Roadha Mihaaru
ކުށެއް ނެތް ދޫނިތަކަށް މަރުގެ އަދަބު، ކޮން ހަމައެއް؟

ކުށެއް ނެތް ދޫނިތަކަށް މަރުގެ އަދަބު، މިއީ ކޮން ހަމައެއް؟

09 ފެބުރުއަރީ 2022

ގާނޫނާއި ގަވައިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރާ ދިރޭތަކެތި ނައްތާލުމުގެ ގޮތުން މެރުމަކީ އާ ކަމަކަށް ނުވިޔަސް އިއްޔެ އާންމުވި ފޮޓޯތަކާއި ވީޑިއޯތައް ފެނިފައި އެއްވެސް މީހެއްގެ ހިތަށް ކުޅަދާނައެއް ނުވި އެވެ. މާލޭގައި ޕެޓް ވިއްކާ ފިހާރައަކުން، ރާއްޖެއަށް އެތެރެކުރި މަނާކޮށްފައިވާ އެކި ވައްތަރުގެ ގިނަ އަދަދެއްގެ ދޫނި މަރައި ބަރިބަރިއަށް އަތުރާފައި ހުރި މަންޒަރު ފެނުމުން ގަވައިދުތަކާއި އުސޫލުތައް ކޮންމެ ގޮތަކަށް ހުއްޓަސް އާންމުން އައީ ރުޅި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ގާނޫނާއި ގަވައިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރާ ދިރޭތަކެތި ނައްތާލުމުގެ ގޮތުން މެރުމަކީ އާ ކަމަކަށް ނުވިޔަސް އިއްޔެ އާންމުވި ފޮޓޯތަކާއި ވީޑިއޯތައް ފެނިފައި އެއްވެސް މީހެއްގެ ހިތަށް ކުޅަދާނައެއް ނުވި އެވެ. މާލޭގައި ޕެޓް ވިއްކާ ފިހާރައަކުން، ރާއްޖެއަށް އެތެރެކުރި މަނާކޮށްފައިވާ އެކި ވައްތަރުގެ ގިނަ އަދަދެއްގެ ދޫނި މަރައި ބަރިބަރިއަށް އަތުރާފައި ހުރި މަންޒަރު ފެނުމުން ގަވައިދުތަކާއި އުސޫލުތައް ކޮންމެ ގޮތަކަށް ހުއްޓަސް އާންމުން އައީ ރުޅި އެވެ.

އިންޖެކްޝަން ޖަހައިގެން އިއްޔެ މަރާލީ މިދިޔަ އޮކްޓޫބަރު މަހު ރާއްޖެއަށް އެތެރެކުރި ގުރާ އާއިލާގެ އެކި ވައްތަރުގެ 120 ދޫންޏެވެ. މީގެ ތެރޭގައި އަށް ވައްތަރެއްގެ އަގު ބޮޑު ދޫނި ހިމެނޭއިރު އޭގެ ތެރޭގައި އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންވަޒޭޝަން އޮފް ނޭޗާގެ ރެޑް ލިސްޓުގެ "ނިއާ ތްރެޓެންޑް" ކެޓަގަރީގައި ހިމެނޭ ސަދަން މިލީ އެމެޒޯން ނުވަތަ އެމެޒޯނާ ފެރިސޯނާގެ 10 ދޫނި ވެސް ހިމެނެ އެވެ. އެއީ ކައިރި މުސްތަގުބަލެއްގައި އާބާދީ ވަރަށް ބޮޑަށް މަދުވެ ނެތި ދިއުމުގެ ބިރު ކުރިމަތިވެދާނެ ކަމަށް ބެލެވޭ ކެޓަގަރީ އެވެ.

