Roadha Mihaaru
ހަނގުރާމައަށް ދާން އުޅުނު ދެމަފިރިއަކު ހައްޔަރުކޮށްފި

ދަރިން ދޫކޮށް މާބަނޑު އަނބިމީހާ ގޮވައިގެން ހަނގުރާމަށް ދާން އުޅެނިކޮށް ރާއްޖެ ގެނެސް ހައްޔަރުކޮށްފި

19 ފެބުރުއަރީ 2024

ހަނގުރާމައެއްގައި ބައިވެރިވާން ރާއްޖެއިން ބޭރަށް ގޮސް އުޅެނިކޮށް ދިވެހި ދެމަފިރިއަކު ރާއްޖެ ގެނެސް ހައްޔަރުކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހަނގުރާމައެއްގައި ބައިވެރިވާން ރާއްޖެއިން ބޭރަށް ގޮސް އުޅެނިކޮށް ދިވެހި ދެމަފިރިއަކު ރާއްޖެ ގެނެސް ހައްޔަރުކޮށްފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ދެ މީހުން ހިފެހެއްޓީ ސައޫދީ އަރަބިއްޔާއަށް ދިއުމާ އެކު އެ ގައުމުގެ ފުލުހުންނެވެ. އެ މީހުން ރާއްޖެ ގެނެސް ހައްޔަރުކުރީ މި މަހު ކުރީކޮޅު އެވެ.

އެ ދެމަފިރިންގެ މައުލޫމާތު އެނގޭ މީހަކު ބުނީ އެ މީހުން ހަނގުރާމައަށް ދާން އުޅުނީ ދެ ދަރިން ބައިތިއްބާފައި ކަމަށާއި އަންހެން މީހާ މިހާރު ވެސް އިނީ ބަލިވެ ކަމަށެވެ. ރާއްޖެ ގެނެސް ތިބީ ގޭ ބަންދުގައި ކަމަށް ވަނީ އެނގިފަ އެވެ.

އެ މީހުން ހަނގުރާމައަށް ދާން އުޅުނީ ކޮން ގައުމަކަށް ކަމެއް ނޭނގެ އެވެ. އެކަމަކު ހަނގުރާމައަށް ދާ ގިނަ ދިވެހިން ދަނީ ސީރިއާއަށެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ބުނާގޮތުން ހަނގުރާމަވެރި ސަރަހައްދަކަށް ސަރުކާރުގެ ހުއްދަ ނެތި ދިއުމަކީ ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭ ކުށެކެވެ. އެ ގާނޫނުގެ ދަށުން ސީރިއާގެ ހުރިހާ ސަރަހައްދުތަކަކީ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ކުރިން ވަނީ ކަނޑައަޅާފަ އެވެ.

މިދިޔަ މަހު ސަރުކާރުން ވަނީ ސީރިއާގައި ހަނގުރާމައަށް ގޮސް ތިއްބާ ހާލުގައި ޖެހުނު 21 ދިވެއްސަކު ރާއްޖެ ގެނެސްފަ އެވެ. އެއީ ހަ މީހަކާއި 15 ކުޑަ ކުއްޖެކެވެ. އެ މީހުން ސަރުކާރުގެ އެހީގައި ރާއްޖެ ގެނައުމަށް ފަހު އެ މީހުން މިހާރު ތިބީ ރިހެބިލިޓޭޝަން ސެންޓަރުގަ އެވެ.

ހަނގުރާމައަށް ދިއުމާއި ހަނގުރާމަވެރި ސަރަހައްދުތަކަށް ދިއުމަކީ ރާއްޖޭގެ ގާނޫނުގެ ދަށުން ކުށެއް ކަމަށް ވާތީ ހަނގުރާމަވެރި ސަރަހައްދުތަކުގައި ތިއްބާ ރާއްޖެ ގެނައި ދިވެހިންގެ ތެރެއިން ގާނޫނީ ގޮތުން ފިޔަވަޅު އަޅަންޖެހޭ މީހުންނާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވަނީ ވިދާޅުވެފަ އެވެ. އޭނާ ކުރިން ވިދާޅުވެފައިވާ ގޮތުގައި ހަނގުރާމައަށް ގޮސް އެނބުރި ރާއްޖެ އަންނަން ބޭނުންވާ 100 ވަރަކަށް މީހުން އެބަ ތިއްބެވެ.