Roadha Mihaaru
ހިންގުން ރަނގަޅު ނުކުރާ ވެރިން ބަދަލުކުރާނަން: އަމީރު

އެސްއޯއީތަކުގެ ހިންގުން ރަނގަޅު ނުކުރާ ނަމަ މެނޭޖްމެންޓް ބަދަލުކުރާނަން: އަމީރު

11 ނޮވެމްބަރ 2019

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޭނުންވާ އެންމެ ފުރިހަމަ ބަދަލުތައް ގެންނަތަން ނުފެންނަ ކަމަށާއި ޕާފޯމެންސް ކޮންޓްރެކްޓްތައް ހަދައި، އެކަންކަން ހާސިލު ނުކުރެވޭ ނަމަ މެނޭޖްމެންޓް ބަދަލުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޭނުންވާ އެންމެ ފުރިހަމަ ބަދަލުތައް ގެންނަތަން ނުފެންނަ ކަމަށާއި ޕާފޯމެންސް ކޮންޓްރެކްޓްތައް ހަދައި، އެކަންކަން ހާސިލު ނުކުރެވޭ ނަމަ މެނޭޖްމެންޓް ބަދަލުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ބަޖެޓް ކޮމިޓީގައި އަމީރު ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވާތީ ކަންކަން ކުރުމުގައި އަބަދުވެސް ދައުލަތުގެ ފައިސާ އަށް ކުންފުނިތަކުން ބަރޯސާވާ ކަމަށެވެ. އެއާ އެކު އެ ކުންފުނިތައް ހިންގުމުގައި ގެންނަންޖެހޭ ހެޔޮ ބަދަލުތައް ވެސް ނުގެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ އުސޫލު، އެ ވިސްނުން ބަދަލު ކުރަން ޖެހޭ. އަޅުގަނޑު ވަކިވަކިން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑު މެންބަރުންނާއި މެނޭޖްމެންޓާ ބައްދަލުކުރަން. މިވާހަކަ އެބަ ދައްކަން. އެ ވިސްނުން ބަދަލު ނުކުރެވޭ ނަމަ މެނޭޖްމެންޓް ބަދަލުކޮށްގެން ވެސް އެބަދަލު އަޅުގަނޑުމެން ގެންނާނަން،" އޭނާ ވިދާޅުވި އެވެ.

ސަރުކާރު ހިއްސާވާ 23 ކުންފުނި ހިމެނޭ އިރު އޭގެ ތެރެއިން ފައިދާ ވަނީ 11 ވަރަކަށް ކުންފުންޏަށެވެ.

އަމީރު ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެޗްޑީސީއަކީ ރާއްޖޭގެ އެންމެ ބޮޑު އެސެޓް އޮތް ކުންފުންޏަށްވާ އިރު އެކުންފުނި ހިންގި ގޮތް ބަލައިލަން ޖެހޭ ކަމަށެވެ.

"މިދިޔަ އަހަރުތަކުގައި ސޮވެރިން ގެރެންޓީދީފަ އެބަހުރި ފީޒަބަލް ނޫން ޕްރޮޖެކްޓްތައް އޯވާ ޓްރޭޑްކޮށްފައި. އެޗްޑީސީ އަކީ އޯވާ ޓްރޭޑްކުރާ ކުންފުންޏެއް. 1،200ރ. ކުރެވޭ ކަންކަން 2،000ރ. އަށް އެބަހުރި ކޮށްފައި،" އޭނާ ވިދާޅުވި އެވެ.

އެޗްޑީސީން ނަގާފައިވާ އެތައް ލޯނަކަށް ސަރުކާރުން ސޮވެރިން ގެރެންޓީ ދީފައިވާ އިރު އެފަދަ ކުންފުނިތައް ޑީފޯލްޓްވާން ނުވަތަ ބަނގުރޫޓުވާން ދޫކޮށްލެވެން ނެތް ކަން އޭނާ ފާހަގަކުރެއްވި އެވެ. އެހެންވެ އެ ކުންފުނި ހިންގުމަށް ސަރުކާރަށް ފައިސާ ދޭން މަޖުބޫރުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ސިޔާސީ ބޭނުންތަކަށް ކުންފުނީގެ މުދަލާއި މީހުން ބޭނުންކުރިކަމުގެ ތުހުމަތުތައް އެންމެ ބޮޑަށް ކުރެވުނު އެއް ކުންފުންޏަކީ އެޗްޑީސީ އެވެ. އެކަން ބެލުމަށްޓަކައި އޮޑިޓް އޮފީހުން ހާއްސަ އޮޑިޓެއް އަންނަނީ ކުރަމުންނެވެ. މި އޮޑިޓްގެ މަސައްކަތް ކުރާތާ އަހަރެއްހާ ދުވަސް ވަނީ ވެފަ އެވެ.

ކުންފުންޏެއް ހިންގުން އެއް ދުވަހުން ހަރުދަނާ ނުކުރެވޭނެ ކަމަށާއި އެކަމަށް ވަގުތު ބޭނުންވާ ކަމަށް އަމީރު ވިދާޅުވި އެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީ، އަޑި އަޅާލާފައިވާ ކުންފުނިތައް ކޮޅަށްޖަހައި ހިންގުން ހަރުދަނާކޮށް، ފައިދާވާ ކުންފުނިތަކަށް ހަދަން ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުރަތަމަ ކަމަކަށް އެބަޖެހޭ ސޮވެރިން ގެރެންޓީދީފައި ހުރި ކޮންޓިންޖެންޓް ލައިބިލިޓީސް ބަޖެޓަށް އަންނަ ވަރު މަދުކުރަން މަސައްކަތް ކުރަން. އެ މަސައްކަތް މިހާރު މިކުރަނީ،" އޭނާ ވިދާޅުވި އެވެ.