Roadha Mihaaru
ތިނަދު އަށް ފޮނުވާ ޑޮކްޓަރުން ފިލާ މައްސަލަ ބޮޑުވެއްޖެ

ތިނަދު އަށް ފޮނުވާ ޑޮކްޓަރުން ފިލާ މައްސަލަ ބޮޑުވެއްޖެ

23 ފެބުރުއަރީ 2022

ގދ. ތިނަދު އަށް ވަރަށް ފަހުން ވެސް ފަސް ޑޮކްޓަރަކު ފޮނުވާފައިވާ ކަމަށާއި އެ އެންމެން ވެސް ފިލާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ގދ. ތިނަދު އަށް ވަރަށް ފަހުން ވެސް ފަސް ޑޮކްޓަރަކު ފޮނުވާފައިވާ ކަމަށާއި އެ އެންމެން ވެސް ފިލާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ތިނަދޫ ހޮސްޕިޓަލަށް ފޮނުވާ ޑޮކްޓަރުން "ހަރުލާނެ ކަހަލަ އިންތިޒާމެއް ހަމަޖެއްސޭނެތޯ" ބެއްލެވުމަށް ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްމުޣުނީ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ސުވާލު ކުރެއްވުމުން އެކަމަކު އޭނާ ވިދާޅުވީ، އެ ހޮސްޕިޓަލަށް ފޮނުވާ ޑޮކްޓަރުން ފިލައިގެން ދަނީ ކީއްވެ ކަމެއް އަދި ކިހިނެއް ކަމެއް ވެސް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

"މި ފަހުން ވެސް ފަސް ޑޮކްޓަރުން ފޮނުވިން. ހަމަ ފިލައިގެން ދަނީ. ޑޮކްޓަރުން ފޮނުވައި، ކަންކަން އެބަކުރެވޭ. ހިފެހެއްޓޭތޯ ބައްލަވައިދިނުމަކީ ވަރަށް ބޮޑު އެދުމެއް،" ނަސީމް ވިދާޅުވި އެވެ.

އެ ރަށުގައި ޑޮކްޓަރުން ފިލުމުގެ މައްސަލަ ބޮޑުވެގެން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށް ފަހު، ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް ނަސީމް ވިދާޅުވި އެވެ. ޑޮކްޓަރުން ފިލައިގެން ދާ ނަމަ އެއާޕޯޓުން ވެސް މިހާރު ހިފަހައްޓާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ބޮޑު ހަރަދެއް ކޮށްގެން ޑޮކްޓަރުން ގެންނައިރު، އެ މީހުންގެ ފަރާތުން ސަރުކާރަށް ލިބެން ޖެހޭ އުޖޫރަތަކެއް ވެސް ހުންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން ރަށްރަށަށް ފޮނުވާ ޑޮކްޓަރުންނަށް ވާނުވާ ގޮތް ކައިރިން ބަލައި ނުފިލާނެ ގޮތަކަށް އަމަލު ކުރެއްވުމަށް އެދޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ދެން ފުރައިގެން ނުދެވޭނެ، ނޭނގިއެއް ހުއްދައެއް ނުލައެއް. ހޮސްޕިޓަލުގައި މީހުން ހަރުލެވޭނެ ގޮތް ހޯދުމަށް ދެ ފަރާތުން މަސައްކަތް ކުރަންޖެހޭ. ބޭނުންވާ އެހީއެއް ދޭނަން،" ނަސީމް ވިދާޅުވި އެވެ.

އެކި ގައުމުތަކުން ޑޮކްޓަރުން ގެނެސް ރަށްރަށުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ފޮނުވުމަށް ސަރުކާރުން ކޮންމެ އަހަރަކު ވެސް ބޮޑު ހަރަދެއް ކުރެ އެވެ. އެކަމަކު، އެހާ ބޮޑު ހޭދައެއް ކޮށްގެން ގެންނަ ޑޮކްޓަރުން ފިލާ މައްސަލަ ފުރަތަމަ ފަހަރަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސަމާލުކަމަށް ގެނައިއިރު، ރާއްޖެ އަށް އެކަށީގެންވާ ވަރަށް ޑޮކްޓަރުން ނުލިބޭ މައްސަލަ ބޮޑުވެފައިވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.