Roadha Mihaaru
ގަވަރުނަރު ވަކިކުރުމާ ގުޅޭ މައްސަލަ މިއަދު ފަށަނީ!

ގަވަރުނަރު އަލީ ހާޝިމް ވަކިކުރުމާ ގުޅޭ މައްސަލަ ކޮމިޓީގައި މިއަދު ފަށަނީ

15 ޖުލައި 2024

ރާއްޖޭގެ މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއެރުވުމުގެ މައްސަލަ ފަށަން ރައްުޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ތާވަލުކޮށްފި އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއެރުވުމުގެ މައްސަލަ ފަށަން ރައްުޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ތާވަލުކޮށްފި އެވެ.

އެމްއެމްއޭގެ ގާނޫނުގައި ބުނާ ގޮތުން އެ އޮތޯރިޓީގެ ގަވަރުނަރާއި ޑެޕިއުޓީ ގަވަރުނަރު އައްޔަންކޮށް، ވަކިކުރާނީ ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.

މިއަދުގެ ހެނދުނު 11:00 އަށް ތާވަލް ކޮށްފައިވާ ބައްދަލުވުމުގައި އޮތީ އެ މައްސަލައާ ގުޅޭ ގޮތުން ގަވަރުނަރާ ބައްދަލުކޮށް، ސުވާލު ކުރުމެވެ. އެނގިފައިވާ ގޮތުގައި މި މައްސަލަ ކޮމިޓީ އަށް އެޖެންޑާ ކުރުމުގެ ކުރިން އޭނާ ވަނީ ރާއްޖޭގެ މާލީ މައްސަލަތަކަށް އަލިއަޅުވާލައި އެމްއެމްއޭ އިން ތައްޔާރު ކޮށްފައިވާ ރިޕޯޓެއް ރައްޔިތުންގެ މަޖިލިހުގެ އިދާރާ އަށް ފޮނުއްވައިފަ އެވެ.

ގަވަރުނަރު މަގާމުން ވަކިކުރުމަށް ރައީސް މުއިއްޒަށް ލަފާއެރުވުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވީ އެ މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ.

އެމްއެމްއޭ ހިނގަމުން ދާ ގޮތާ ގުޅޭ ގޮތުން ނާޒިމް މަޖިލިހުގައި ވިދާޅުވީ، ގައުމުގެ އިގުތިސާދު ހީނަރުވެގެން ދިޔައިރު، އެމްއެމްއޭގެ ގާނޫނުގައި ބަޔާންކުރާ މަގުސަދުތައް ހާސިލް ކުރެވިފައި ނެތް ކަމަށާއި މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިނގަމުން ދާތަން ވެސް ނުފެންނަ ކަމަށެވެ.

އެ އޮތޯރިޓީގެ މަގުސަދުތައް ހާސިލް ކުރުމަށްޓަކައި މި ސަރުކާރު އައި ފަހުން ސަރުކާރަށް ލަފާދިނުމާއި މަގުސަދުތައް ހާސިލް ކުރުމަށްޓަކައި އަމަލީ ގޮތުން ގަވަރުނަރު އަލީ ހާޝިމް ހަރުދަނާ މަސައްކަތްތަކެއް ނުކުރައްވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

"އެމްއެމްއޭގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ އަށް އަލީ ހާޝިމް އަދާނުކުރައްވާ،" އޭނާ ވިދާޅުވި އެވެ.

ނާޒިމް ހުށަހެޅުއްވި މައްސަލައިގެ މުހިންމު ޕޮއިންޓުތައް:

1- ބެންކުތަކާއި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން އާންމުންނަށް ލޯނު ދޫކުރާ ވަރު ނުސީދާކޮށް ހިފަހައްޓައި ބެންކުތަކުގެ ރިޒާވް އެމްއެމްއޭގައި ބެހެއްޓުމަށް ގަވަރުނަރު ވަނީ ބާރު އަޅުއްވާފައި.

