Roadha Mihaaru
ރަޔަން ވެސް ޖޭމްސް ބޮންޑްގެ ރޯލު ބޭނުން

ރަޔަން ވެސް ޖޭމްސް ބޮންޑްގެ ރޯލު ބޭނުން

21 ނޮވެމްބަރ 2021

ދާދި ފަހުން ރިލީޒްކުރި "ނޯ ޓައިމް ޓު ޑައި" އާ އެކު ޖޭމްސް ބޮންޑްގެ ރޯލަށް ޑެނިއަލް ކްރެއިގް އަލްވަދާއު ކިޔާފައިވާތީ އެ ރޯލަށް ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަޔަން ރޭނޮލްޑްސް ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދާދި ފަހުން ރިލީޒްކުރި "ނޯ ޓައިމް ޓު ޑައި" އާ އެކު ޖޭމްސް ބޮންޑްގެ ރޯލަށް ޑެނިއަލް ކްރެއިގް އަލްވަދާއު ކިޔާފައިވާތީ އެ ރޯލަށް ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަޔަން ރޭނޮލްޑްސް ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

ދަ ޓައިމްސް އަށް ދިން އިންޓަވިއެއްގައި އޭނާ ބުނީ ބޮންޑްގެ ރޯލަކީ އުންމީދުކުރެވޭ ރޯލެއް ކަމަށެވެ. އެކަމަކު އޭނާ އަކީ ކެނެޑާ އަށް އުފަން އެކްޓަރަކަށްވާތީ އެ ރޯލު ލިބިދާނެކަމާ މެދު ޝައްކުތަކެއް ހުރި ކަމަށް ބުންޏެވެ. ޖޭމްސް ބޮންޑްގެ ކެރެކްޓާ އަކީ އިނގިރޭސިވިލާތުގެ އެކްޓަރުންނަށް ހާއްސަ ރޯލެކެވެ.

"ޖޭމްސް ބޮންޑްގެ ޕްރޮޑިއުސަރުންގެ ގާތުގައި އަހަރެން ބުނެލަން ބޭނުން ވަނީ އެ ރޯލަށް އެ މީހުން އާ އެކްޓަރަކު ހޯދާ ނަމަ އިނގިރޭސި ރަހައެއްގެ ބަދަލުގައި ކިހިނެއް ވާނެ ހެއްޔޭ ކެނެޑާގެ ރަހައެއް ތަޖުރިބާކޮށްލިއްޔާ؟" ބަތަލާ ބްލޭކް ލައިވްލީގެ ފިރިމީހާ ބުންޏެވެ.

މި މަހުގެ 5 ގައި ރިލީޒްކުރި "ރެޑް ނޯޓިސް" ގެ ކާސްޓްގައި ވެސް ހިމެނޭ ރަޔަން، 45، ބޮންޑްގެ ރޯލަށް ޝައުގުވެރިކަން ފާޅުކުރި އިރު، އޭނާގެ ކާފަ ޗެސްޓާ ރެނޮލްޑްސް އަކީ ވެސް ބޮންޑްގެ ފިލްމެއްގައި ނެގަޓިވް ރޯލެއް ކުޅެފައިވާ މީހެކެވެ. އެއީ ބޮންޑްގެ ފަސް ވަނަ ފިލްމު އަދި ޝޯން ކޮނެރީގެ 1967 ގެ "ޔޫ އޮންލީ ލިވް ޓްވައިސް" އެވެ.

"އެހެންވީމަ އަހަރެން ވެސް ބޭނުން ކާފަގެ ފިޔަވަޅު މަތިން ކުރިއަށްދާން. އެކަމަކު ހަމަ ހިލާ ވިލަންއެއްގެ ރޯލަކުން ނޫން. ސީދާ ބޮންޑްގެ ރޯލުމް." ޑެޑްޕޫލް ފަދަ ކާމިޔާބު ފިލްމުތައް ކުޅުނު ރަޔަން ބުންޏެވެ.

އޭނާ އެ ރޯލް ބޭނުންވާ ވާހަކަ ދައްކާފައި މި ވަނީ އެކްޓިން އިން ބްރޭކެއް ނެގުމުގެ ވާހަކަތަކެއް ވެސް ދާދި ފަހުން ދައްކާފައި ވަނިކޮށެވެ.

ބޮންޑްގެ 25 ވަނަ ފިލްމު "ނޯ ޓައިމް ޓު ޑައި" އާ އެކު ކްރެއިގް އެ ރޯލު ދޫކޮށްލީ ޖުމްލަ ފަސް ފިލްމެއްގައި އެ ކެރެކްޓާ ކުޅެފަ އެވެ. އޭނާ އެ ރޯލު ދޫކޮށްލަން މީގެ ފަސް އަހަރު ކުރިން ވެސް ނިންމާފައި އޮތުމުން ދެން އެ ރޯލު ކުޅޭނެ އެކްޓަރަކާ ބެހޭ ވާހަކަ އަކީ މީޑިއާތަގައި ވަރަށް ގިނައިން ދެކެވެމުން އަންނަ ޝައުގުވެރި ވާހަކައެކެވެ.

މި ފަހުން އަޑުއަރާފައިވާ ގޮތުން ޓޮމް ހާޑީ އާއި އާއި ރިޗަޑް މެޑެން އާއި އިޑްރިސް އެލްބާ އާއި ޖޭމްސް ނޯޓަން އާއި ލޫކް އިވަންސް އާއި ހެންރީ ކެވިލް އާއި ރެގޭ ޖޯން ޕޭޖް ފަދަ އެކްޓަރުންނަކީ ބޮންޑްގެ ރޯލަށް ދެން އެންމެ ބޮޑަށް ވާދަކުރާނެ ކަމަށް ބެލެވޭ ތަރިންނެވެ.