންވަރު ހިފަހައްޓަނީ މެޑިކަލް ކައުންސިލުން ކަމަށްވާއިރު، އެމްބީބީއެސްއަށް ކިޔަވައިދޭ މީހުންނަކީ ކޮންސަލްޓެންޓު ފެންވަރަށް ވާންޖެހެ އެވެ. އެ ފެންވަރުގެ މީހުން ތިބޭ ތަނަކަށް އޮންނަނީ މާލެ ކަމަށާއި އެހެން ނޫންނަމަ "ފަޅު ރަށެއްގައި" ވެސް މެޑިކަލް ކޮލެޖު ހިންގިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަސްލު މެޑިކަލް ސްކޫލާއެކު ހުންނަން ޖެހޭނެ ޓީޗިން ހޮސްޕިޓަލެއް ވެސް. އޭރުން އެހެން ރަށްރަށުގެ މީހުން އަންނާނެ ކަންނޭނގެ އެ ތަނަށް ދާން،" ޑރ. ހަސަން ވިދާޅުވި އެވެ.

ދިގު މުއްދަތަކަށް ބަހާލައިގެން ބިން ކަނޑައަޅާނެ ކަމަށް އެޗްޑީސީން ބުނެފައިވާ ކަމަށާއި ނަމަވެސް އެއަށް ބޮޑު ޑައުންޕޭމަންޓެއް ދައްކަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މެޑިކަލް ކޮލެޖު މިހާރު ހިންގަމުން އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލުން ދީފައިވާ ދެ ފްލޯއެއްގަ އެވެ. އެ ތަން ދީފައިވަނީ 10 އަހަރަށެވެ. އެ އެއްބަސްވުން 2028 ވަނަ އަހަރު ހަމަވާނެ އެވެ. އެހެންވެ، އެމްބީބީއެސް ކޯސް ހިންގާނެ އިތުރު ގޮތްތަކެއް އެމްއެންޔޫއިން ހޯދަންޖެހެ އެވެ.

ޑރ. ހަސަން ވިދާޅުވީ ޕީއެސްއައިޕީ ބަޖެޓުގައި ހިމެނޭ ހަތަރު މިލިއަން ޑޮލަރު (60 މިލިއަން ރުފިޔާ) އަކީ މެޑިކަލް ކޮލެޖު އެޅުމަށް ބޭރު ގައުމަކުން ދީފައިވާ ކަމަށެވެ. އެކަމަކު ކޮލެޖު އެޅޭނެ ގޮތެއް ނެތުމުން އެ ފައިސާ ބޭނުން ނުކުރެވި 2-3 އަހަރު ވެގެން ދިޔައީ އެވެ.

ރާއްޖޭގައި ޑޮކްޓަރުން ކިޔަވައިދެނީ މެލޭޝިޔާގެ ގައުމީ ޔުނިވާސިޓީ ކަމުގައިވާ ކެބަންސާންގެ މުގައްރަރެވެ.