Roadha Mihaaru
އޮޓަމެންޑީއަށް އަދަބު ނުދިނުމުން ރެފްރީން ސަސްޕެންޑް

އުޅަނބޮށިން ޖެހި އޮޓަމެންޑީއަށް އަދަބު ނުދިނުމުން ރެފްރީން ސަސްޕެންޑްކޮށްފި

18 ނޮވެމްބަރ 2021

ލޫކެ، ޕެރަގުއޭ (ނޮވެމްބަރު 18) - ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލް އާއި އާޖެންޓީނާ އިއްޔެ ކުޅުނު މެޗުގައި ބްރެޒިލްގެ ރަފީނިއާ މޫނު މަތީގައި އުޅަނބޮށިން ޖެހި އާޖެންޓީނާގެ ނިކޮލަސް އޮޓަމެންޑީ އަށް އަދަބު ނުދިން މައްސަލައިގައި މެޗުގެ އޮފިޝަލުން ސަސްޕެންޑް ކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ލޫކެ، ޕެރަގުއޭ (ނޮވެމްބަރު 18) - ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލް އާއި އާޖެންޓީނާ އިއްޔެ ކުޅުނު މެޗުގައި ބްރެޒިލްގެ ރަފީނިއާ މޫނު މަތީގައި އުޅަނބޮށިން ޖެހި އާޖެންޓީނާގެ ނިކޮލަސް އޮޓަމެންޑީ އަށް އަދަބު ނުދިން މައްސަލައިގައި މެޗުގެ އޮފިޝަލުން ސަސްޕެންޑް ކޮށްފި އެވެ.

ލަނޑެއް ނުޖެހި އެއްވަރުވި މެޗުގެ 33 ވަނަ މިނެޓްގައި އޮޓަމެންޑީ އާއި ރަފީނީއާ އެއް ވަގުތެއްގައި ބޯޅަ އަށް މަސައްކަތް ކުރުމުން އޮޓަމެންޑީގެ އުޅަނބޮށިން ރަފީނިއާގެ މޫނުމަތީގައި ޖެހުނެވެ. ދަނޑު މައްޗަށް ވެއްޓުނު ރަފީނީއާގެ އަނގައިން ލޭ ވެސް އައެވެ.

އެކަމާ ގުޅިގެން މެޗުގައި ރެފްރީކަން ކުރި އުރުގުއޭގެ އޮފިޝަލް އަންޑްރެސް ކުންޔާ، އޮޓަމެންޑީ އަށް ކާޑެއް ވެސް ނުދައްކަ އެވެ. އަދި ވީއޭއާރު ބޭނުން ކުރެވެން ހުރި ނަމަވެސް ވީއޭއާރް ވެސް ބޭނުންކޮށްފައެއް ނުވެ އެވެ.

ދެކުނު އެމެރިކާގެ ފުޓްބޯޅައިގެ މައި އިދާރާއިން ވަނީ މެޗުގެ ރެފްރީ ކުންޔާ އާއި ވީއޭއެރް އޮފިޝަލް ޑެނިއަލް ވެގާ މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްކޮށްފަ އެވެ.

ދެކުނު އެމެރިކާ ފުޓްބޯޅަ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ފެޑެރޭޝަންގެ އުސޫލުތަކާއި ގަވާއިދުތައް ތަންފީޒު ކުރަން ހަމަޖައްސާފައިވާ އޮފިޝަލުން އެކަން ނުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އާޖެންޓީނާ އާއި ބްރެޒިލްގެ ކުރިމަތިލުންތަކަކީ އަބަދުވެސް ވާދަވެރިކަން ބޮޑު މެޗުތަކެކެވެ. ބްރެޒިލް އަތުން ޕޮއިންޓެއް ހޯދައި އާޖެންޓީނާ ވަނީ ދެކުނު އެމެރިކާގެ ދެވަނަ ޓީމުގެ ގޮތުގައި ވޯލްޑް ކަޕަށް ކޮލިފައިވެފަ އެވެ. މާކުރިން ވެސް ބްރެޒިލް ވަނީ މުބާރާތުން ޖާގަ ހޯދައިފަ އެވެ.