Roadha Mihaaru
"ލީތަލް ވެޕަން 5" ގިބްސަން ޑައިރެކްޓްކުރާނެ

"ލީތަލް ވެޕަން 5" ގިބްސަން ޑައިރެކްޓް ކުރާނެ

18 ނޮވެމްބަރ 2021

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު މެލް ގިބްސަންގެ ކާމިޔާބު ފްރެންޗައިޒް "ލީތަލް ވެޕަން" ގެ ފަސް ވަނަ ފިލްމު އޭނާ އެ ޑައިރެކްޓްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު މެލް ގިބްސަންގެ ކާމިޔާބު ފްރެންޗައިޒް "ލީތަލް ވެޕަން" ގެ ފަސް ވަނަ ފިލްމު އޭނާ އެ ޑައިރެކްޓްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިދިޔަ ޖުލައި މަހު މަރުވި، ކުރީގެ ފިލްމުގެ ޑައިރެކްޓަރު ރިޗަޑް ޑޮނާގެ ހަނދާނުގައި ލަންޑަންގައި އަންގާރަ ދުވަހު ބޭއްވި އިވެންޓެއްގައި ގިބްސަން ބުނީ ޑައިރެކްޓަރު މަރުވީ "ލީތަލް ވެޕަން 5" ގެ ސްކްރީންޕްލޭގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ. އަދި އެ ދެ މީހުން އެކީގައި އާ ފިލްމާ ބެހޭ ގޮތުން ދެކެވުނު ވާހަކަތަކުގެ ތެރޭގައި އޭނާ ނެތްނަމަ ފަސް ވަނަ ބައި ޑައިރެކްޓް ކުރަން ރިޗަޑް އެދުނު ކަމަށް ގިބްސަން ބުންޏެވެ.

އެހެންވެ އޭނާގެ ހަނދާންތައް އާކޮށްދޭން "ލީތަލް ވެޕަން 5" ގެ ޑައިރެކްޝަނާ ހަވާލުވުމަކީ ވެސް ފަހުރެއްގެ ގޮތުގައި ދެކޭ ކަމަށް ގިބްސަން ބުންޏެވެ. އެކަމަކު މި ފްރެންޗައިޒްގައި ގިބްސަން ކުޅެމުން އައި ސާޖަންޓް މާޓިން ރިގްގެ ކެރެކްޓާ އާ ފިލްމުގައި އޭނާ ކުޅޭނެ ކަމެއް ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.

"ފަސް ވަނަ ފިލްމު އަހަރެން ޑައިރެކްޓްކުރާ ވާހަކަ އޭރު ރިޗަޑް ދެއްކީމަ އަހަރެން ބުނިން ބޭކާރު ވާހަކަ ނުދައްކައި ހަނު ހުންށާށޭ ވެސް. އެ ވާހަކަ ދެއްކި އިރު އޭނަގެ އަންހެނުން [ލޯރެން ޝޫލާ ޑޮނާ] ވެސް ހުރި. އެކަމަކު މިހާރު ރިޗަޑް ނެތްތަން ފޫބައްދައިދޭން ފިލްމުގެ ފަސް ވަނަ ބައި ޑައިރެކްޓްކުރުމުގެ ޒިންމާއާ އަހަރެން ހަވާލުވުމަކީ ކޮނޑުގައި އެޅިފައި އޮތް ޒިންމާއެއްގެ ގޮތުގައި ދެކެނީ." ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ގިބްސަން ބުންޏެވެ.

ރިޗަޑް ޑޮނާ.

ރިޗަޑް ޑޮނާ.

"ލީތަލް ވެޕަން 5" ގެ ޝޫޓީން ފަށާނީ އަންނަ އަހަރުގެ ތެރޭގަ އެވެ.

މި ސީރީޒްގެ ފުރަތަމަ ފިލްމު 1987 ގައި ދެވަނަ ފިލްމު 1989 ގައި، ތިން ވަނަ ފިލްމު 1992 ގައި އަދި ހަތަރު ވަނަ ފިލްމު ގެނެސްދިނީ 1998 ގަ އެވެ.

"ލީތަލް ވެޕަން" ގެ ފަސް ވަނަ ފިލްމުގެ ޑައިރެކްޝަނާ ގިބްސަން ހަވާލުވި އިރު، އޭނާ ކުރިން ވެސް ފިލްމުތަކެއް ޑައިރެކްޓްކުރި އެވެ. އޭގެ ތެރޭގައި ދަ މޭން ވިތައުޓް އަ ފޭސް (1993)، ބްރޭވްހާޓް (1995)، ދަ ޕެޝަން އޮފް ދަ ކްރިސްޓް (2004)، އެޕޮކެލިޕްޓޯ (2006) އަދި ހެކްސޯ ރިޖް (2016) ހިމެނެ އެވެ. ގިބްސަންގެ ކުރިއަށް ޑައިރެކްޝަނަކީ "ޕެޝަން އޮފް ދަ ކްރިސްޓް: ރިސެރެކްޝަން" އެވެ.