Roadha Mihaaru
އެންމެ ގިނައީ ސެކިއުރިޓީއާ ގުޅޭ މައްސަލަތައް: އެޗްޑީސީ

އެންމެ ގިނައީ ސެކިއުރިޓީއާ ގުޅޭ މައްސަލަތައް: އެޗްޑީސީ

22 ނޮވެމްބަރ 2021

ހިޔާ ފްލެޓްތަކާ ގުޅިގެން މި ވަގުތު އެންމެ ގިނައިން ލިބެނީ އެ ތަނުގެ ސެކިއުރިޓީއާ ގުޅޭ މައްސަލަތައް ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހިޔާ ފްލެޓްތަކާ ގުޅިގެން މި ވަގުތު އެންމެ ގިނައިން ލިބެނީ އެ ތަނުގެ ސެކިއުރިޓީއާ ގުޅޭ މައްސަލަތައް ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ބުނެފި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގައި އަދި ހާހެއްހާ އާއިލާ ވެސް ދިރިއުޅެން ފަށާފައި ނުވާއިރު، އެ ސަރަހައްދުގައި މިހާ އަވަހަށް ވައްކަމާއި ފޭރުން އަދި މަސްތުވާތަކެތީގެ މައްސަލަތައް ވަނީ ކަންބޮޑުވާ ދަރަޖަ އަށް ގިނަވެފަ އެވެ. ބޭނުންއިރަކު ބޭނުން މީހަކަށް ފްލެޓަށް ވަދެ ނުކުމެ ހެދުމުގެ ފުރުސަތު މިހާރު އޮތްއިރު އެކަމުގެ ސަބަބުން ފްލެޓްތަކުގައި އުޅޭ މީހުންނަށް ރައްކާތެރިކަން ނެތް ކަމުގެ ޝަކުވާ ދަނީ ކުރަމުންނެވެ.

އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް "މިހާރު" އަށް އިއްޔެ ވިދާޅުވީ، ފްލެޓްތަކުގެ ސެކިއުރިޓީއާ ގުޅޭ މައްސަލަތައް ލިބެމުންދާތީ އެ ކަމަށް ހައްލެއް ހޯދުމަށް ކެމެރާ ހަރުކުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެ މަޝްރޫއުގެ ދަށުން މުޅި ސަރަހައްދު ކަވަރު ކުރެވޭ ގޮތަށް އެ ތަނުގައި ކެމެރާ ހަރުކުރާނެ ކަމަށް ވިދާޅުވި އެވެ.

ހިޔާ ފްލެޓްގެ ފިނިޝިން މަސައްކަތަށް ބޭނުންވާ ސާމާނު ފްލެޓުތަކަށް ގެންދަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހިޔާ ފްލެޓްގެ ފިނިޝިން މަސައްކަތަށް ބޭނުންވާ ސާމާނު ފްލެޓުތަކަށް ގެންދަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފްލެޓްތަކުން ކުލި ނަގަން ފެށުމުގެ ކުރިން އެ ސަރަހައްދުގެ މަގުތައް ހެދުމާއި ފްލެޓްތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިންމައިލުމަށް މަސައްކަތް ކުރަމުން އަންނައިރު، ޕާކުގެ މަސައްކަތާއި ކޮމާޝަލް އޭރިއާތަކުގައި އަސާސީ ހިދުމަތް ދެވޭނެ ތަންތަން ހަދައި ހުޅުވުމާ ގުޅޭ ކަންކަން ވެސް ކުރިއަށް ގެންދާ ކަމަށް އާތިފް ވިދާޅުވި އެވެ.

މީހުން އާބާދުވީމާ ވަރަށް ސާފުކޮށް ފެންނާނެ އެ ތަނުން އަންނާނެ މައްސަލަތައް. ކުރިއާލައި ތައްޔާރުވުމުގެ ގޮތުން އަޅުގަނޑުމެން މި ދަނީ ކެމެރާ ސިސްޓަމް ހަރުކުރަމުން. ބިލްޑިން މެނޭޖު ކުރުމުގައި އެޗްޑީސީން ބަލާނީ ބޮޑަށް ޕްރޮޕަޓީ ބައި. އޭގައި ހުރި މައްސަލަތަކަށް އަޅުގަނޑަށް ހީވަނީ އެހެން އިދާރާތަކާ އެކު މަަސައްކަތް ކޮށްގެން ހެން ދާއިމީ ހައްލެއް ހޯދޭނީ،"--- އާތިފް

އޭނާ ވިދާޅުވި ގޮތުގައި އެޗްޑީސީން މަސައްކަތް ކުރަނީ ކުލި ނުނަގައި މިހާރު މި ހިނގާ މުއްދަތުގެ ތެރޭގައި އެ ކުންފުނިން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ނިންމޭތޯ އެވެ.

