Roadha Mihaaru
ކިއުބާގެ 26 ސްޕެޝަލިސްޓުން އަންނަމަހު ރާއްޖެ އަންނާނެ

ކިއުބާގެ 26 ސްޕެޝަލިސްޓުން އަންނަ މަހު ރާއްޖެ އަންނާނެ: މިނިސްޓަރު

13 އެޕްރީލް 2022

އެކި ދާއިރާތަކުން ހާއްސަ 26 ޑޮކްޓަރުން އަންނަ މަހުގެ ކުރީކޮޅު ރާއްޖެ އަންނާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެކި ދާއިރާތަކުން ހާއްސަ 26 ޑޮކްޓަރުން އަންނަ މަހުގެ ކުރީކޮޅު ރާއްޖެ އަންނާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ސިއްހީ ހިދުމަތްދޭ ތަންތަނަށް އެކަށީގެންވާ ވަރަށް މުވައްޒަފުން ނުލިބޭ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މެމްބަރަކު ކުރެއްވި ސުވާލަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، ވަޒީފާ އަށް އަލަށް ނެގި މީހުންނަށް ވުރެ ކޮވިޑްގެ ތެރޭގައި ރާއްޖެއިން ފުރައިގެން ދިޔަ ޑޮކްޓަރުން ގިނަ ކަމަށެވެ.

އެހެންވެ، މިއަދާ ހަމައަށް ވެސް އެ ހުސް ތަންތަން ފުރައިނުލެވޭ ކަމަށާއި އެކަމަކު އަންނަ މަހު ކިއުބާއިން އަންނަ ޑޮކްޓަރުންނާއެކު ހިދުމަތްތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި ސަރަހައްދުން ޑޮކްޓަރުން ގެނައުމަށް ވަރަށް ބޮޑަށް ދަތިވެގެން މި އުޅެނީ. ކިއުބާ އިން އަންނަ ޑޮކްޓަރުން އަޅުގަނޑުމެން އުއްމީދުކުރަނީ މޭ މަހުގެ ކުރީކޮޅު އަންނާނެ ކަމަށް. އެއީ 26 ޑޮކްޓަރުން. އެ ޑޮކްޓަރުން އައީމާ ވެސް ކޮންމެ ވެސް ވަރެއްގެ ތަސައްލީއެއް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީން މިދިޔަ މަހުގެ ފަހުކޮޅު ބުނީ ކިއުބާ އިން ގެންނަ ސްޕެޝަލިސްޓުންގެ ތެރޭގައި ސައިކޭޓްރިސްޓުންނާއި ފިޒީޝަނުންނާއި ހޭނައްތާ ޑޮކްޓަރުން އަދި ރޭޑިއޮލޮޖިސްޓުން ހިމެނޭނެ ކަމަށެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު "މިހާރު" އަށް ދެއްވި އިންޓަވިއުގައި މިނިސްޓަރު ވިދާޅުވީ ކިއުބާގެ ޑޮކްޓަރުން ޕަބްލިކް ހެލްތުގެ ދާއިރާއަށް ވަރަށް މޮޅު ކަމަށެވެ. އަދި ތަޖުރިބާއާއެކު ހިދުމަތްތަކަށް ވަރަށް މޮޅުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖެ އަށް އާންމުކޮށް މިހާރު ގެންނަ އިންޑިއާ އާއި ސްރީ ލަންކާ ފަދަ މި ސަރަހައްދުގެ ގައުމުތަކުގެ ޑޮކްޓަރުންގެ މުސާރަ ވެސް މާ ބޮޑެވެ. އެއާ އެކު، ކޮވިޑާ ގުޅިގެން އެ މީހުންގެ ބޭނުން ހިފުން ވެސް ވަނީ އިތުރުވެފައި ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރިން އެކި ދިމަދިމާލުން ޑޮކްޓަރުން ގެންނަން. ހަމަ ނުވެގެން މި އުޅެނީ،" ނަސީމް ވިދާޅުވި އެވެ.

ކިއުބާއިން ވަގުތީ ގޮތުން ތިން މަސް ދުވަހަށް ގެންނަ ޑޮކްޓަރުންނަށް ދޭން ނިންމާފައި ވަނީ 4،000-5،000 ޑޮލަރުގެ މުސާރައެއް ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ. އަދި އެ މީހުން އެސެސްކޮށް ތިން މަސް ދުވަހަށް ފަހު، ދާއިމީ ކުރަންޖެހޭ ނަމަ އެ ކަން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.