Roadha Mihaaru
ހައްލު ނުލިބިގެން، ފްލެޓް ލިބުނު މީހުން މަގުމައްޗަށް

އާދޭސްތަކަށް ހައްލެއް ނުލިބި، ފްލެޓް ލިބުނު މީހުން މާދަމާ މަގުމައްޗަށް

12 އޯގަސްޓް 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި 6،720 ފްލެޓް ލިބުނު މީހުންގެ ކަންބޮޑުވުންތަކާ އެކު "ފުރަތަމަ ނުކުތުން" ގެ ނަމުގައި މާދަމާ މަގުމައްޗަށް ނުކުންނަން ތައްޔާރުވާން ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި 6،720 ފްލެޓް ލިބުނު މީހުންގެ ކަންބޮޑުވުންތަކާ އެކު "ފުރަތަމަ ނުކުތުން" ގެ ނަމުގައި މާދަމާ މަގުމައްޗަށް ނުކުންނަން ތައްޔާރުވާން ފަށައިފި އެވެ.

ފްލެޓް ލިބުނު މީހުންގެ އެދުމަށް ހިޔާ ޔޫނިއަނުން ބާއްވާ މި ހަރަކާތް އޮންނާނީ މާދަމާ މެންދުރު 2:30 އިން ހަވީރު 5:00 އަށެވެ. އެ މީހުން އެއްވާނީ ހުޅުމާލޭ ފޭސް ދޭއްގެ އެޗް8 އާއި އެޗް12 އާ ދެމެދުގެ މަގަށެވެ.

މި ހަރަކާތުގެ ކުލައެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ހުދު އަދި ފެހި ކުލަ އެވެ.

ފްލެޓް ލިބުނު މީހުންނާ އެކު، މިދިޔަ މަހުގެ 14 ގައި އެއްބަސްވުމުގައި ސޮއިކުރަން ފެށުމުގެ ކުރިން ވެސް އެ މީހުން ވަނީ "ފަހު އާދޭސް" ގެ ނަމުގައި ސަރުކާރަށް ކަންތައްތަކެއް ހުށަހަޅައިފަ އެވެ.

އެކަމަކު "ހިޔާ ޔޫނިއަން" ގެ ވައިބާ ގްރޫޕަށް ފޮނުވި ޕޯސްޓަރެއްގައި ލިޔެ، ހިއްސާކުރުމުން އެ ޔޫނިއަނުން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި އެ ޕޯސްޓަރުތައް އާންމުކުރި ނަމަވެސް ފްލެޓް ލިބުނު މީހުންގެ އާދޭސްތަކަށް ހައްލެއް ނުލިބުނެވެ.

ފްލެޓް ލިބުނު މީހުންގެ މައިގަނޑު ކަންބޮޑުވުމަކީ ދެ ކޮޓަރީގެ މި ފްލެޓްތަކަށް މަހަކު 7،500ރ. އަދި ސާވިސް ފީއަށް 1،000ރ. ނަގަން ނިންމުމެވެ. މީގެ ކުރިން ހިންގި ސޯޝަލް ހައުސިން ސްކީމެއްގެ ދަށުން އެޅި ފްލެޓްތަކަކަށް ވެސް މިހާ ބޮޑު ކުއްޔެއް ނުނަގަ އެވެ. އަދި ފިނިޝިން މަސައްކަތް ވެސް ފްލެޓް ލިބޭ މީހާގެ އަމިއްލަ ހަރަދުގައި ކުރިއަށް ގެންދަން ޖެހޭތީ އެއީ ބޮޑު އަގެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ. އެ މީހުން އެދެނީ މަހު ކުލި 5،600ރ. އަށް ކުޑަކޮށްދިނުމެވެ.

އެކަމަކު ކުލި ކުޑަކުރުމަށް މަޝްވަރާކުރާ ކަމަށް ސަރުކާރުން ބުންޏަސް މިހާތަނަށް ކުލީގެ ގޮތުގައި ކަނޑައެޅި އަދަދަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.

ފްލެޓް ލިބުނު މީހުންގެ ކަންބޮޑުވުންތަކާ އެކު މަގުމަތީގައި ޝުއޫރުފާޅުކުރަން ނުކުތުމަށް ތައްޔާރުވަމުން މި އަންނަނީ ގިނަ ބައެއްގެ ސޮޔާ އެކު ރައީސް އޮފީހަށް ޕެޓިޝަނެއް ހުށަހަޅައިގެން އެކަމަށް ވެސް ހައްލެއް ނުލިބިގެން ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

މަގުމަތީ ހަރަކާތަށް ނުކުތުމަށް ތައްޔާރުވަނީ ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އަމަލުކުރާ ގޮތަށެވެ. އެގޮތުން ތިން ފޫޓުގެ ދުރުމިނެއްގައި ތިބުމަށާއި މާސްކް އެޅުމަށް ފްލެޓް ލިބުނު މީހުންނަށް ޔޫނިއަނުން އަންގަ އެވެ. އަދި މި ހަރަކާތުގައި ކުޑަކުދިން ބައިވެރި ނުކުރުމަށް ވެސް އެދެ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ 25 ބުރީގެ 16 ޓަވަރުގައި 30،000 އަށް ވުރެ ގިނަ މީހުން އުޅޭނެ ކަމަށް ބެލެވެ އެވެ.