"މީހުން އާބާދުވީމާ ވަރަށް ސާފުކޮށް ފެންނާނެ އެ ތަނުން އަންނާނެ މައްސަލަތައް. ކުރިއާލައި ތައްޔާރުވުމުގެ ގޮތުން އަޅުގަނޑުމެން މި ދަނީ ކެމެރާ ސިސްޓަމް ހަރުކުރަމުން. ބިލްޑިން މެނޭޖު ކުރުމުގައި އެޗްޑީސީން ބަލާނީ ބޮޑަށް ޕްރޮޕަޓީ ބައި. އޭގައި ހުރި މައްސަލަތަކަށް އަޅުގަނޑަށް ހީވަނީ އެހެން އިދާރާތަކާ އެކު މަަސައްކަތް ކޮށްގެން ހެން ދާއިމީ ހައްލެއް ހޯދޭނީ،" ހިޔާ ފްލެޓްތަކުގައި ކުރިމަތިވާ އިޖުތިމާއީ މައްސަލަތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޑީއެމްޑީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފްލެޓްގެ އެކްސެސް ކޮންޓްރޯލް ކުރުމުގައި އަމަލުކުރާނެ ސީދާ ގޮތެއް އަދި ނުނިންމާ ކަމަށެވެ. އެކަމަކު ޑޯ އެކްސެސް ސިސްޓަމާ މެދު ވަކި ގޮތެއް ނިންމުމުގެ ކުރިން އެތަނުގައި އުޅޭ މީހުންގެ މަޝްވަރާ ވެސް ހޯއްދަވާނެ ކަމަށް ވިދާޅުވި އެވެ.

"އެ މީހުންގެ ވެސް މަޝްވަރާއާ އެކީގައި ތަން މެނޭޖްކުރުމުގެ ޑިސިޝަންތައް އަޅުގަނޑުމެން ނަގާނީ،" އާތިފް ވިދާޅުވި އެވެ.

އެޗްޑީސީގެ ޑީއެމްޑީ އާތިފް "މިހާރު" އާ އިއްޔެ ވާހަކަ ދައްކަވަނީ: ހިޔާގެ ޓަވަރުތަކަށް މީހުން ވަދެނުކުތުން ކޮންޓްރޯލް ކުރުމަށް އެންމެ އެކަށީގެންވާ މޮޑެލްއަކާ މެދު ވިސްނަވަމުން ގެންދަވާ ކަމަށް ވިދާޅުވި.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެޗްޑީސީގެ ޑީއެމްޑީ އާތިފް "މިހާރު" އާ އިއްޔެ ވާހަކަ ދައްކަވަނީ: ހިޔާގެ ޓަވަރުތަކަށް މީހުން ވަދެނުކުތުން ކޮންޓްރޯލް ކުރުމަށް އެންމެ އެކަށީގެންވާ މޮޑެލްއަކާ މެދު ވިސްނަވަމުން ގެންދަވާ ކަމަށް ވިދާޅުވި.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މާލޭގައި އެޗްޑީސީން މެނޭޖުކުރާ ފްލެޓް އިމާރާތްތަކަށް މީހުން ވަދެނުކުތުމުގައި އެ ކުންފުނިން ވަނީ ހާއްސަ ސެކިއުރިޓީ ނިޒާމެއް ގާއިމުކޮށްފަ އެވެ. އެގޮތުން އެ އިމާރާތްތަކަށް މިހާރު ވަދެވެނީ ހާއްސަ ކާޑެއް އޮންނަ މީހުންނަށް ކަމަށް ވާއިރު ބޮޑު އާބާދީއެއް ވަޒަންވެރިވާ ހިޔާ ފްލެޓްތަކަށް އެންމެ ރަނގަޅު ނިޒާމަކާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށް އާތިފް ވިދާޅުވި އެވެ.

ފްލެޓްތަކަށް އެންމެން ބަދަލުވުމުން އެ ތަނުގެ އާބާދީ 30،000 އިން މައްޗަށް އަރާނެ ކަމަށް ބެލެވޭއިރު އާތިފް ވިދާޅުވީ މިއީ އެޗްޑީސީން އެއް މަޝްރޫއުއެއްގެ ދަށުން ގިނަ ބަޔަކު މެނޭޖްކުރާ ފުރަތަމަ މަޝްރޫއުއަށް ވާތީ އެ ކުންފުނީގެ މަސައްކަތް ވެސް އިތުރުވާނެ ކަމަށެވެ. އެކަމަކު އެތަން މެނޭޖްކުރުމުގެ ގާބިލުކަން އެޗްޑީސީގައި އެބަހުރި ކަމަށާއި އެހެން އިދާރާތަކާ ގުޅިގެން އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.