Roadha Mihaaru
ގެނައުން މަނާ ދޫނިތަކެއް ކަސްޓަމްސްއިން ހިފަހައްޓައިފި

އެތެރެކުރުން މަނާ ގިނަ އަދަދެއްގެ ދޫނި ކަސްޓަމްްސް އިން ހިފަހައްޓައިފި

22 ނޮވެމްބަރ 2021

ފުޅާ ދާއިރާއެއްގައި މާލޭގައި ޕެޓް ވިއްކާ ފިހާރައަކުން، ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައިވާ އެކި ވައްތަރުގެ ގިނަ އަދަދެއްގެ ދޫނި ގެނައުމުން ކަސްޓަމްސް އިން އެ ދޫނިތައް ހިފަހައްޓައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ފުޅާ ދާއިރާއެއްގައި މާލޭގައި ޕެޓް ވިއްކާ ފިހާރައަކުން، ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައިވާ އެކި ވައްތަރުގެ ގިނަ އަދަދެއްގެ ދޫނި ގެނައުމުން ކަސްޓަމްސް އިން އެ ދޫނިތައް ހިފަހައްޓައިފި އެވެ.

ރާއްޖެއަށް އެތެރެކުރާ ދިރޭ އެއްޗެހި ކަސްޓަމްސް އިން ހިފެހެއްޓުމުން އެ އެއްޗެހި ހުންނާނީ ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުން ކަރަންޓީނުކޮށްފަ އެވެ.

ރާއްޖެއަށް ގަވާއިދާ ހިލާފަަށް އެތެރެކުރުމުން ކަރަންޓީނުކޮށްފައިވާ ޝިޕްމަންޓުގައި 120 ދޫނި ހިމެނޭކަން ވަނީ އެނގިފަ އެވެ. އެއީ ތަފާތު އަށް ވައްތަރެއްގެ އަގު ބޮޑެތި ދޫނިތަކެކެވެ. އޭގެ ތެރޭގައި އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންވަޒޭޝަން އޮފް ނޭޗާގެ ރެޑް ލިސްޓުގެ "ނިއާ ތްރެޓެންޑް" ކެޓަގަރީގައި ހިމެނޭ ސަދަން މިލީ އެމެޒޯން ނުވަތަ އެމެޒޯނާ ފެރިސޯނާގެ 10 ދޫނި ވެސް ހިމެނެ އެވެ.

"ނިއާ ތްރެޓެންޑް" އަކީ ކައިރި މުސްތަގުބަލެއްގައި އާބާދީ ވަރަށް ބޮޑަށް މަދުވެ ނެތި ދިއުމުގެ ބިރު ކުރިމަތިވެދާނެ ކަމަށް ބެލެވޭ ކެޓަގަރީ އެވެ.

މީގެ އިތުރުން ވެސް ގުރާ އާއިލާގެ އެކި ވައްތަރުތައް މީގެ ތެރޭގައި ހިމެނެ އެވެ. މި ތަކެތި ރާއްޖެއަށް އެތެރެކުރީ މިދިޔަ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު އެވެ.

މި ދޫނިތައް ރާއްޖެއަށް އެތެރެކުރެވޭ ގޮތަށް ފިޝަރީޒް މިނިސްޓްރީން ގަވާއިދެއް ބަދަލުކުރަން އުޅޭ ކަމުގެ އަޑުތަކެއް އުޅޭތީ އެކަމާ ބެހޭ ގޮތުން ސުވާލުކުރުމުން މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ގަވާއިދަށް އިސްލާހެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމަކު އެއީ މި ދޫނިތައް އެތެރެކުރުމަށް ގެންނަ އިސްލާހެއް ނޫން ކަމަށެވެ.

"މި އިސްލާހު ގެނެސް އެ އަށް އަމަލުކުރަން ފެށޭނެ ދުވަހެެއް ވެސް އަދި ނޭނގޭ. އެހެންވީމާ މިއީ ސީދާ ކަރަންޓީނުކުރި ދޫނިތައް އެތެރެކުރަން ގެންނަ އިސްލާހެއް ކަމަށް އެއީ ހަމަ ދޮގެއް،" އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި މިހާރު ގަވާއިދަށް ގެންނަ ބަދަލުގައި ހިމެނޭނީ ރާއްޖެއަށް އެތެރެކުރުން ހުއްދަ ދޫނިތަކުގެ ލިސްޓަށް އިތުރު ކުރާ ބައެއް ދޫނިތަކުގެ ނަންތަކެވެ. ގަވާއިދު މިހާރު އޮތް ގޮތުން މަނާ ނަމަވެސް ހުއްދަ ލިސްޓަށް އިތުރުކުރަން ޖެހޭ ދޫނިތަކެއް އެބަ ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި ރާއްޖެއަށް އެތެރެކުރުން މަނާ ދޫނި ބައެއް ފަހަރަށް ގެންނަ ކަމަށާއި އެގޮތަށް ގެންނަ އެއްޗެހި ކަސްޓަމްސް އިން ހިފަހައްޓައި ކަރަންޓީނު ޔުނިޓަށް އަބަދުވެސް ގެންދާ ކަމަށެވެ. އެއާޕޯޓްގައި ހުންނަ މި ޔުނިޓް ހުންނަނީ ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގަ އެވެ.