ވިލާ ހައި ސްކޫލުގެ ގްރޭޑް 11،12 ގައި ކިޔަވާ ކުދިންނަށް ސަރުކާރުން ކޮންމެ މަހަކު ދޭ އަދަދު ބޮޑު ކޮށްދޭން އެ ސްކޫލުން އެޑިއުކޭޝަން މިނިސްޓްރީގައި އެދިއްޖެ އެވެ.
28 ސެޕްޓެމްބަރ 2022
ވިލާ ހައި ސްކޫލުގެ ގްރޭޑް 11،12 ގައި ކިޔަވާ ކުދިންނަށް ސަރުކާރުން ކޮންމެ މަހަކު ދޭ އަދަދު ބޮޑު ކޮށްދޭން އެ ސްކޫލުން އެޑިއުކޭޝަން މިނިސްޓްރީގައި އެދިއްޖެ އެވެ.
ވިލާގެ ރެކްޓަރު ޑރ. އަހުމަދު އަންވަރު "މިހާރު" އަށް މިއަދު ވިދާޅުވީ، ގްރޭޑް 11،12 އިގެ ކުދިންގެ އަތުން އެންމެ ކުރިން ނަގަމުން އައީ ބޮލަކަށް 2،400ރ. ކަމަށް ވިޔަސް މިހާރުގެ އަދަދަކީ 3،600ރ. ކަމަށެވެ.
އެކަމަކު، އެޑިއުކޭޝަން މިނިސްޓްރީން އޭލެވެލަށް ކަނޑައަޅާފައިވާ ކްރައިޓީރިއާ އަށް ފެތޭ ކުދިންގެ ތެރެއިން [ފަސް މާއްދާ އިން ފާސްވާ ކުދިންނަށް] ކޮންމެ ކުއްޖަކަށް ސަރުކާރުން ކޮންމެ މަހަކު 1،370ރ. ދެ އެވެ. އެ އަދަދު އެޑިއުކޭޝަން މިނިސްޓްރީން ދޭނީ ހަމައެކަނި ސީއެޗްއެސްއީ އިން ޖާގަ ދިނުމުގައި ބަލާ ކްރައިޓީރިއާ އަށް ފެތޭ ކުދިންނަށެވެ.
ވިލާ ހައި ސްކޫލުގެ ކުދިންތަކެއް: އެ ސްކޫލުގެ ގްރޭޑް 11،12 އިގެ ކުދިންގެ އަހުން މިހާރު މަހަކު ނަގަނީ 3،600ރ.---ފޮޓ: ވިލާ ހައި ސްކޫލް
"ގްރޭޑް 11،12 އިގެ ކުދިންގެ އަތުން އަލަށް ފީއެއް ނަގަނީއެއް ނޫން. އަބަދުވެސް ފީއެއް ނަގަން. އެޑިއުކޭޝަން މިނިސްޓްރީން އަބަދުވެސް ކުރާ ކަމަކީ އެ ބޭފުޅުން ކަނޑައަޅުއްވާ އަދަދެއް ކޮންމެ ކުއްޖެއްގެ ބޮލަށް ދެއްވަނީ. އަޅުގަނޑުމެން ވިލާ ހައި ސްކޫލުން ބޭނުންވަނީ އެ އަދަދު ބޮޑުކޮށްދޭން،" ވިލާގެ ރެކްޓަ އަންވަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ކޮންމެ ކުއްޖެއްގެ އަތުން ނަގާ ފީ އަށް ސަރުކާރުން ދޭ އަދަދު ބޮޑުކުރުމުން ބެލެނިވެރިން ދައްކަންޖެހޭ ފީ ކުޑަވާނެ އެވެ.
"އެހެންވެ، އަޅުގަނޑުމެން އެދެނީ އެޑިއުކޭޝަނުން ދެއްވާ އަދަދު ބޮޑުކޮށްދޭން. އޭރަށް ލުއި ވާނީ ކުއްޖާ އަށް،" އަންވަރު ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ކުރުމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު ވިދާޅުވީ، ސަރުކާރުން ދޭ އަދަދު ބޮޑުކޮށްދޭން ވިލާ ހައި ސްކޫލުން އެދިފައިވާ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ރައްޔިތުންގެ މަޖިލިހުގައި މިއަދު ޖަވާބުތައް ދެއްވަނީ.---ފޮޓޯ: މަޖިލިސް
"ރަނގަޅު ގޮތެއް ވޭތޯ މަޝްވަރާ ކުރަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.
ތައުލީމާ ބެހޭ ވަޒީރާ، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަން ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ވަޑައިގަތުމުން ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ސަނީފް ވެސް ވިލާގެ ފީގެ މައްސަލައިގައި ވަޒީރާ ސުވާލު ކުރެއްވި އެވެ.
އާއިޝަތު އަލީ ވިދާޅުވީ، އެ މައްސަލައިގައި ފިނޭންސް މިނިސްޓްރީއާ ވާހަކަ ދައްކައިގެން ހައްލެއް ހޯދަން ރައީސް އޮފީހުން އެދިފައިވާ ކަމަށެވެ.
"އެހެންވީމާ އަޅުގަނޑުމެން މިހާރު އެކޮޅާ މަޝްވަރާ ކުރަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.