ނެތި ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ބާވަތެއްގެ މި ދޫނިތައް މަރާލުމުގެ ބަދަލުގައި އަނބުރާ ފޮނުވާލަން ފުރުސަތު ދޭންޖެހޭނެ ކަމަށް އެންމެން ވެސް ބުނެ އެވެ. ގަވައިދުގައި ވެސް އޮންނަނީ މިހެން ހިފަހައްޓާ ތަކެތި ނައްތާލުމާއި އަނބުރާ ފޮނުވާލުމުގެ އިހްތިޔާރު ދީފަ އެވެ. އަދި މިކަމަށް ހިނގާ ހަރަދު ވެސް އެ އެއްޗެއް އެތެރެކުރި ފަރާތަކުން ދޭން ޖެހެ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ ދޫނިތައް އަނބުރާ ފޮނުވާލަން ނޫޅެ މަރާލީ ނޫން ކަމަށާއި އެ އެއްޗެހި ގެންދަން ފުރުސަތު ދިންތާ ހަތަރު މަސް ވެއްޖެ ކަމަށެވެ. އެ މުއްދަތުގައި ދޫނިތަކަށް ކާންދީ ބަލަހައްޓައި އެ ހުރިހާ ކަމަކަށް ހަރަދުކުރީ މިނިސްޓްރީން ކަމަށްވެ އެވެ. ދޫނިތައް މަރާލީ އޭގެ ފަހުންނެވެ.

އެހެން ވިޔަސް އާންމުން މިއިން އެއްވެސް ސަބަބެއް ގަބޫލެއް ނުކުރެ އެވެ.

އަނބުރާ ފޮނުވާނުލައި ހުއްޓަސް ދޫނިތައް މަރާލުން ނޫން ގޮތެއް ހަމަ ނުފެނުނީތޯ އާންމުން ސުވާލުކުރެ އެވެ. އެ މީހުންގެ ސުވާލަކީ ދޫނިތައް ފޮނުވާނުލެވެންޏާ ޕާކެއް ކަހަލަ ތަނެއްގައި ނުގެންގުޅެވޭނެތޯ އެވެ.

"ކަށި ޖަހައިގެން ދޫނިތައް މަރާލިއިރު ހަމަ އެއްވެސް ހަމްދަރުދީއެއް ނެތީތޯ. ތި ދޫނިތައް ގެންގުޅޭ މީހުން އެއަށް ކާންދީ ނޫނީ ގަންނަ މީހުން ވެސް މާ ލޯބިން ތި އެއްޗެހި ގެންގުޅޭނެ. މަސްތުވާތަކެތި ގެންނަ މީހުންނަށް ކަމެއް ނުކުރެވެންޏާ އަމިއްލައަށް ދިފާއުވުމުގެ ބާރެއް ނެތް ދޫނިތަކެއް މަރާލެވިގެން ނުވާނެ،" މީހަކު ކުރި ފޭސްބުކް ޕޯސްޓެއްގައިވެ އެވެ.

ގިނަ މީހުންގެ ޝަކުވާ އަކީ މިއީ އެވެ. ގާނޫނުތަކާއި ގަވައިދާ ހިލާފަށް ދޫނިތައް ގެނައި ނަމަ އެކަން ކުރި ބަޔަކަށް ފިޔަވަޅު ނާޅައި އާރެއްބާރެއް ނެތް ދޫނިތަކަށް އަދަބު ލިބުމެވެ.

"އެ ދޫނިތައް އަމިއްލައަށް އައީއެއް ނޫން. ބަޔަކު ގެނައީ. ގަވައިދޭ ކިޔާފައި މިހެން ކަންކުރުމަކީ އިންސާނިއްޔަތުކަމެއް ނެތުން. ބުއްދި ބޭނުންކުރަންޖެހޭ. ފިޔަވަޅު އަޅަންޖެހޭނީ ގަވައިދާ ހިލާފުވި މީހުންނަށް. ދިރޭ އެއްޗެއް ނައްތާލާ ނަމަ ނައްތާލަން ޖެހޭނީ ނުރައްކާތެރި ބައްޔެއް ޖެހިފައިވާ ނުވަތަ ނުރައްކަލެއް އޮތް ނަމަ،" ފާޑުކީ މީހަކު ބުނެފައިވެ އެވެ.

އެއްބަޔަކު ބުނެފައިވަނީ ރާއްޖެއަށް އެތެރެކުރާ ދިރޭތަކެއްޗާ މެދު އަމަލުކުރާ ގަވައިދު އިސްލާހުކުރަންޖެހޭ ކަމަށެވެ.

