Roadha Mihaaru
ހެލްތުގެ ޑީޖީގެ ބާރުތަކާއި ޝަރުތުތައް މަތިކުރަނީ

ހެލްތު މިނިސްޓްރީގެ ޑީޖީގެ ބާރުތަކާއި ޝަރުތުތައް މަތި ކުރަން އިސްލާހެއް!

25 ޖޫން 2024

ޑިރެކްޓަ ޖެނެރަލް އޮފް ހެލްތު ސާވިސްގެ މަގާމުގައި ހުންނަވާ ބޭފުޅާ އަށް ލިބޭ ބާރުތަކާއި އެ މަގާމުގެ ޝަރުތުތައް އިތުރު ކުރަން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ޑިރެކްޓަ ޖެނެރަލް އޮފް ހެލްތު ސާވިސްގެ މަގާމުގައި ހުންނަވާ ބޭފުޅާ އަށް ލިބޭ ބާރުތަކާއި އެ މަގާމުގެ ޝަރުތުތައް އިތުރު ކުރަން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ހެލްތު މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އޮފް ހެލްތު ސާވިސްގެ މަގާމުގައި މިހާރު ހުންނެވީ އެ ދާއިރާ އަށް 14 އަހަރު ހިދުމަތް ކުރައްވާފައިވާ ޑރ. އަހުމަދު އަޝްރަފެވެ. އޭނާ އެ މަގާމަށް އައްޔަން ކޮށްފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ޖެނުއަރީ 11، 2022 ގަ އެވެ.

މި ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފް އެ ގާނޫނަށް ހުށަހެޅި އިސްލާހުގައި ބުނެފައި ވަނީ ހެލްތު މިނިސްޓްރީގެ ޑީޖީގެ މަގާމަށް އައްޔަން ކުރާ މީހެއްގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އެލޯޕެތިކް މެޑިސިންގެ ހާއްސަ ދާއިރާއަކުން އެންމެ ދަށްވެގެން ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް ނުވައެއްގެ ސަނަދެއް ހާސިލް ކޮށްފައިވާ މީހަކަށް ވުމެވެ.

ސިއްހީ ދާއިރާގައި މަދުވެގެން 10 އަހަރުގެ ތަޖުރިބާ ހުރުމާއި އެ މުއްދަތުގެ ތެރެއިން މަދުވެގެން ހަތަރު އަހަރު ދުވަހު ހިންގުމުގެ ދާއިރާގައި މަސައްކަތް ކޮށްފައިވާ މީހަކަށް ވާން ޖެހޭ ކަމަށް އާ އިސްލާހުގައި ވެ އެވެ.

ޑީޖީގެ މަގާމުގެ މުއްދަތަކީ ފަސް އަހަރު ކަމަށާއި އެ ގާނޫނަށް އަމަލު ކުރަން ފަށާއިރު، މަގާމަށް އެއްވެސް މީހަކު އައްޔަން ކޮށްފައިވާ ނަމަ އަދި އެއީ ގާނޫނުގައި ބަޔާން ކުރާ ޝަރުތުތައް ފުރިހަމަވާ މީހެއް ނަމަ އެއީ މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން މަގާމަށް އައްޔަން ކޮށްފައިވާ ފަރާތެއް ކަމުގައި ބެލޭނެ ކަމަށް ވެސް އެ އިސްލާހުގައި ބަޔާންކުރި އެވެ.

އެ މަގާމުގައި ހުންނަ މީހަކު އަދާ ކުރަން ޖެހޭ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މިހާރު ހިމެނެނީ ސިއްހީ ދާއިރާ ފުޅާކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމާއި ގާނޫނުތައް ހެދުމަށް މިނިސްޓްރީ އަށް ލަފާދިނުމާއި ސިޔާސީ ގޮތުންނާއި ފަންނީ ގޮތުން ކަނޑައަޅާ ސިއްހީ ދާއިރާގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ބޭރު ގައުމުތަކުގެ އެހީ ހޯދުމަށް އިރުޝާދު ދިނުމެވެ.

އޭގެ އިތުރުން ސިއްހީ ދާއިރާގެ މީހުން ބިނާކުރުމަށް މުއައްސަސާތަކާ އެކު މަޝްވަރާކޮށް، އެ ކަމަށް މަގުފަހި ކޮށްދިނުމާއި ރާއްޖެ އަށް ކުރިމަތިވާ ކާރިސާތަކާ ގުޅިގެން ސިއްހީ ދާއިރާގެ ފަންނީ ލަފާދޭ އިސް މީހެއްގެ ގޮތުގައި މަސައްކަތް ކުރުމާއި ސިއްހީ ދާއިރާ އާއި ހެލްތު މިނިސްޓްރީއާ ގުޅުން ހުރި އެހެން ކަންކަމުގައި ލަފާދޭ އެންމެ އިސް މީހެއްގެ ގޮތުގައި މަސައްކަތް ކުރުމެވެ.

އިސްލާހުގައި ހިމެނޭ ބައެއް އިތުރު މަސްއޫލިއްޔަތުތައް

- ކޮމިއުނިޓީ އަދި އިނސްޓިޓިއުޝަނަލް ފެންވަރެއްގައި ވަށައިޖެހޭ ގޮތުގެ މަތިން ސިއްހީ ހިދުމަތް މެދުނުކެނޑި ދެމުންގެންދާކަން ކަށަވަރުކުރުމަށްޓަކައި ސްޓްރެޓީޖިކް ބިޒްނަސް ޕްލޭންތަކާއި ޕޮލިސީތައް އެކުލަވާލުން.

- ތަފާސްހިސާބު އެއްކޮށް ހެލްތު އިންފޮމޭޓިކްސް ޒަރިއްޔާ އިން މައުލޫމާތާއި ތަފާސްހިސާބުގެ ބޭނުން ކުރުމަށް މަގުފަހިކޮށްދިނުން.

- ސިއްހީ ދާއިރާއާ ގުޅުން ހުރި މަސައްކަތްތައް ކުރާ މަދަނީ ޖަމިއްޔާތަކާ އެކު، މަސައްކަތްކޮށް ސިއްހީ ދާއިރާ އަށް އެންމެ ފައިދާ ހުރި ގޮތެއްގައި އެ ފަރާތްތަކުގެ ބައިވެރިވުން ކުރިއަރުވައި ރާއްޖޭގެ ސިއްހީ ހާލަތު ހަރުދަނާ ކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ހިންގަން އިރުޝާދު ދިނުން.

- ސިއްހީ ދާއިރާގައި ތަންފީޒު ކުރާ ސިޔާސަތުތަކަކީ ސައްހަ މައުލޫމާތާއި ހެއްކަށް ބިނާކޮށް ކަނޑައެޅޭ ސިޔާސަތުތަކަކަށް ހެދުމަށްޓަކައި ދާއިރާ އަށް ބޭނުންވާ ދިރާސާތަކާއި އެނަލިސިސްތައް ދެނެގަނެ އެ އެނަލިސިސްތައް ހެދުމާއި ދިރާސާ ކުރުމަށް ފަންނީ ލަފާ ދިނުން.

ބިލުގައި އިތުރަށް ބަޔާން ކޮށްފައި ވަނީ ޕްރިވެންޓިވް ކެއާ ހިދުމަތް ފޯރު ކޮށްދިނުމުގެ އަސާސްތަކާއި ސިއްހީ ހިދުމަތް ދިނުމުގެ ގައުމީ ނިޒާމް ގާއިމް ކުރުމާ ބެހޭ މާއްދާތަކެކެވެ.