Roadha Mihaaru
"ވަން ޑިރެކްޝަން" ގެ މެމްބަރަކަށް ރެކޯޑެއް

ކުރީގެ ބޭންޑް "ވަން ޑިރެކްޝަން" ގެ މެމްބަރަކަށް ރެކޯޑެއް

20 ނޮވެމްބަރ 2021

އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު ބޭންޑް "ވަން ޑިރެކްޝަން" ގެ މެމްބަރުންގެ މެމްބަރުންގެ ތެރޭގައި ހިމެނޭ ލުއީ ޓޮމްލިންސަންގެ ސޯލޯ އަލްބަމް "ވޯލްސް" އާ ގުޅިގެން އޮންލައިން ބޭއްވި ކޮންސެޓެއް ލައިވްސްޓްރީމް ކޮށްގެން އެފަދަ ޝޯއެއްގެ ޓިކެޓް އެންމެ އަދަދަކަށް ވިއްކި ފިރިހެން ފަންނާނުގެ ރެކޯޑް ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު ބޭންޑް "ވަން ޑިރެކްޝަން" ގެ މެމްބަރުންގެ މެމްބަރުންގެ ތެރޭގައި ހިމެނޭ ލުއީ ޓޮމްލިންސަންގެ ސޯލޯ އަލްބަމް "ވޯލްސް" އާ ގުޅިގެން އޮންލައިން ބޭއްވި ކޮންސެޓެއް ލައިވްސްޓްރީމް ކޮށްގެން އެފަދަ ޝޯއެއްގެ ޓިކެޓް އެންމެ އަދަދަކަށް ވިއްކި ފިރިހެން ފަންނާނުގެ ރެކޯޑް ލިބިއްޖެ އެވެ.

ގިނިސް ވޯލްޑް ރެކޯޑަށް ލުއީ އެރީ ސީދާ ކޮން ތަނަކުންކަން ނޭނގޭ ގޮތަށް ލަންޑަންގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ގައި ބޭއްވި "ލައިވް ފްރޮމް ލަންޑަން ޗެރިޓީ ކޮންސަޓް" ގެ 160،000 ޓިކެޓް ވިއްކާލައިގެންނެވެ. ޖުމްލަ 18 ލަވައެއް ހުށަހަޅައިދިން އެ ކޮންސަޓް ލައިވްސްޓްރީމްކުރީ "ވީޕްސް" ކިޔާ ޕްލެޓްފޯމަކުންނެވެ. ކޮންސަޓްގެ ފުރަތަމަ ގަޑިއެއްހާ އިރުގެ ތެރޭގައި އެއް މިލިއަން ޑޮލަރު (75،000 ޕައުންޑް) ވެސް ލިބުނެވެ.

މި ފައިސާގެ ތެރެއިން ބޮޑު ބައެއް ހަދިޔާކުރީ ހަތަރު ޗެރިޓީއަކަށެވެ. އެއީ ކްރޫ ނޭޝަން އާއި ފެއާޝެއާ އާއި ސްޓޭޖް ހޭންޑްގެ އިތުރުން ބްލޫބެލް ވުޑް ޗިލްޑްރެންސް ހޮސްޕައިސްއަށެވެ. އަދި ކޮންސަޓުން ލިބުނު ފައިސާގެ ތެރެއިން ބައެއް ކޮންސަޓްގެ ކްރޫ އަށް ވެސް ދިނެވެ.

ލުއީގެ "ލައިވް ފްރޮމް ލަންޑަން ޗެރިޓީ ކޮންސަޓް" އިން ރެކޯޑެއް ހެދުނުކަން ކަށަވަރުވުމާ އެކު އޭނާ ވަނީ އެކަމުން ލިބުނު އުފާ ވެސް ޓްވިޓާގައި ހިއްސާކޮށްފަ އެވެ. އުމުރުން 29 އަހަރުގެ ލަވަކިޔުންތެރިޔާ ވަނީ އެ ކާމިޔާބީ ލިބުމަށް މަގުފަހިވީ ފޭނުން ކޮންސަޓަށް ދިން ތަރުހީބުން ކަމަށް ބުނެ އެކަމަށް ޝުކުރު އަދާކޮށް، ރެކޯޑެއް ލިބުމަކީ ޝަރަފެއް ކަމަށް ވެސް ބުނެފަ އެެވެ.

"ވަން ޑިރެކްޝަން" 2016 ގައި ރޫޅުނު ފަހުން ބޭންޑްގެ މެމްބަރުން މިހާރު މަސައްކަތް ކުރަނީ ވަކިވަކި ސޯލޯ އާޓިސްޓުންގެ ގޮތުގަ އެވެ. އެ ބޭންޑްގެ މެމްބަރުންގެ ގޮތުގައި ހިމެނުނީ ޒޭން މާލިކް، 28، އާއި ހެރީ ސްޓައިލްސް، 27، އާއި ނިއާލް ހޯރަން، 28، ގެ އިތުރުން ލުއީ އެވެ.