Roadha Mihaaru
ކަމިލަ އާއި މެންޑޭޒްގެ ލޯބީގެ ގުޅުމުގައި ސިއްކަ

ދެ އަހަރު ފަހުން ކަމިލަ އާއި މެންޑޭޒްގެ ލޯބީގެ ގުޅުމުގައި ސިއްކަ

19 ނޮވެމްބަރ 2021

ދާދި ފަހުން ރިލީޒްކުރި ފިލްމު "ސިންޑްރެއްލާ" ގެ ޓައިޓްލް ރޯލު ކުޅުނު މަޝްހޫރު ލަވަކިޔުންތެރިޔާ ކަމިލަ ކެބެލޯ އާއި ލަވަކިޔުންތެރިޔާ ޝޯން މެންޑޭޒް ދެ އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ވަކިވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދާދި ފަހުން ރިލީޒްކުރި ފިލްމު "ސިންޑްރެއްލާ" ގެ ޓައިޓްލް ރޯލު ކުޅުނު މަޝްހޫރު ލަވަކިޔުންތެރިޔާ ކަމިލަ ކެބެލޯ އާއި ލަވަކިޔުންތެރިޔާ ޝޯން މެންޑޭޒް ދެ އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ވަކިވެއްޖެ އެވެ.

މިކަމާ ބެހޭ ގޮތުން އެ ދެ މީހުންގެ އިންސްޓަގްރާމްގައި ނެރުނު ބަޔާނެއްގައި ބުނީ ކުރިން އޮތް ލޯބީގެ ގުޅުން މިހާރު ނެތަސް ދެ އެކުވެރިންގެ ގޮތުގައި ދެމިތިބޭނެ ކަމަށެވެ. ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި އެ މީހުންގެ ގުޅުން ފެށުނީ ވެސް ގާތް އެކުވެރިކަމަކުންވާތީ އެ ގުޅުން އަބަދު ވެސް ދެމިއޮންނާނެ އެވެ. އެ މީހުން ބުނީ އެ ނިންމުމަށް ފޭނުން ވެސް އިހުތިރާމް ކުރާނެ ކަމަށް ގަބޫލުކުރާ ކަމަށާއި އެކަމަށް އުންމީދު ވެސް ކުރާ ކަމަށެވެ.

ނަމަވެސް ވަކިވާން ނިންމި ސަބަބާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ހާމައެއް ނުކުރެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކަމިލަ އާއި މެންޑޭޒްގެ ލޯބީގެ ގުޅުމުގެ ފެށުމަކީ 2019 ގެ ޑުއެޓް ލަވަ "ސެނޮރީޓާ" އެވެ. ކަމިލަ، 24، އަކީ ކިއުބާ ދަރިކޮޅުގެ އެމެރިކާ ފަންނާނެކެވެ. މެންޑޭޒް، 23، އަކީ ކެނެޑާ އަށް އުފަން ލަވަކިޔުންތެރިއެކެވެ.

މެންޑޭޒް މިހާތަނަށް ހަތަރު އަލްބަމް ނެރެފައިވާ އިރު އެންމެ ފަހުގެ އަލްބަމަކީ މިދިޔަ އަހަރުގެ "ވޮންޑާ" އެވެ. ކަމިލަ މިހާރު އަންނަނީ ތިން ބަނަ އަލްބަމް "ފެމީލިއާ" ގެ ނަމުގައި ނެރެން ތައްޔާރުވަމުންނެވެ. އޭނާ ސިންޑްރެއްލާގެ ރޯލު ކުޅުނު ފިލްމަކީ ސެޕްޓެމްބަރު މަހު ރިލީޒްކުރި އެއްޗެކެވެ.