Roadha Mihaaru
ކޮލިޓީ ދަށް ބޭހެއް ފާމަސީތަކަށް ނުވިއްކޭނެ:އެމްއެފްޑީއޭ

ފެންވަރު ދަށް ބޭސްތަކެއް ފާމަސީތަކުން ނުވިއްކޭނެ: އެމްއެފްޑީއޭ

23 ނޮވެމްބަރ 2021

ބޭސް ސިޓީން ބޭހުގެ ބްރޭންޑް ނަން ފޮހެލައި އަސްލު ނަމުން ވިއްކާ ގޮތަށް އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ހަމަޖެއްސިޔަސް ފެންވަރު ދަށް ބޭސް ނުވިއްކޭނެ ކަން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ދީފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ބޭސް ސިޓީން ބޭހުގެ ބްރޭންޑް ނަން ފޮހެލައި އަސްލު ނަމުން ވިއްކާ ގޮތަށް އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ހަމަޖެއްސިޔަސް ފެންވަރު ދަށް ބޭސް ނުވިއްކޭނެ ކަން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ދީފި އެވެ.

ބޮޑު އަގުގައި ބޭސްވިއްކުމުގެ މަގު ހުޅުވިފައި އޮތް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭހުގެ އަގު ކޮންޓްރޯލްކޮށް ކުރަން ނިންމާފައިވާ އިރު ބައެއް މީހުންގެ އޮތް ކަންބޮޑުވުމަކީ ފެންވަރު ދަށް ބޭސް ވިއްކުމުގެ ބިރެވެ.

ސަރުކާރުން ގެންނަން އުޅޭ ބަދަލުން، ބޭސް ސިޓީގައި ބޭހުގެ އަސްލު ނަން [މިސާލަކަށް ޕެރަސެޓަމޯލް] ނޫން ނަމެއް ޑޮކްޓަރުންނަކަށް ނުލިޔެވޭނެ އެވެ. ބޭސް ސިޓީގައި ޖެނެރިކް ނަން ޑޮކްޓަރުން ލިއުމުން، ދޫކުރާނީ ޕެރަސެޓަމޯލްތޯ ނުވަތަ ޕެނަޑޯލްތޯ، ޕެނަމެކްސް ބްރޭންޑްތޯ ނިންމާނީ ފާމަސިސްޓެވެ.

އެމްއެފްޑީއޭގެ ޑިރެކްޓަރު އައިޝަތު ޖަލީލާ "މިހާރު" އަށް ވިދާޅުވީ އެންމެ ފުރަތަމަ އަގު ކޮންޓްރޯލް ކުރަނީ މާކެޓްގައި މިހާރު ވެސް ހުރި ބޭސްތަކެއްގައި ކަަމަށެވެ. އެހެންކަމުން ކޮލިޓީއަށް އެއްވެސް ބަދަލެއް ނާންނާނެ ކަން ފާހަގަކުރެއްވި އެވެ.

އެއީ އެސެންޝަލް ލިސްޓުގައި ހިމެނޭ 357 ބޭހެކެވެ.

"މި ބޭސްތައް ވިއްކޭނީ ވަކި އަގުތަކެއްގައޭ މި ކަނޑައަޅަނީ. ލޯ ކޮލިޓީގެ ބޭސްތަކެއް އަލަށް ގެނެސްގެން އަގު ކަނޑައަޅަނީއެއް ނޫން. މިހާރު ވެސް މާކެޓްގައި ހުރި ރަނގަޅު ޕްރޮޑަކްޓްތަކުގެ ފިސްކްޑް ޕްރައިޒެއް މި އަންނަނީ،" ޖަލީލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ފާމަސީތަކުގައި ވިއްކާ ބޭސްތަކުގެ ރައްކާތެރިކަމާއި ފެންވަރު ގަވާއިދުން ކަށަވަރު ކުރެ އެވެ. ބޭސްތައް ރާއްޖެ އެތެރެކުރެވެނީ ވެސް ރައްކާތެރިކަން ކަށަވަރުކުރުމުގެ މަރުހަލާގައި އެ އޮންނަ ހުރިހާ ކަމެއް ފުރިހަމަވުމުން ކަން ޖަލީލާ ފާހަގަކުރެއްވި އެވެ.