2- އެހެންވެ އިގުތިސާދުގެ ތެރޭގައި ދައުރުވާން ހުރި ފައިސާ މަދުވެ، އިގުތިސާދީ މަސައްކަތްތައް ހުއްޓި އިގުތިސާދުގެ ދުވެލި މަޑުޖެހުން.

3- ސަރުކާރުން މިހާރު ވެސް ފައިސާ ހޯދަމުން ދަނީ ޑޮމެސްޓިކް މާކެޓުން ކަމަށް ވާއިރު، އެ މާކެޓް ރަނގަޅަށް ރެގިއުލޭޓް ކުރުމުގެ މުހިންމު ކަން ބޮޑުވެފައިވާ ވަގުތެއްގައި އެކަން ވެސް ނުކުރޭ.

4- ހޯމް މިނިސްޓްރީ އާއި ފުލުހުން ހިއްސާ ކޮށްފައިވާ މައުލޫމާތުތަކުގައި ކުށްކުރުން ހުއްޓުވަން ހުރި ގޮންޖެހުންތަކުގެ ތެރޭގައި އެމްއެމްއޭގެ ގަވައިދުތައް އަޕްޑޭޓް ނުކުރާ މައްސަލަ ފާހަގަ ކޮށްފައިވުން. ގަވަރުނަރުގެ މަގާމަށް އަލީ ހާޝިމް އައްޔަން ކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ސެޕްޓެމްބަރު 8، 2019 ގައެވެ. އޭނާ ވަނީ 2008 ވަނަ އަހަރުން 2010 ވަނަ އަހަރަށް ފިނޭންސް މިނިސްޓަރުގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.

ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތް އޮޅުން ފިލުވަން މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަކަށް ގަވަރުނަރު އަލީ ހާޝިމް ހާޒިރުކުރަން ވެސް ކުރިން ނިންމި އެވެ. އެކަމަކު، މި މަހުގެ 8 ވަނަ ދުވަހަށް ތާވަލުކުރި އެ ބައްދަލުވުން ކެންސަލްކުރީ އެވެ. ނަމަވެސް އެއީ ގަވަރުނަރު މަގާމުން ވަކިކުރުމާ ގުޅޭ މައްސަލައިގެ ބައްދަލުވުމެއް ނޫނެވެ.

އޭސީސީ އާއި އޮޑިޓަ ޖެނެރަލްގެ ބޭފުޅުން ވެސް މިއަދު ކޮމިޓީތަކަށް

ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމާ ގުޅޭ މައްސަލަ މާލިއްޔަތު ކޮމިޓީގައި ފަށަން ތާވަލު ކުރިއިރު، އޭސީސީ އާއި އޮޑިޓަ ޖެނެރަލްގެ އިސްވެރިން ވެސް ކޮމިޓީތަކަށް މިއަދު ހާޒިރު ކުރަން ވަނީ ނިންމައިފަ އެވެ.

މެންދުރު 12:30 ގައި ބާއްވާ އެސްއޯއީ ކޮމިޓީގެ ބައްދަލުވުމަށް އޭސީސީގެ އިސްވެރިން ހާޒިރުކުރަނީ ސަރުކާރުގެ ކުންފުނިތަކާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަތަކާއި އެ ކުންފުނިތައް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތައް ސާފު ކުރުމަށެވެ.

އޮޑިޓަ ޖެނެރަލްގެ އިސްވެރިން ހާޒިރު ކުރަނީ މާލިއްޔަތު ކޮމިޓީއަށެވެ. މެންދުރު ދޭއް ޖަހާއިރު ބާއްވާ އެ ކޮމިޓީ އަށް އެ އިދާރާގެ ވެރިން ހާޒިރުކޮށް، ސުވާލު ކުރަނީ މަސްއޫލިއްލިއްޔަތުތައް އަދާކުރުމުގައި ކުރިމަތިވާ ދަތިތަކާ ބެހޭ ގޮތުންނެވެ.