"މި ތަކެތި މެރީ އިންސާނުންތަ. ހެޔޮ ނުވާނެ މިހާ އަނިޔާވެރި ދިރޭތަކެއްޗާ މެދު އަމަލުކުރަން،" ބަޔަކު މަނާކޮށް ދޫނި އެތެރެކުރުމަކީ އެ ދޫނިތަކުގެ ކުށެއް ނޫން ކަމަށާއި އެ އެތެރެކުރި މީހުން ޖޫރިމަނާކުރަން ގޮވާލާ މީހަކު ބުންޏެވެ.

ދޫނިތައް މަރާލި މައްސަލަ މިހާ ބޮޑަށް ހޫނުވުމުން، އެ ތަކެތި ނައްތާލީ އެޓާނީ ޖެނެރަލްގެ ލަފާ ހޯދުމަށް ފަހު އަދި ގަވާއިދުގައި އެކަމަށް އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެކަމަކު އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ ގަވާއިދާ ހިލާފަށް އެތެރެކުރާ ދޫނިތައް އެ ދޫނި ގެނައި ގައުމަކަށް އަނބުރާ ފޮނުވާލުމުގެ ފުރުސަތު ގަވާއިދުގެ ދަށުން އޮންނަ ކަމަށެވެ. އަދި އެ ހާލަތުގައި ދޫނިތައް އަނބުރާ ފޮނުވާލުމުގެ ހަރަދަށް ޒިންމާވާން ޖެހެނީ ދޫނިތައް ރާއްޖެ ގެނައި ފަރާތަކުން ކަމަށާއި އެކަމަކު އިއްޔެ ނައްތާލި ދޫނިތަކާ މެދު ފިޝަރީޒް މިނިސްޓްރީން އެގޮތަށް އަމަލުނުކުރާ ކަމަށެވެ.

އެ އޮފީހުން ބުނީ އެތަކެތި ކަރަންޓީން ކުރުން ފިޔަވައި، އެތަކެތި އެތެރެކުރި ފަރާތްތަކާ މެދު އެއްވެސް ފިޔަވަޅެއް ފިޝަރީޒް މިނިސްޓްރީން އަޅާފައިނުވާ ކަމަށެވެ. އަދި ފަހުން ގަވާއިދަށް ގެނައި ބަދަލަކާ ގުޅިގެން އެ ފަރާތްތަކާ އެ ދޫނިތައް ހަވާލުކުރުމުގެ ލަފައަކަށް މިނިސްޓްރީން އެދުނަސް އެ ތަކެތި އެތެރެ ކުރިއިރު ގަވާއިދުގައި އޮތްގޮތަށް އަމަލުކުރަން އޭރު ލަފާ ދީފައިވާނެ ކަމަށް ބުންޏެވެ.

މި ދޫނިތައް ރާއްޖެއަށް އެތެރެކުރެވޭ ގޮތަށް ފިޝަރީޒް މިނިސްޓްރީން ގަވާއިދެއް ބަދަލުކުރަން އުޅޭ ކަމުގެ އަޑު ވެސް އެރި އެވެ. އަދި އޭރު ގަވާއިދު އިސްލާހުކުރުމުގެ މަސައްކަތްކުރާ ކަމަށް މިނިސްޓްރީން އެއްބަސް ވިޔަސް އެއީ މި ދޫނިތައް އެތެރެކުރަން ސީދާ ގެންނަ އިސްލާހެއް ނޫން ކަމަށް ބުންޏެވެ. ރާއްޖެއަށް އެތެރެކުރުން މަނާ ދޫނި ބައެއް ފަހަރަށް ގެންނައިރު އެގޮތަށް ގެންނަ އެއްޗެހި ކަސްޓަމްސް އިން ހިފަހައްޓައި ކަރަންޓީނު ޔުނިޓަށް އަބަދުވެސް ގެންދެ އެވެ. އެއާޕޯޓްގައި ހުންނަ މި ޔުނިޓް ހުންނަނީ ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގަ އެވެ.