"އަގު ބޮޑުވާ ކޮންމެ ފަހަރަކީ ބޭސް ކޮލިޓީވުމެއް ވެސް ނޫން. އަގު ބޮޑަސް، ކުޑަޔަސް ރާއްޖެއަށް ބޭހެއް ގެންނަންޏާ އެ ހުންނަ ސޭފްޓީ ކޮލިޓީގެ ހުރިހާ ކަމެއް ބެލުމަށް ފަހު ރާއްޖެ އެތެރެކުރަން ހުއްދަ ދޭނީ،" އޭނާ ވިދާޅުވި އެވެ.

"ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ އަގު ކޮންޓްރޯލް ކުރާކަށް ނޫން، ބޭހުގެ ކޮލިޓީ ހިފެހެއްޓުން."

ޓެސްޓިން ކެޕޭސިޓީ އިތުރުކުރަނީ

ބޭހުގެ އަގު ކޮންޓްރޯލް ކުރުމާ އެކު އެމްއެފްޑީއޭ އިން އަންނަނީ ޓެސްޓިން ކެޕޭސިޓީ އިތުރުކުރަން މަސައްކަތް ކުރަމުންނެވެ. ރާއްޖެ އިން ޓެސްޓް ނުކުރެވޭ ބޭސްތައް މިހާރު ފޮނުވަނީ ސިންގަޕޫރުގެ ލެބޯޓްރީއެއް މެދުވެރިކޮށެވެ.

ޑަބްލިއުއެޗްއޯއިން ގަބޫލުކުރާ ސިންގަޕޫރުގެ ލެބޯޓްރީއަކާ އެކު ރާއްޖެ އިން ވަނީ ބޭސް ޓެސްޓްކުރުމުގެ އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.

ނެޝަނަލް ހެލްތު ލެބޯރެޓަރީން މިހާރު ޓެސްޓް ކުރެވެނީ 61 ބޭހެވެ. އެ ތަނުގެ ގާބިލްކަން މި އަށް ވުރެ އިތުރުކުރަން ސަރުކާރުން ވަނީ ބަޖެޓެއް ހަމަޖައްސައިދީފަ އެވެ. ބައެއް ކަހަލަ މެޝިނަރީޒްތައް ވެސް މިހާރު އައުމުގެ މަގުމަތީގައިވާ ކަމަށް ޖަލީލާ ވިދާޅުވި އެވެ.

ރާއްޖޭގައި ބޭހުގެ އަގު ކޮންޓްރޯލްކުރަން ނިންމީ މި ސަރަހައްދުގެ ގައުމުތަކާ އަޅާބަލާއިރު ވެސް ބޮޑު އަގުގައި ވިއްކާތީ އެވެ. ރާއްޖޭގައި ކޮންޓްރޯލެއް ނެތި ބޭސް ވިއްކަމުންދާ ކަން ޑަބްލިއުއެޗްއޯގެ ރިޕޯޓްތަކުގައި ވެސް ފާހަގަކޮށްފައިވެ އެވެ. އެ ރިޕޯޓްތަކުގައިވާ ގޮތުން ރާއްޖޭގެ ބޭހުގެ އަގުތައް ހުރީ މި ސަރަހައްދުގެ ގައުމުތަކާ އަޅާބަލާއިރު އެވްރެޖް 75.9 ޕަސެންޓް މަތީގަ އެވެ.

"އަޅުގަނޑުމެން ބަލާލާއިރު ވެސް ބޭހުގައި 50-60 ޕަސެންޓުގެ އަގުގެ ތަފާތު އެބަހުރޭ. އެކި ފާމަސީތަކުން މި ގޮތަށް ވިއްކާކަން އަޅުގަނޑުމެންގެ އަތުގައި އެބަހުރި ރެކޯޑް،" އޭނާ ވިދާޅުވި އެވެ.

ބޭހުގެ އަގު ކޮންޓްރޯލްކުރުމަކީ، ބޭހަށް ކުރާ ހޭދައިން 205 މިލިއަން ކުޑަކުރެވޭނެ ކަމެއް ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.