މާލޭގައި ސީއެޗްއެސްއީ އާއި ވިލާ ހައި ސްކޫލު ނަގާފައި ދެން ގްރޭޑް 11، 12 އަށް ކިޔަވައިދެނީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގަ އެވެ. އެކަމަކު، ސަރުކާރުން ކަނޑައަޅާފައިވާ ކްރައިޓީރިއާ އަށް ފެތޭ ކުދިންނަށް ސަރުކާރުން ކޮންމެ މަހަކު ދޭ އަދަދަށް ވުރެ އިތުރަށް އަހުމަދިއްޔާ އިން އަމިއްލަ އަށް އެއްވެސް ފީއެއް ނުނަގަ އެވެ.
ނަމަވެސް ސަރުކާރުގެ ކްރައިޓީރިއާ އަށް ނުފެތޭ ކުދިންގެ އަތުން މަހަކު 2،700 އެއްހާ ރުފިޔާގެ ފީއެއް އަހުމަދިއްޔާ އިން ނަގަ އެވެ. އެއީ ނިސްބަތުން ބަލާއިރު ބޮޑު އަދަދެއް ނޫން ކަމަށް އެ ސްކޫލުން ބުނެ އެވެ.
ގްރޭޑް 11،12 އަށް ކިޔަވާ ކުދިންގެ އަދަދު އިތުރުވަމުން އަންނައިރު، މަޖިލިހުގެ މިއަދުގެ ޖަލްސާގައި މެމްބަރު ސަނީފް ކުރެއްވި ސުވާލުގައި ހިމެނޭ އެއް ކަންބޮޑުވުމަކީ އެކަށީގެންވާ އަދަދަކަށް ޖާގަ ނުލިބޭ މައްސަލަ އެވެ.
އޭގެ ޖަވާބުގައި ވަޒީރު ވިދާޅުވީ، ހުޅުމާލޭގައި އިމާރާތްކުރާ ސީއެޗްއެސްއީގެ އިމާރާތް އަންނަ އަހަރު ނިމުމުން، މާލޭގައި ހުރި ސީއެޗްއެސްއީގެ ޖާގައާ އެއް އަދަދަކަށް ދެ ގުނަ އިތުރުވާނެ ކަމަށެވެ.
"މި އަންނަ އަހަރުގެ މާޗު މަހު [ސީއެޗްްއެސްއީގެ އާ އިމާރާތް] ނިންމައިލެވޭނެ. އެހެންވީމާ ދެން އަންނަ އެކަޑެމިކް އިޔާގައި މިހާރު ސީއެޗްއެސްއީ އަށް އެ ނަގާ އަދަދު އިތުރު ކުރެވޭނެ،" އާއިޝަތު އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ކޮންމެ ސްކޫލެއްގައި 11،12 އުފެއްދުމަކީ ހަރަދުގެ ގޮތުން ބަލާއިރު ސަރުކާރުން ކުރެވޭނެ ކަމެއް ނޫނެވެ. އެކަން ކުރާ ނަމަ ރަނގަޅު ލެބޯރެޓަރީ އަކާއި ފެންވަރު ރަނގަޅު މުދައްރިސުން ހޯދަންޖެހެ އެވެ.
"އެހެންވީމާ ވީހާ ވެސް އެންމެ ގާތަކުން ކޮންމެ އަތޮޅެއްގައި 11،12 އަށް ކިޔަަވައި ދެވޭނެ އިންތިޒާުމު ހަމަޖައްސައިދެވޭތޯ މިހާރު އަޅުގަނޑުމެންގެ ފޯކަސް މި ހުރީ. ދެން އޭގެ އިތުރަށް މާލެ ސަރަހައްދުގައި [11،12 އަށް] ޖާގަ އިތުރު ކުރުމަށް،" ވަޒީރު ވިދާޅުވި އެވެ.
އެއްދަންފަޅި އަށް ކިޔަވައިދިނުމުގައި ގޮންޖެހުންތައް!
16 މިލިއަނަށް ދިން ޕްރޮޖެކްޓެއްގެ ލިޔެކިޔުމެއް ނެތް
"އަރަބިއްޔާގެ ބަޖެޓު ނުހިމެނުނީ އިދާރީ އޮޅުމަކުން"
ބޭނުމީ ހިޖުރަކުރި އާއިލާތައް ރަށަށް ދިއުން: މިނިސްޓަރު
ޓީޗަރުކަން ކިޔަވާނެ މީހުނެއް ނުވޭ، ކީއްވެ؟
ފޮތްތަކުގެ މައްސަލަ ހަފުތާއެއް ތެރޭގައި ބަލައި ނިންމަނީ
ނާސްތާ ޕްރޮގްރާމް ޖެނުއަރީގައި އަލުން ފަށަނީ
ސްކޫލު ބަންދުވާއިރަށް ފޮތްތައް ލިބޭނެ: މިނިސްޓަރު
ނިންމުން ބަދަލުކޮށް، ސްކޮލަޝިޕްގެ ފުރުސަތު ފަހިކޮށްދީފި
ސްކޫލްތައް ހުޅުވިއިރު އަހަރެމެން ތައްޔާރުތަ؟