Roadha Mihaaru
އަރަބިއްޔާ އިމާރާތުން ދަރިވަރުންނަށް ނުރައްކަލެއް ނެތް

އަރަބިއްޔާ އިމާރާތުން ދަރިވަރުންނަށް ނުރައްކަލެއް އަދި ނެތް: މިނިސްޓަރު

24 ނޮވެމްބަރ 2021

އަރަބިއްޔާ ސްކޫލު އިމާރާތުގެ ތަނބުތަކުގައި ރެނދުލައިފައި ހުއްޓަސް ދަރިވަރުންނަށް އަދި ނުރައްކަލެއް ނެތް ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

އަރަބިއްޔާ ސްކޫލު އިމާރާތުގެ ތަނބުތަކުގައި ރެނދުލައިފައި ހުއްޓަސް ދަރިވަރުންނަށް އަދި ނުރައްކަލެއް ނެތް ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރުންނާ ސުވާލުކުރުމުގެ ވަގުތުގައި އެކަމާ ގުޅިގެން މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ 2013 ވަނަ އަހަރު ހުޅުވި އަރަބިއްޔާ ސްކޫލު އިމާރާތުގައި ބޮޑެތި ރެނދުތަކެއް ހުރިކަން ފާހަގަވީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ކަމަށެވެ.

އެކަން ފާހަގަވުމާއެކު އިންޖިނިއަރުންގެ ޓީމަކާއި ޕްލޭނިން މިިނިސްޓްރީ ގުޅިގެން އަރަބިއްޔާ އިމާރާތުގެ ވިޝުއަލް އިންސްޕެކްޝަންއެއް ހަދާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ރިޕޯޓު އެޑިއުކޭޝަން މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ އިންސްޕެކްޝަން ރިޕޯޓުގައި މައިގަނޑު ކަމަކަށް ފާހަގަކޮށްފައި އޮތީ ވިޝުއަލް އިންސްޕެކްޝަނަކުން އިމާރާތުގައި ހުރި ގެއްލުންތައް އަންދާޒާކުރަން ނޭނގޭ ކަމަށެވެ. އެހެންވެ އެތަނުގެ ސްޓްރަކްޗަރަލް އެސެސްމަންޓެއް ހެދުމަކީ މުހިންމު ކަމެއް ކަމަށް ގަބޫލުުކޮށް އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

"އެ ރިޕޯޓުގައި ފާހަގަކުރާ ގޮތުގައި އަދިއެއް ދަރިވަރުންނަކަށް ގެއްލުމެއް ނެތް. އަޅުގަނޑުމެން ވަރަށް ކްލޯޒްލީ މޮނީޓާ ކުރަމުން މިދަނީ. ކިރިޔާ ވެސް ދަރިވަރުންނަށް ނުރައްކާ ވާކަން އަޅުގަނޑުމެންނަށް އެނގޭ ހާލަތުގައި އަޅުގަނޑުމެން އެތަނުން ކުދިން ނެރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރުން މިހާރަށް ވެސް އަރަބިއްޔާ ސްކޫލަށް ބޭނުންވާ މަރާމާތު އެނގޭނީ ސްޓްރަކްޗަރަލް އެސެސްމަންޓަށް ފަހު ކަމަށެވެ. އެ އެސަސްމަންޓް ނިމުމަށް ދެ މަހެއްވަރު ބޭނުންވާނެ ކަމަށް ވިދާޅުވި އެވެ.

"...މިހާރު ޕްލޭން ކޮށްފައި އޮތީ މި އަންނަ ސްކޫލު ބަންދަށް އެ މަރާމާތުތައް ކުރެވޭނެ ސްޕީޑުގައި ސްޓްރަކްޗަރަލް އެސެސްމަންޓު ހެދުން. ސްޓްރަކްޗަރަލް އެސެސްމަންޓުގެ ބައެއް ކަންކަން ރާއްޖެއިން ބޭރަށް ފޮނުވައިގެން ވެސް ބަލަންޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް ސެޕްޓެމްބަރު 19، 2013 ގައި ހުޅުވައި، ކިޔަވައިދޭން ފެށިތާ އަށް އަހަރުގެ ތެރޭގައި، އެ ސްކޫލުގެ ތަނބުތަކުގައި ބޮޑެތި ރެނދުލައި ވަރަށް ބޮޑަށް ހުރީ ހަލާކުވެފަ އެވެ. އެހެންވެ ދަރިވަރުންގެ ސަލާމަތްތެރިކަމާ މެދު ބެލެނިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.