Roadha Mihaaru
ލޭގެ ޑޮކްޓަރަކާއެކު ކިއުބާގެ ޑޮކްޓަރުން ރާއްޖެއަށް

ލޭގެ ބަލިތަކުގެ ޑޮކްޓަރަކާ އެކު ކިއުބާގެ ޑޮކްޓަރުން ރާއްޖެ އަންނަން ފަށައިފި

29 ޖޫން 2022

މޯލްޑިވިއަން ބްލަޑް ސާވިސްގައި މަސައްކަތްކުރުމަށް ލޭގެ ބަލިތަކަށް ހާއްސަ ޑޮކްޓަރަކާއެކު، ކިއުބާގެ ބައެއް ޑޮކްޓަރުން މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މޯލްޑިވިއަން ބްލަޑް ސާވިސްގައި މަސައްކަތްކުރުމަށް ލޭގެ ބަލިތަކަށް ހާއްސަ ޑޮކްޓަރަކާއެކު، ކިއުބާގެ ބައެއް ޑޮކްޓަރުން މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް ބޭނުންވާ ޑޮކްޓަރުން ގެނައުމަށް ކިއުބާ ސަރުކާރާ އެކު ހެލްތު މިނިސްޓްރީން ސޮއިކުރީ މިދިޔަ ޑިސެމްބަރު 8ގަ އެވެ. އެ އެއްބަސްވުމުގެ ދަށުން ޑޮކްޓަރުންގެ ފުރަތަމަ ބެޗް މިއަދު ވަނީ ރާއްޖެ އައިސްފަ އެވެ.

މިނިސްޓްރީން ބުނީ އެ ޓީމްގައި ހަތަރު ސްޕެޝަލިސްޓުން ހިމެނޭ ކަމަށެވެ. އަދި އަންނަ އާދިއްތަ ދުވަހު އިތުރު 12 ސްޕެޝަލިސްޓުން އަންނާނެ ކަމަށް ވެސް ބުންޏެވެ.

އެ ޓީމްގައި ހެމޮޓޮލިސްޓަކާއި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގައި މަސައްކަތްކުރުމަށް ސައިކޭޓްރިސްޓަކާއި ދަމަނަވެށީގައި މަސައްކަތްކުރުމަށް ފެމިލީ މެޑިސިން ޑޮކްޓަރަކާއި އަތޮޅު ހޮސްޕިޓަލްތަކުގައި މަސައްކަތްކުރުމަށް އެތެރެހަށީގެ ހާއްސަ ޑޮކްޓަރުންނާއި އޮޕަރޭޝަން ޑޮކްޓަރަކާއި ހޭނައްތާ ޑޮކްޓަރުން އަދި ރޭޑިއޮލޮޖިސްޓެއް ހިމެނެ އެވެ.

ކިއުބާއިން ރާއްޖެ އައި ދެ ޑޮކްޓަރުން، އެއާޕޯޓުގައި މަޑުކޮށްލައިގެން-- ފޮޓޯ: ހެލްތު މިނިސްޓްރީ

ކިއުބާއިން ރާއްޖެ އައި ދެ ޑޮކްޓަރުން، އެއާޕޯޓުގައި މަޑުކޮށްލައިގެން-- ފޮޓޯ: ހެލްތު މިނިސްޓްރީ

ކިއުބާއަކީ އާއްމުންގެ ދުޅަހެޔޮ ސިއްހަތެއް ކަށަވަރުކުރުމަށް ރަނގަޅު ފަރުވާއެކޭ އެއްގޮތަށް ޕްރައިމަރީ ހެލްތު ކެއާއަށް އިސްކަންދޭ ގައުމެކެވެ. އެ ގައުމުގައި ޕްރައިމަރީ ހެލްތު ކެއާ ރާވައި ވަށައިޖެހޭ ހިދުމަތް ދޭ ސިއްހީ ނިޒާމެއް ގާއިމްކޮށްފައިވާތީ އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ވެސް ޕްރައިމަރީ ހެލްތު ކެއާއަށް އިސްކަންދޭ ސިއްހީ ނިޒާމެއް ބިނާކުރުމަށް މިނިސްޓްރީން ކުރާ މަސައްކަތަށް އިތުރު އެހީތެރިކަމާއި ކުރިއެރުން ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު "މިހާރު" އަށް ދެއްވި އިންޓަވިއުގައި މިނިސްޓަރު ވިދާޅުވީ ކިއުބާގެ ޑޮކްޓަރުން ޕަބްލިކް ހެލްތުގެ ދާއިރާއަށް ވަރަށް މޮޅު ކަމަށެވެ. އަދި ތަޖުރިބާއާއެކު ހިދުމަތްތަކަށް ވަރަށް މޮޅުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖެ އަށް އާންމުކޮށް މިހާރު ގެންނަ އިންޑިއާ އާއި ސްރީ ލަންކާ ފަދަ މި ސަރަހައްދުގެ ގައުމުތަކުގެ ޑޮކްޓަރުންގެ މުސާރަ ވެސް މާ ބޮޑެވެ. އެއާ އެކު، ކޮވިޑާ ގުޅިގެން އެ މީހުންގެ ބޭނުން ހިފުން ވެސް ވަނީ އިތުރުވެފައި ކަމަށް ވިދާޅުވި އެވެ.

ކިއުބާއިން ވަގުތީ ގޮތުން ތިން މަސް ދުވަހަށް ގެންނަ ޑޮކްޓަރުންނަށް ދޭން ނިންމާފައި ވަނީ 4،000-5،000 ޑޮލަރުގެ މުސާރައެއް ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ. އަދި އެ މީހުން އެސެސްކޮށް ތިން މަސް ދުވަހަށް ފަހު، ދާއިމީ ކުރަންޖެހޭ ނަމަ އެ ކަން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.