Roadha Mihaaru
ޒާތީ ނިންމުމެއް ކަމުގެ ތުހުމަތަށް ޖަވާބެއް ނުދެއްވި!

މަހްލޫފްގެ މައްސަލަ: ޕީޖީގެ ޒާތީ ނިންމުމެއް ކަމުގެ ތުހުމަތަށް ޖަވާބެއް ނުދެއްވި!

25 ނޮވެމްބަރ 2021

އެމްއެމްޕީއާރުސީގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފަށް ރިޝްވަތުގެ ދައުވާ އުފުލުމަކީ ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމްގެ ޒާތީ ނިންމެވުމެއް ކަމަށް ދައްކަން އާއްމުކުރި ޗެޓޮ ލޮގާ ގުޅޭ ގޮތުން ވާހަކަ ދައްކަވަން ޕީޖީ ދެކޮޅު ހައްދަވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްއެމްޕީއާރުސީގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފަށް ރިޝްވަތުގެ ދައުވާ އުފުލުމަކީ ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމްގެ ޒާތީ ނިންމެވުމެއް ކަމަށް ދައްކަން އާއްމުކުރި ޗެޓޮ ލޮގާ ގުޅޭ ގޮތުން ވާހަކަ ދައްކަވަން ޕީޖީ ދެކޮޅު ހައްދަވައިފި އެވެ.

ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ އެ މައްސަލައިގައި ވާހަކަ ދައްކާނީ ކޯޓުގައި ކަމަށެވެ. މަހްލޫފް އާއްމުކުރެއްވި ޗެޓު ލޮގާ ގުޅޭ ގޮތުން އަމާޒުކުރާ ފާޑުކިއުންތަކާއި އިތުބާރާ މެދު އުފައްދާ ސުވާލުތަކަށް އެ އޮފީހުގެ ޖަވާބެއް ނެތެވެ.

ތަހުގީގީ އިދާރާތަކުން ފޮނުވި މައްސަލައިގައި ފަސް މަސް ފަހުން ދައުވާކުރުމަކީ މަހްލޫފް ވިދާޅުވި ގޮތުގައި ޒާތީ ނިންމުމެކެވެ. ޕީޖީގެ އެ ދައުވާއާ މެދު ސުވާލު އުފައްދަވައި އޭނާ އާއްމުކުރެއްވި ޗެޓު ލޮގުގައި، ޝަމީމް ވަނީ މަހްލޫފަށް ދައުވާ އުފުލުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ.

ދައުވާ ލަސްވެގެން ސުވާލުކުރުމުން ޝަމީމް ވިދާޅުވި ކަމަށް ބުނާ މެސެޖެއްގައި އޮންނަނީ "ބޭކާރު ގޮތުގައި ފުއްޕީމަ ވާގޮތް" ކަމަށެވެ. މި މެސެޖުތަކުގައި ޕީޖީ ޝަމީމް ވާހަކަ ދެއްކެވީ މަހްލޫފްގެ ޕީއޭ، އަޒްމޫން އަހްމަދާ އެވެ.

މިނިސްޓަރު މަހުލޫފްގެ ޓުވީޓް

މިކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި ގާނޫނީ ބައެއް ވަކީލުން ވިދާޅުވީ ޕީޖީ އޮފީހުން ދައުވާކުރާ މައްސަލަތަކާ ގުޅޭ ގޮތުން އެކި މީހުންނާ ވާހަކަ ދެއްކުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އާއްމުކޮށްފައި އޮތް ޗެޓު ލޮގަކީ ސައްހަ އެއްޗެއް ނަމަ ޕީޖީ އަމަލުކުރައްވާފައި ވަނީ މައްސަލައާ މެދު ނުބައި ތަސައްވުރެއް އުފެދިދާނެ ގޮތަށް ކަމަށް ވެސް ބައެއް ބޭފުޅުން ވިދާޅުވެ އެވެ.

އެކަމަކު ވެސް މައްސަލަތަކުގައި ދައުވާ އުފުލަނީ ހެކި ހުރި ވަރެއްގެ މައްޗަށް ކަން ވަކީލުން ފާހަގަކުރެއްވި އެވެ. މަހްލޫފް ކުރެއްވިޔަސް، އެގޮތަށް ދެއްކެވޭ ވާހަކަތައް، ސިޔާސީ މީހުންގެ އަމިއްލަ މަސްލަހަތަށް އާއްމުކުރުމަކީ ވެސް ރަނގަޅު ކަމެއް ނޫން ކަމަށް ބައެއް ބޭފުޅުން ވިދާޅުވި އެވެ.

މަހްލޫފްގެ މައްޗަށް އުފުލީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ށ)ގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާ ކަމަށެވެ. ޕީޖީ އޮފީހުން ބުނި ގޮތުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަތުން މަހްލޫފް ރިޝްވަތު ހިފާފައި ވަނީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު ކަމުގައި މަހްލޫފް ހުންނެވިއިރު، ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް، ވޯޓުދިނުމުގެ މުގާބިލްގަ އެވެ.

މަހްލޫފްގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފައި ވަނީ އެމްއެމްޕީއާރުސީގެ ފައިސާ އިން މަނީ ލޯންޑްރިން ހިންގި ކުންފުނި، އެސްއޯއެފުން މަހްލޫފަށް ޖަމާކޮށްދިން 33،000 ޑޮލަރަކީ ސިޔާސީ ގޮތުން ބޭނުންވި ވަކި މަގްސަދުތަކެއް ހާސިލްކުރުމުގެ މުގާބިލްގައި ދީފައިވާ ފައިސާއެއްކަން ތަހުގީގަށް އެނގިފައިވާ ކަަމަށެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލްގައި ލިބިފައިިވާ ފައިސާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

އޭސީސީން ބުނި ގޮތުގައި މެލޭޝިއާގައި ހުންނެވުމަށް ފަހު މަހްލޫފް ރާއްޖެ ވަޑައިގަތީ އެސްއީޒެޑް ބިލް ފާސްކުރަން އޮތް ދުވަހު ސީދާ ވޯޓަށެވެ. އެ ބިލް ފާސްކުރީ އޮގަސްޓް 27، 2014، ގަ އެވެ.

އެ ކޮމިޝަނުން ބުނެފައިވާ ގޮތުގައި އެ ވޯޓަށް ފަހު އަދީބު އާއި މަހްލޫފާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް، އަހްމަދު މަހްލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހްތަކާއި ގުޅުވުމުން، އަހްމަދު މަހްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ އިސްވެ ދެންނެވުނު ފައިސާއަކީ، އަހްމަދު އަދީބު، އަހްމަދު މަހްލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަހުގީގުން އެނގެ އެވެ.

ތުހުމަތުތަކުން ދިފާއުވުމަށް މަހުލޫފު ކުރިން ވިދާޅުވީ، އެ ފައިސާ ލިބުނު މުއާމަލާތަކީ ޑޮލަރު ގަތުމުގެ ސައްހަ މުއާމަލާތެއް ކަމަށެވެ. ފައިސާ ދިން އެސްއޯއެފުން ބޭނުންކުރީ އެމްއެމްޕީއާރުސީގެ ފައިސާކަން އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.